English Edition
Dhivehi Edition

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހިއްސާދާރުންނަށް ހިއްސާ ގަތުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިިފި އެވެ.

އެމްޓީސީސީގެ ހިއްސާދާރުންނަށް ރައިޓްސް އިޝޫކުރުން އިފްތިތާހް ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އެކުންފުނީގެ ހިއްސާދާރުންނަށް، ހިއްސާއެއް 62 ރުފިޔާއަށް ވިއްކުމަށް ފުރުސަތު ހުޅުވާލާފަ އެވެ. ރައިޓްސް އިޝޫކުރުން އިފްތިތާހް ކޮށްދެއްވާ އެ ކުންފުނީގެ ޗެއާމަން އަހްމަދު ނިޔާޒް ވިދާޅުވީ މިރައިޓްސް އިޝޫގެ ތެރެއިން ކުންފުނީގެ ހިއްސާދާރުން ބައްލަވައިގެންފައިވާ ކޮންމެ ހިއްސާއަކަށް، ހިއްސާއެއް ގަތުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ. މީގެ އިތުރުން ހިއްސާދާރަށް ހިއްސާ ގަތުމަށް ލިބިފައިވާ ހައްގު، ހިއްސާދާރު އިހްތިޔާރުކުރާ ގޮތަކަށް އެހެން ފަރާތަކަށް ބަދަލު ކުރެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޓީސީސީގެ ޗެއާމަން އަހުމަދު ނިޔާޒު ވިދާޅުވީ، މިފަހަރު ހިއްސާ ގަތުމަށް ހުޅުވާލައިފައިވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބިފަރާތްތަކަށް އެކަނި ކަމަށެވެ. ނަމަވެސް އެ ހިއްސާދާރަކު ދީފިނަމަ ހިއްސާ ގަތުމުގެ ފުރުސަތު އާންމު ފަރާތްތަކަށްވެސް ލިބިގެންދާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނީގެ ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކަން ހުޅުވާލަނީ އެ ކުންފުނިން ބަނދެގެން ބޭރުން ގެންނަ ޑްރެޖަރު މަހާޖައްރާފު ބަންނަން ސަރުކާރުން ދިން 11 މިލިއަން ޑޮލަރުގެ ލޯނުގެ ބަދަލުގައި ސަރުކާރަށް ކުންފުނީގެ ހިއްސާ ދިނުމަށެވެ. މިގޮތުން ހިއްސާ މޫނުމަތީ އަގު 50 ރުފިޔާއިން އިން ފަސް ރުފިޔާ އަށް ދަށްކޮށް، ކޮންމެ ހިއްސާއަކަށް އިތުރު އެއް ހިއްސާ ދިނުމަށް އެ ކުންފުނިން އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާ އިން ފާސްކޮށްފައިވެ އެވެ. އެގޮތުން ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކައިގެން 305 މިލިއަން ރުފިޔާ ހޯދުމަށް ނިންމާފައިވެ އެވެ.
އެމްޓީސީސީގެ ހިއްސާދާރުންނަށް ހިއްސާ ވިއްކަން ހަމަޖެހިފައިވާ އަގަކީ ހިއްސާ އަކަށް 62 ރުފިޔާއެވެ. އަދި ހިއްސާ ގަތުމުގެ ފުރުސަތު އަންނަ މަހުގެ 19 އިން ފެށިގެން ޑިސެންބަރު މަހުގެ ތިންވަނަ ދުވަހާ ހަމައަށް ހުޅުވާލާނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި ހިއްސާ އެކަށައެޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 24 ގައިކަމަށްވެސް އެމްޓީސީސީން ބުންޏެވެ.