English Edition
Dhivehi Edition

އަންނަ މަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސާޝިޕް، އުރީދޫ މޯލްޑިވްސް އިން ނަގައިފިއެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސާޝިޕް ދިވެހިރާއްޖޭގެ މުވާސަލާތީ ކުންފުނި އުރީދޫ އިން ނެގިކަން މިއަދު ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. މިއާއި އެކު އުރީދޫ ވެގެން ގޮސްފައިވަނީ މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުކަން ހޯދި ރާއްޖެއަށް ނިސްބަތްވާ ފުރަތަމަ ކުންފުންޏަށެވެ. އުރީދޫ މޯލްޑިވްސް އަކީ ގަތަރުގެ މަލްޓި ނޭޝަނަލް މުއާސަލާތީ ކުންފުނި އުރީދޫން ރާއްޖޭގައި ހިންގާ ރާއްޖެއަށް ނިސްބަތްވާ ކުންފުންޏެކެވެ.
އުރީދޫއިން ހޯދި ޝަރަފުވެރި ސްޕޮންސާޝިޕާ އެކު މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ނަމަކަށް ބޭނުން ކުރާނީ “އުރީދޫ ސާފް ޗެމްޕިއަންޝިޕް”، މިފަދައިންނެވެ.

 

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒު ވިދާޅުވީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. “ފުޓުބޯޅައަކީ އަޅުގަނޑުމެން ދިވެހިންގެ ލެޔާއި ގުޅިފައިވާ ކުޅިވަރެއް. ހަމަ އެހެންމެ އުރީދޫއާވެސް ވަރަށް ގާތް ކުޅިވަރެއް. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވުމީ އަޅުގަނޑުމެން އެންމެންވެސް ވަރަށް ފަޚުރުވެރިވާކަމެއް. ގައުމީ ފޯރީގައި ބައިވެރިވެ، ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސާގެ ގޮތުގައި، ފޯރިއާއެކު ކުލަގަދަކޮށް މި މުބާރާތް ގެންދިޔުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް އަޅުގަނޑުމެން މިތިބީ އަތުކުރި އޮޅާލައިގެން” ނިޔާޒު ވިދާޅުވިއެވެ.