ދުނިޔޭގެ އެންމެ އެންމެ ‘ގޯސް’ ޓީމުގެ ނަމުން މަޝްހޫރު ވެފައިވާ ބްރެޒިލްގެ ފުޓްބޯޅަ ޓީމެއް މެޗުތަކުން މޮޅުވާން ފެށުމުން ސަޕޯޓަރުން ހިތްހަމަ ނުޖެހުން ފާޅު ކޮށްފިއެވެ.
މި ދިޔަ ދެ އަހަރަށް ބަލާއިރުވެސް ބްރެޒިލްގެ އިބިސް ސްޕޯޓްސް ކްލަބު ކުޅުނު އެންމެ މެޗަކުން ވެސް މޮޅުވެފައެއް ނުވެއެވެ. އެ ޓީމް ކުޅެމުން ދަނީ ބްރެޒިލްގެ އެންމެދަށް ޑިވިޝަނުގައެވެ. ނަމަވެސް އެ ޓީމު މިހާރު ކުޅެމުންދާ ޕަނަމްބޫކޯ ސްޓޭޓް ޗެމްޕިއަންޝިޕްގައިވަނީ ވިދިވިދިގެން ތިން މެޗު ކާމިޔާބު ކޮށްފައެވެ. އަދި 4 ވަނަ މެޗު ކާމިޔާބު ކޮށްފިނަމަ ޓީމު އަމިއްލަ ރިކޯޑެއް ގާއިމު ކުރާނެއެވެ.
ޓީމް މޮޅުވާން ފެށުމުން އެ ޓީމުގެ ސަޕޯޓަރުންވަނީ އެކަމަށް ފާޑު ކިޔައިފައެވެ. ސަބަބަކީ އެ ޓީމު މަޝްހޫރު ވެފައި އޮންނަނީ އެންމެ ބަލިކަށި ނުވަތަ ދުނިޔޭގައި ވެސް އެންމެ ގޯސް ޓީމުގެ ގޮތުގައެވެ. އެހެން ކަމުން ޓީމު މޮޅުވާން ފެށުމުން ޓީމުގެ އަސްލު ގެއްލޭ ކަމަށް ސަޕޯޓަރުން ބުނެއެވެ.
އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުން 0-1 އިން މޮޅު ވުމުން އެ ޓީމުގެ ބައެއް ސަޕޯޓަރުން ވަނީ ކުޅުންތެރިން އުފާފާޅުކުރަން ތިބިތަނަށް ގޮސް އަޑު އުފުލައިފައެވެ. އެމީހުންވަނީ ކުރިއަށްހުރި މެޗުތަކުން މޮޅުނުވުމަށް ޓީމުގެ ކުޅުންތެރިންގެ ކިބައިން އެދިފައެވެ.
ބައެއް ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި އެވާހަކަ ދައްކައިފައެވެ. އެމީހުން ބުނި ގޮތުގައި ޓީމު މޮޅުވާން ފެށުމުން ޓީމު އާދައިގެ ޓީމަކަށް ބަދަލުވެއެވެ. އެގޮތުން ޓީމުގެ އަސްލު ގެއްލި ޓީމުގެ މުހިންމުކަން ނެތިދާ ކަމަށެވެ. ޓީމު މޮޅުވަނީ ކޯޗުގެ މައްސަލައަކުން ކަމަށްވެސް އެމީހުން ބުނެއެވެ.
އެ ޓީމަށް ދުނިޔޭގެ އެންމެ ގޯސް ޓީމުގެ ލަގަބު ލިބިގެން ދިޔައީ 1980 އިން 1984 އަށް އެޓީމު 3 އަހަރާއި 11 މަސް ވަންދެން ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވުމުން ގިނިސް ބުކްއޮފް ވޯލްޑް ރިކޯޑްސްއަށް އެންމެ ގޯސް ޓީމުގެ ގޮތުގައި އެރި ހިސާބުންނެވެ.
ޓީމުގެ މެރެޑޯނާ ކަމަށް ބުނާ ކުރީގެ ޓީމުގެ މިޑް ފީލްޑަރެއް ކަމަށްވާ މައުރޯ ޝޭމްޕޫ ވެސް ވަނީ މޮޅުވުމުން ފާޑު ކިޔައިފައެވެ. ދިހަ އަހަރުވަންދެން ޓީމަށް ކުޅުނުއިރު ޖަހައިފައިވާނި އެންމެ ލަނޑެއް ކަމަށްވެސް ބުންޏެވެ.
ކްލަބުގެ ރައީސް އޮޒިރު ޖޫނިއާ ބުނިގޮތުގައި ކްލަބުގެ އަމާޒަކީ ސްޓޭޓް ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަން ގައި ކުޅުން ކަމަށެވެ. ޓީމު ކުއްލިއަކަށް މޮޅުވާން ފެށީ އާ ކުޅުންތެރިން ޓީމާ ގުޅުމުންނެވެ. އަދި އެންމެ ގޯސް ޓީމުގެ ލަގަބަކީ އަށްޑިހައިގެ އެއްޗެއް ކަމަށް އެނާ ވަނީ ސިފަކޮށްފައެވެ.
ގިނަ މީހުން ދެކޭ ގޮތުގައި އެޓީމު ދެން ކިތަންމެ ދުރަކަށް ދިޔަޔަސް އެމީހުންގެ އެ ލަޤަބު ނުގެއްލޭނެއެވެ. ސަބަބަކީ އެމީހުން މަޝްހޫރު ވެފައިވަނީ ދުނިޔޭގެ އެންމެ ބަލި ޓީމުގެ ގޮތުގައި ކަމުންނެވެ.