English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް އެންމެ ސައްހަ ނޫން މައުލޫމާތު ވެސް ދެވިފައި އެބަހުރި ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ށ. ފޭދޫ، ބިލެތްފަހި، ގޮއިދޫ، އަދި ނޫމަރާގެ ފެނާއި ނަރުދަމާ އާ ގުޅިގެން ސުވާލުކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އަސްލަމް ހާޒިރު ކުރެއްވުމުންނެވެ.

މިނިސްޓަރު އަސްލަމް މަޖިލީހަށް ހާޒިރު ކުރުމުން، ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގަމުންދާ އަދި ހިންގުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން މެމްބަރުން ސުވާލުކުރައްވާފައިވާއިރު އަސްލަމް ވިދާޅުވީ މިއަދު އޭނާ ހާޒިރުވީ ފެނާއި ނަރުދަމާގެ މަޝްރޫއެއްގެ ސުވާލަކަމަށް ވާތީވެ، މައުލޫމާތު އެއްކޮށް ތައްޔާރުވެވަޑައިގަތީ އެ މަޝްރޫއުތަކާ ގުޅޭ ގޮތުން ކަމަށެވެ.އަދި ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވުމުގައި ރަނގަޅަށް ތައްޔާރުނުވެ ހާޒިރުވެވަޑައިގެންނެވުމުގެ ސަބަބުން، ބައެއް ސައްހަ ނޫން ވާހަކަ ދެކެވިފައި ހުރިކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އިތުރަށް އަސްލަމް ވިދާޅުވީ އެއީ އެއްވެސް ހާލަތެއްގައި ދޮގު ހެދުމުގެ ނިޔަތުގައި ކުރި ކަމެއް ނޫންކަމަށާއި އެހެންކަމުން އެންމެ ރަނގަޅު މައުލޫމާތު ނުދެވޭތީ މިއަދުގެ ސުވާލުތަކަށް ޖަވާބުދާރީވާން ބޭނުން ނޫންކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އަސްލަމާ މެންބަރުން ކުރެއްވި ގިނަ ސުވާލުތަކުގެ ޖަވާބު ދެއްވުމަށް އުޒުރުވެވަޑައިގެންނެވުމާއި ގުޅިގެން މެންބަރުން ވަނީ އެކަމާ ޝަކުވާ ކުރައްވާފައެވެ.