English Edition
Dhivehi Edition

ބުންޑެސްލީގާގައި ރޭ އަމިއްލަ ދަނޑުގައި 3-2 އިން ކޮލޯން ބަލިކޮށް ބަޔާން މިއުނިކުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. އެ ޓީމުން ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލުންނެވެ. ބަޔާނުން ލީޑްނެގިތާ 8 މިނެޓުފަހުން، އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ޖަރުމަނުގެ ހަލުވި ވިންގާ ސާޖް ނެބްރީ އެވެ.

އޭގެފަހުން، ދެ މިނެޓުގެ ތެރޭގައި ވައްދާލި ދެލަނޑާއެކު ކޮލޯން އިން ވަނީ އެއްވަރުކޮށްފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި އެންތަނީ މޮޑެސްޓޭ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައިވަނިކޮށް، އޭގެ ދެ މިނެޓުފަހުން މާކް އުތު ވަނީ ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ. އެކަމަކު، މެޗު ނިމެން 19 މިނެޓަށްވެފައިވަނިކޮށް ނެބްރީ ވަނީ ބަޔާނަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ލީގުގައި މި ހަފްތާގައި ކުޅުނު މެޗުތަކަށްފަހު ސައްތައިގެ ރެކޯޑަކާ އެކު އޮތީ ވުލްފްސްބާގް އެކަންޏެވެ. ބަޔާންގެ އިތުރުން ހޮފެންހައިމް އަދި ބަޔާ ލެވަކޫސަން އަށް މިހާތަނަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ބަޔާނާ އެންމެ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑުން އެންމެ ފަހުން ރަށުން ބޭރުގައި ފްރެއިބާގާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވިއިރު، އާރްބީ ލީޕްޒިގުން ވަނީ އަމިއްލަ ދަނޑުގައި 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވީއެފްބީ ސްޓުޓްގާޓް އަތުން މޮޅުވެފައެވެ.