ބާރުގަދަ ބާވަތެއްގެ މަސްތުވާތަކެތި ދައުރަވަމުންދާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.
ރޭ “ސަން” އަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ ބާރުގަދަ ބާވަތެއްގެ މަސްތުވާތަކެތި ދައުރަވަމުންދާ ކަމުގެ މައުލޫމާތު ފުލުހުން ދީފައިވާ ކަމަށެވެ. އަދި އެކަމަކީ ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެއްކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވަނީ ވިދާޅުވެފައެވެ.އަޒްލީން އަހްމަދު ވިދާޅުވީ އާ ބާވަތެއްގެ ނުވަތަ އާންމުކޮށް ނުފެންނަ ވައްތަރުގެ ޕާޓީ ޑްރަގްސް ފެނިފައިވާ ކަމަށާއި އާންމުކޮށް ހިނގާ ހުރިހާ ޖަރީމާއަކަށް މަގުފަހި ކުރުވާ ކަމަކަށް މަސްތުވާތަކެތި ވެގެން ގޮސްފައިވާކަމަށެވެ.
ކުއްލި ގޮތަކަށް ހުޅުމާލެއިން މަރުވި ދެ ޒުވާނުންގެ މަރާއެކު “ޕާޓީ ޑުރަގްސް”ގެ ވާހަކަ އާންމުވެފައިވާއިރު މީގެ އަހަރުތަކެއް ކުރިން މާލެ އާއި ހުޅުމާލޭގައި ދެ ޒުވާނަކު މަރުވެފައި އޮއްވާ ފެނުމުން ވެސް، ޕާޓީ ޑްރަގްސްގެ ވާހަކަ ފެތުރުނެވެ.