ލިޔުނީ: މުޙައްމަދު ހިޒްޔަމް ޝަމްސުއްދީން ސްކޫލް/
ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން މުސްލިމުން ވަނީ ދެ މުނާސަބަތެއް ފާހަގަ ކޮށްފައެވެ. އަޟްޙާ ޢީދާއި ޙިޖުރީ އައު އަހަރެވެ. މިހާ ކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި މި ހުރިހާ މުނާސަބަތެއްގައި އަޅުގަނޑުމެން ބައިވެރިވެ، ފާހަގަކުރުމުން ދޭހަ ވެގެން ދަނީ އަހަރެމެންގެ ޘަޤާފަތާ މެދު އަހަރެމެންގެ ހިތްތަކުގައި ވާ ލޯތްބެވެ. އާދެ! ޘަޤާފަތަކީ ކޮބައިތޯ؟ ކުރުކޮށް ދަންނަވަންޏާ، ޘަޤާފަތަކީ އަަހަރެމެންގެ ދިރިއުޅުން ހުންނަ ގޮތެވެ. ބަހާއި، އާދަކާދަތަކާއި، އަޚްލާޤާއި، ދިނާއި، ކެއުން ބިއުމުގެ ކަންތަކާއި، މިއުޒިކާއި، ފަންނާއި، ޙާއްޞަ މުނާސަބާތަކަކީ ޘަޤާފަތުގެ އަސްލެވެ. ޘަޤާފަތުގެ ޙަޤީޤީ މާނައެވެ. ނަމަވެސް، ޘަޤާފަތް އަހަރެމެންނަށް މުހިންމު ވަނީ ކީއްވެގެން ހެއްޔެވެ؟ ޘަޤާފަތް ނެތިދިއުމުގެ ބިރު ވަންޏާ، ޘަޤާފަތް ދަމަހައްޓަން އުޅެނީ ކީއްވެގެން ހެއްޔެެވެ؟ އާދެ! މި ސުވާލުތަކުގެ ޖަވާބު ވަރަށް ފަސޭހައެވެ. ޘަޤާފަތާ ނުލާ އަޅުގަނޑުމެންގެ އަސްލެއް ނުވާނެތީ އެވެ. އަޅުގަނޑުމެންގެ ހައިސިއްޔަތެއް ނޯންނާނެ ތީ އެވެ!
ޘަޤާފަތް ދެމެހެއްޓުމަކީ އެއިން ލިއްބައިދޭ އެއްބައިވަންތަކަމާއި އެކުވެރިކަން ޤާއިމް ކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެކެވެ. މިއީ އަހަރެމެންނާ އަހަރެމެންގެ ކާބަފައިންނާ ގުޅުވައިދޭ ޒަރިއްޔާ އެކެވެ. މި ގުޅުވައިދޭ ގުޅުވުމަކީ ނެތިގެން ދާ އެއްޗެއް ގޮތުގައި އޮވެގެން ނުވާނެއެވެ. އެހެނީ، އެއީ އަހަރެމެންގެ ޙަޔާތުގެ ފައިދާއަށް ޓަކައި އެޅިފައިވާ ބިންގަލެކެވެ. ކައިވެނިން ފެށިގެންގޮސް ދީނީ ޤަބޫލުކުރުންތަކަކީ ކޮންމެ ޘަޤާފަތެއްގައިމެ އަގު ކުރެވެން ޖެހޭ ބަހާއެކެވެ. ކޮންމެޔަކަސް، ޒަމާން ބަދަލުވަމުން އަންނަހާ ހިނދެއްގައި ” މަސްހުނި ވެފައިވާ ޘަޤާފަތް “ތައް ފެޝަނަކަށް ވެފައިވީނަމަވެސް، އެ ޘަޤާފަތް ދިރުވުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ތިރީގައި މިވަނީ ޘަޤާފަތުގެ މުހިންމުކަން ހާމަވާ ބައެއް މުހިންމު ބައިތަކެކެވެ.
ކާބަފަވަންތަކަން: އަހަރެމެންގެ ޘަޤާފަތަކީ އަހަރެމެންގެ ކާބަފައިންނާ ބެހޭ އަގުހުރި މަޢުލޫމާތު ހޯދުމުގައި އެހީއެކެވެ. ޘަޤާފީ އާދަތައްވާން ޖެހޭނީ ތާރީޚު ފޮތެއްގައި ލިޔެވިފައިވާ، ފޯރީއާ އެކީ ކިޔާލެވޭ އެއްޗަކަށެވެ. އިންސާނުންނަކީ އަބަދާއި އަބަދަށް ދިރިއުޅޭނެ ބަޔެއް ނޫނެވެ. ނަމަވެސް، އެބައިމީހުންގެ ޘަޤާފަތް ދިރިއޮންނާނެއެވެ. ޘަޤާފަތުން އަހަރެމެން ކާބަފަވަންތަކަން މުރާޖަޢާ ކުރުމަށް ދޮރު ހުޅުވައިދެއެވެ.
އަމިއްލަވަންތަކަން: ޘަޤާފަތުގެ މައިގަނޑު ޢަޞާޞް ހޯދައި ބަލާއިރު، އަހަރެމެންނަށް އަހަރެމެންގެ އަމިއްލަވަންތަކަން އެނގިގެން ދެއެވެ. އަހަރެމެންނަށް އަހަރެމެންގެ އަސްލާމެދު ފިކުރުކޮށް އަގުކުރެވެއެވެ. މިއިން އަހަރެމެންގެ ޤަދަރާއި އިޙްތިރާމް ބޮޑުވެގެންދެއެވެ. އަދި އަމިއްލަ ޘަޤާފަތެއްގެ އަހުލުވެރިއަކަށް ވީތީވެ ފަޚުރުވެރި ވެވެއެވެ.
ރިވެތި އަޚްލާޤިއްޔަތު: ޘަޤާފަތަކަށް ތަބާ ވަންޏާ އަހަރެމެންގެ އަޚްލާޤަށް ބަދަލު އާދެއެވެ. ކޮންމެ ޘަޤާފަތެއްގައިވެސް އެބައެއްގެ އަމިއްލަ ޢިލްމާއި ޤަބޫލުކުރުންތައް ހިމެނޭތީވެ، އަހަރެމެން އަޚްލާޤީގޮތުން ރަނގަޅު ބަޔަކަށް ވެވެއެވެ. އަހަރެމެންނަކީ ޒިންމާދާރުކަމާ އެކީ އެކުގައި އުޅެވޭ ބަޔަކަށް ވެވެއެވެ.
ެއަޚްލާޤް: ޘަޤާފީ ކަންކަމަކީ އަހަރެމެން އަޚްލާޤުކުރުވާ އެއްޗެކެވެ. ކޮންމެ ޘަޤާފަތެއްގައިވެސް ޚާއްޞަ ޤަވާއިދުތަކާއި އުސްލޫޤުތަކެއް ވެއެވެ. މި އުސްލޫޤާއި ޤަވާއިދު ހެދިފައިވަނީ ވަކި މަޤްސަކަށް ޓަކައި އަދި މިއަށް ޢަމަލު ކުރެވެން ވާނެއެވެ. މި އުސްލޫޤުތަކާމެދު ފަރުވާކުޑަކުރުމަކީ ބުއްދިވެރި ގޮތެއް ނޫން އަދި އެއީ އޮޕްށަނެއްގެ ގޮތުގައި ބޭއްވެން ޖެހޭ އެއްޗެއް ނޫނެވެ.
ލޯތްބާއި ޤަދަރު: ކޮންމެ ޘާޤާފަތަކުންވެސް ދަސްކޮށްދޭ އެއްކަމަކީ އެހެން ޘަޤާފަތްތަކާ ގުޅިގެން އުޅުމެވެ. މި ބައިތަށް އަހަރެމެންނަށް އެކީގައި އުޅެ، ޤަދަރު އިޙްތިރާމާއި ލޯބި ކުރުމަށް ދަސްކޮށްދެއެވެ. މިއިން ލިއްބައިދެނީ އަމާންކަމާއި ސުލްޙަމަސްލަސްކަމެވެ.
ޢިލްމު: ޘަޤާފަތުގެ ކޮންމެ ފަރާތެއް ރަނގަޅަށް ތަހުޤީޤްކުރުމަކީ އަހަރެމެންގެ ޢިލްމީ ހުނަރު ޤާބިލުވާނޭ ކަމެކެވެ. ހުރިހައި އެއްޗަކީވެސް ރަނގަޅަށް ބަޔާންކުރެވި، ތާރީޚުގައި ލިޔެވޭނެ އެއްޗެއްސެވެ. މިއާބެހޭގޮތުން އިތުރަށް ދިރާސާކުރުމަކީ އަހަރެމެންގެ ޢިލްމީ ހުނަރު ކުރިއަރާނޭ ކަމެކެވެ.
ޙަޔާތުގެ މާނަ: ޘަޤާފަތުން އަހަރެމެންނަށް ޙަޔާތުގެ ހަޤީޤީ މާނަ ބުނެދެއެވެ. ޙަޔާތުގެ ކޮންމެ ދައުރަކީ ތަފާތު އެތަކެއް އެދުންތައް ވާ ބައެއް އަދި ޘަޤާފަތުން ބުނެދެނީ އެކަމެވެ. އަހަރެމެން ބޮޑުވެގެން އަންނަހިނދު، ޘަޤާފަތް އަހަރެމެން ސީދާމަގަށް ރުޖޫޢަ ކޮށްދެއެވެ.
ފަހުގެ ޖީލުތައް ރައްކާތެރިކުރުން: ޘަަޤާފީ ޙަރަކާތްތަކަކީ އަހަރެމެންގެ ކާބަފައިން އަހަރެމެންނާ ހަމައަށް ވާޞިލުކޮށްދިން ޢިލްމެކެވެ. އެގޮތުން، އަހަރެމެން ހަމަ މި ޢިލްމު ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދޭން މަސައްކަތްކުރަން އެބަ ޖެހެއެވެ. އެއީ މިއިން އެބައިކުދިންގެ ޙަޔާތުގެ ދައުރު ފަސޭހަވާނެތީ އެވެ.
ޒިންމާ: ޘަޤާފަތުން އަހަރެމެންނަށް ޒިންމާދާރުވާނޭ ގޮތްތައް ބުނެދެއެވެ. ޘަޤާފަތަކާ ނުލާވާ އިންސާނާއަކީ ޖަނަވާރެއް ފަދަ މީހެކެވެ. އަހަރެމެން ޒިންމާދާރުކުރުވަނީ އަހަރެމެންގެ ޘަޤާފަތެވެ.
އަހަރެމެންގެ ޘަޤާފަތަކީ ތަރިކައެއް ކަމަށް ބަލަން ޖެހެއެވެ. އެއްވެސް އެއްޗަކަށް ނުވަތަ މީހަކަށް އަހަރެމެންގެ ޘަޤާފަތަށް ގެއްލުން ދިޔަ ދޭން ނުވާނެއެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓަންވާ ނުކުތާއަކީ ޘަޤާފަތަކީ އަހަރެމެންގެ އަސްލުކަމެވެ. މި އަގުބޮޑު ތަރިކަ ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ވާޞިލުކޮށްދޭން ޖެހޭނީ އަހަރެމެންނާ ހަމައަށް އައި ގޮތަކަށެވެ. އަހަރެމެންގެ ޘަޤާފަތް ނެތިދިޔަ ދީގެން ނުވާނެއެވެ. ކުލަގަދަ ޘަޤާފަތަކާނުލާވާ ދުނިޔެއަކީ ދުނިޔެއެއް ނޫނެވެ.