English Edition
Dhivehi Edition

ގދ.ނަޑެއްލާގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމުގެ ސަބަބުން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެރަށު ކައުންސިލުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ނަޑެއްލާ ކައުންސިލުގެ ނައިބް ރައީސް ފައިސަލް ނަޖީބު ވިދާޅުވީ އެރަށުގައި އަޅާފައިވާ ފިޔަވަޅުތަކަށް ގިނަބަޔަކު ބޯލެނބިކަމުގައިވިޔަސް ބައެއް މީހުން މިއިރުޝާދުތަކާ ޚިލާފުވަމުންދާކަމަށެވެ. އަދި އެތައް ފަހަރެއްގެ މަތިން ނަސޭހަތްތެރިވި ކަމުގައިވިޔަސް ފިޔަވަޅުތަކަށް ބޯނުލަނބާތީ ފުލުހުންގެ އެހީތެރިކަމަށް އެދުނީ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ނަޑެއްލާއަކީ ފުލުހުންގެ ޚިދުމަތް ލިބޭ ރަށަކަށް ނުވާތީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުގެ ޓީމެއް ނަޑެއްލާއަށް ފޮނުވަން ހަމަޖެހިފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.

ނަޑެއްލާގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަލާލާއިރު އެރަށުގައި 24 ގަޑީއިރު ކާފިއު ހިންގައި މުޅިރަށް ވަނީ ލޮކްޑައުންކޮށްފައެވެ. އަދި ރަށުގެ ހާލަތު އިތުރަށް ގޯސްވިޔަނުދީ ބެލެހެއްޓުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޓެކްނިކަލް ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

މިއަދު ފައްސިވި 7 ކޭސް ހިމެނޭހެން އެރަށުގައި އެކްޓިވް ކޭސްގެ އަދަދު މިވަނީ 20 އަށް އަރާފައެވެ. އެރަށަކީ ކުޑަކުޑަ އާބާދީއެއް އޮންނަ ރަށަކަށްވެފައި، އާބާދީގެ ނިސްބަތުން ބަލާއިރު ގިނައަދެއްގެ މީހުން މިވަނީ މިބައްޔަށް ފައްސިވެފައެވެ.