English Edition
Dhivehi Edition
ގދ. ތިނަދޫ ކައުންސިލްގެ މެންބަރު، މުޙައްމަދު ޒަލީފް އަބްދުﷲ - ފޮޓޯ: އޭ.އޯ ނިއުސް

މާދަމާ ބާއްވަން ހަމަޖެހިފައިވާ ގދ. ތިނަދޫ ކައުންސިލްގެ 10 ވަނަ ރަސްމީ ބައްދަލުވުމަށް އެ ކައުންސިލްގެ މެމްބަރު މުޙައްމަދު ޒަލީފް އަބްދުالله ގެ ހުށަހެޅުންތައް ތާވަލް ކުރެވިފައިނުވާތީ އެކަމާ ޒަލީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ތިނަދޫގެ ކައުންސިލަރެއް ކަމަށްވާ މުހައްމަދު ޒަލީފް ހުންނަވަނީ ތިނަދޫގެ މުނިސިޕަލް މަސައްކަތްތަކާ ބެހޭ ޔުނިޓާއި ހަވާލުވެގެންނެވެ. އެހެންކަމުން މުނިސިޕަލްޓީގެ 4 ކަންބޮޑުވުމެއް ޒަލީފްވަނީ ކައުންސިލް ބައްދަލުވުމުގައި ހުށަހަޅާފައެވެ. އެހެންނަމަވެސް 14 ޖުލައި 2021 ވާ ބުދަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ތިނަދޫ ކައުންސިލުގެ 10 ވަނަ ރަސްމީ ބައްދަލުވުމުގައި ޒަލީފުގެ ހުށަހެޅުން ތާވަލްކުރެވިފައި ނެތުމުން ޒަލީފްވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

“މީގެން އެއްވެސް ކަމެއް ރިޔާސަތުން ތާވަލް ނުކުރުމަކީ ރައްޔިތުންނަށް ޚިދުމަތްދޭން އެޅޭ ހުރަހެއްކަން ފާހަގަކުރަން. އަޅުގަނޑުގެ ފަރާތުން ހުށަހަޅާފައިވަނީ ރައްޔިތުންނާ ގުޅޭ މުހިއްމު ކަންކަން. ޖަލްސާއަށް ހުށަހަޅަން ޖެހޭ ކަންކަން ފޮނުވަން ޖެހެނީ ޖަލްސާ އޮންނަ ދުވަހުގެ 2 ދުވަސް ކުރިން. އަޅުގަނޑު އެކަން ކުރިން. އަޅުގަނޑުގެ އެއްވެސް ހުށަހެޅުމެއް ނެތް ޖަލްސާއަށް ތާވަލްކޮށްފަ,” ޒަލީފް މީޑިޔާއަށް މައުލޫމާތުދީފައިވެއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލުގެ 10 ވަނަ ބައްދަލުވުމުގައި ހިމަނާލަން ޒަލީފް ހުށަހެޅި 4 ހުށަހެޅުމަކީ:

  • ތިނަދޫން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގޯތި ހަވާލުކުރި ތާރީޚުން ފެށިގެން 5 އަހަރު ވީއިރު ގޯތީގެ ވަށާފާރު ނުރާނާ ހުރި ގޯތިތައް އަނބުރާ ކައުންސިލަށް ނެގުން
  • ގާޑިޔާ ވިޔަފާރިކުރާ ސަރަހައްދަށް (ގާޑިޔާތަކަށް) ކަރަންޓާއި ފެނުގެ ޚިދުމަތް ލިބިދިނުން
  • ތިނަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ކުނިކޮށީގެ ބޭރަށް ކުނިއަޅާ މައްސަލަ ޙައްލުކުރުމަށް ސީސީޓީވީ ކެމެރާ ހަރުކުރުން އަދި
  • ސިނާއީ މަސައްކަތްތައް ކުރުމަށް ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުގެ ކުލިދެއްކުމަށް ކޮވިޑް19އާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ.

މިކަމާ ބެހޭގޮތުން ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ވިދާޅުވީ ކައުންސިލްގެ ބައްދަލުވުންތަކަށް ހުށަހަޅާ ކަންކަމުގެ ތެރެއިން ތާވަލްކުރަނީ އެ ކަމެއްގެ ކުޑަބޮޑު މިނަށް ބަލައިގެން ކަމަށާއި އެކަންކަން ތާވަލްކުރަނީ ރައްޔިތުންނާ ގުޅުން ހުންނަ މިންވަރަށް ބަލައިގެން ކަމަށެވެ. އަދި އެފަދަ ބޮޑެތި ކަންކަމުގައި ހުރިހާ ކައުންސިލް މެމްބަރުންގެ މަޝްވަރާއަށްފަހުގައި ނޫނީ ބައްދަލުވުންތަކަށް އެފަދަ ކަންކަން ތާވަލް ނުކުރާ ކަމަށް ސައުދު ވިދާޅުވިއެވެ.