English Edition
Dhivehi Edition

މަސްތުވާތަކެއްޗަކީ ރާއްޖޭގެ ގިނަ ޒުވާނުން މިހާރު ތަހައްމަލް ކުރަމުންދާ އޭގެ ވަބާއިން ސަލާމަތް ނުވެވިފައި ނުވަތަ ސަލާމަތް ވުމަށް ފުރުސްތު ނުލިބިފައިވާ ނުރައްކާތެރި ވަބާއެކެވެ. މަސްތުވާ ތަކެތީގެ ވަބާގައި ޖެހި ދިވެހި އެތައް ދަރިން މިވަނީ ހަލާކާއި ގެއްލުމުގެ ތެރެޔަށް ޣަރަޤުވެފައެވެ. މަސްތުވާ ތަކެތީގެ ސަބަބުން އާއިލާތައް ރޫޅި އަނބި ދަރިން ބިކަހާލުގައި ޖެހިފައިތިބި މީހުންވެސް ރާއްޖޭގައި މަދެއްނޫނެވެ.

އެންމެ ފުރަތަމަ މަސްތުވާ ތަކެއްޗަކީ ކޮބައިކަން ބަލާލަމާ ހިނގާށެވެ. ގިނަ މީހުންނަށް ހީކުރެވިފައި އޮންނަނީ މަސްތުވާ ތަކެތި މާނަކުރަނީ ހަމައެކަނި ބްރައުން ޝުގަރ ނުވަތަ ހެރޮއިންއަށް ކަމަށެވެ. އެހެންނަމަވެސް މިއީ ކުށްހީއެކެވެ. މަސްތުވާ ތަކެތީގެ ތެރޭގައި ހެރޮއިން، ކޮކެއިން، ވީޑް، ހޭޝް އޮއިލް، ހޭޝް، ކްރިސްޓަލް މެތް، ބަގުރާ، ރާއްޖޭގައި ކައްކާ ރާ (ބޮގަރު)ގެ އިތުރުން ތަފާތު އެތައް ވައްތަރުގެ ކެމިކަލްސް އަދި ބައެއް ޑަކްޓަރީ ބޭސްވެސް ހިމެނެއެވެ.

ރާއްޖޭގައި ކާބަފައިންގެ ޒަމާނުގައި މަސްތުވާ ތަކެތި ވަނީ ތާރަފްކޮށްފައެވެ. އެގޮތުން ބަލާލާއިރު ނަވާރަ ސަތޭކައިގެ އަހަރުތަކުގައި ރާއްޖޭގެ އިސްބޭފުޅުންގެ ގަނޑުވަރުތަކުގެ ތެރެއިން މަސްތުވާ ތަކެތި ބޭނުން ކޮށްފައިވާ ކަމަށް ތުންތުންމަތިން ވަނީ ވާހަކަ ދެކެވިފައެވެ. ސީދާ ހެކި ފެންނަން ނެތް ކަމުގައިވިޔަސް ގަނޑުވަރުތަކުގައި މަސައްކަތްކުރަން އުޅުއްވި މީހުންގެ ފަރާތުން އެގިފައިވާ ގޮތުން އެތަންތާނގައި މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ އަފިހުން ބޭނުން ކުރަމުންދިޔަކަމަށްވެއެވެ.

އެހާރާއި މިހާރަށް ބަލާލާއިރު އެޒަމާނުގައި ރާއްޖޭގައި މަސްތުވާ ތަކެތީގެ ގިނަބާވަތްތައް ތައާރަފްވެފައި ނެތްކަމުގައި ވިޔަސް މިހާރު ރާއްޖޭގައި މަސްތުވާ ތަކެތީގެ ތަފާތު ވައްތަރުތަކާއި އެކަމަށް ބޭނުންކުރާ އާލާތްތަކަށް މިވަނީ ބަދަލު އައިސްފައެވެ. މިހާރުގެ ކުދިން އެކަންތައް ކުރަމުންދަނީ މާ އެޑްވާންސްކޮށެވެ.

1980ގެ ފަހުކޮޅުގައި ރާއްޖޭގައި ބޭނުންކުރަމުން ދިޔައީ ހޭޝް އޮއިލް އާއި ބަނގުރަލެވެ. އަދި 1990 ގެ ކުރީކޮޅުގައި ހެރޮއިން ތައާރަފްވެގެން ދިޔުމުން ދިވެހިންގެ ތެރޭގައި އެންމެ މަޤްބޫލުކަމެއް ހޯދާފައިވަނީ ހެރޮއިންއެވެ. ދެހާހުގެ އަހަރުތަކުގައި މަސްތުވާ ތަކެތީގެ ގޮތުގައި ރާއްޖޭގައި ތައާރަފްވެގެން އައީ ތަފާތު ވައްތަރުގެ ކެމިކަލްތަކާއި ފުރާނައަށް ނުރައްކާވާ ވައްތަރުގެ މަސްތުވާ ތަކެއްޗެވެ. މިހާރު ދިވެހިންގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން މިވަނީ ޓްރެންޑަކަށް ވެފައެވެ. ޒަމާނީ ފެށަނަކަށްވެފައެވެ. ޒުވާން ޖީލުތަކުގެ ކުދިން މަސްތުވާ ތަކެތީގެ ވަބާގައި ޖެހިގެން މިދަނީ އެއީ ޓްރެންޑެއް ކަމަށް ދެކި މޮޅުކަމައްގެ ގޮތުގައި އެކުދިންނަށް ވިސްނޭތީއެވެ.

ގިނަފަހަރު ކުއްޖާ މަސްތުވާތަކެތި ބޭޏުންކުރުމުގެ މަރުހަލާއަށް ދަނީ ހަމަހުރެފައެއް ނޫނެވެ. އެއީ އެކި ދުވަސްތަކުގެ މަތިން އެކި މަރުހަލާތަކުގައި ކުއްޖާ ތަހައްމަލްކުރަންޖެހޭ ތަފާތު ކަންތައްތަކުގެ ސަބަބުން (ގަނާކުރުން، ހަނގާކުރުން) އެމަގު ހިޔާރުކުރެވެނީއެވެ. ކުއްޖާ އުޅެ ބޮޑުވާ މާހައުލުގެ ސަބަބުންނާއި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކާ ކުރިމަތިލާންޖެހުމުން، އަދި ގެންގުޅޭ އެކުވެރިންގެ ސަބަބުންވެސް މަގުއޮޅިގެންދެއެވެ.

މަސްތުވާތަކެއްޗާ ކައިރިވާ ގިނަ މީހުންނަށް ހީވެފައި އޮންނަނީ މިއީ ދެވިނުހިފާ އެއްޗެއްގެ ގޮތުގައެވެ. އޭގެ ގޮތް ބަލާލުމަށް ނުވަތަ ތިމާގެ މޮޅުކަން ދައްކާލުމަށްވެސް މަސްތުވާ ތަކެތި އިޚުތިޔާރުކޮށްފައި އެބަހުއްޓެވެ. “އެއްފަހަރު ބޭނުން ކޮށްލިޔަސް ނުވާނެ ކަމެއް” މިހެން ހިތާ މަސްތުވާ ތަކެތި ބޭނުން ކުރަން ފަށާ އޭގެ ނުރައްކަލުން ސަލާމަތް ނުވެވި ތިބި މީހުންވެސް އެބަތިއްބެވެ. އެހެންނަމަވެސް ވިސްނާށެވެ. މަސްތުވާ ކޮންމެ އެއްޗަކީ އެޔަށް އިންސާނާ ދެވިހިފާ އެއްޗެކެވެ.

އިސްލާމީ ޝަރީއަތުގައި ތިން ފަހަރެއްގެ މަތިން މިކަންތައް ވަނީ ހަރާމް ކުރައްވާފައެވެ. ކީރިތި ޤުރުއާނުގެ ﷲ ތައާލާ ވަނީ މަސްތުވާ ތަކެތި ބޭނުންކުރުމަކީ ޝައިތާނާގެ އަމަލުތަކުގެ ތެރެއިންވާ އަމަލެއް ކަމަށް ބަޔާންކޮށްފައެވެ. ޝައްކެއްވެސް ނެތްގޮތުގައި މިކަން މިގޮތަށް ލބަޔާންކުރައްވާފައި ވުމުގެ މުރާދަކީ މަސްތުވާ ތަކެއްޗަކީ އެއްވެސް ފައިދާއެއް ހުރި އެއްޗަކަށް ނުވާތާނގައި އެޔަށް ދެވި ހިފާލެއް ބޮޑުކަމެވެ. އަދި އިންސާނާގެ ފުރާނައަށް ގެއްލުންދެނިވި އެއްޗަކަށް ވާތީއެވެ.

އެހެންނަމަވެސް އަޒުމަކާއެކީ ހިތްވަރުކޮށްފިނަމަ މިއީ ފަރުވާ ހޯދިދާނެ ކަމެކެވެ. ހިތާމަޔަކީ މަސްތުވާ ތަކެތި ޙިޔާރުކުރާ ކުދިން މިމުޖުތަމައުގައި އެކަހެރިކޮށް ބާކީ ކޮށްލާތީއެވެ. އެކުދިންނަށް ފަރުވާ ހޯދައިދީ މިމުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ހެދުމަށް ގަދައަޅާ މަސައްކަތް ނުކުރެވޭތީއެވެ.

ހަޤީޤަތުގައި މިފަދަ ވަބާއިން ޤައުމު ސަލާމަތް ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއަކަށް ހަދަން އެބަޖެހެއެވެ. އެގޮތުން ބަލާލާއިރު އެކިއެކި ޕްލެޓްފޯމްތަކުގައި މިކަންތައްތަކުގެ ވާހަކަ ދައްކައި ދީނީ އިލްމުވެރިންގެ އެހީތެރިކަމާއެކީ އިސްލާމްދީނުގައި މިކަންތައް އޮންނަ ގޮތްތައް އެކުދިންނަށް ސާފްކޮށްދޭން އެބަޖެހެއެވެ. އޭގެން ސަލާމަތް ވުމަށް ކީރިތި ރަސޫލާގެ ޒަމާނުގައި ސަހާބީން ކަންތައްތައް ކުރެއްވި ގޮތްތައް ކިޔައިދީ އެކުދިންނަށް ނަސޭހަތްތެރި ވާންވީއެވެ.

މިފަދަ ކުދިންގެ އާއިލާތައް ހޭލުންތެރިކުރުވުމުގެ ގޮތުން އެން.ޖީ.އޯ ތަކުގެ ރޯލްވެސް ކުޑައެއްނުވާނެއެވެ. މިއީ ނުރައްކާތެރި ކަމެއް ކަމާއި މިކަމުގެ ތެރެޔަށް ކުއްޖާ ވަދެގެން ދާގޮތާއި ނުވަތަ ވަދެވިފައި ހުންނައިރު އެކުއްޖާއަށް އަންނަ ބަދަލުތަކާއި އެކުއްޖާ ދޭތެރޭ ކަންތައް ކުރަންވީ ގޮތުގެ މައުލޫމާތު އެން.ޖީ.އޯ ތަކުން އާއިލާތަކަށް ފޯރުކޮށްދެވިދާނެއެވެ. އަދި މިކަމުން ކުއްޖާ ސަލާމަތް ކުރުމަށް ރާއްޖޭގައި ހުޅުވިފައިވާ ފުރުސަތުތަކާ ބެހޭގޮތުން ހޭލުންތެރި ކުރުވަން އެބަޖެހެއެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ފެންނަމުންދާ އުފާވެރި މަންޒަރަކީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައި ތިބޭ ކުދިން ރިކަވަރީ އެޑިކްޓުންގެ ގޮތުގައި މުޖުތަމައުތެރެޔަށް ނެރުމަށް ސަރުކާރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތެވެ. އެހެންނަމަވެސް މިކަމުގައި މިހާރަށްވުރެވެސް ބޮޑަށް ސަރުކާރުން ފިޔަވަޅު އަޅަން އެބަޖެހެއެވެ. މިކަހަލަ ކުދިންނަށް ފަރުވާ ދެވޭނެ ގިނަ ސެންޓަރުތައް ރާއްޖޭގައި ޤާއިމުކޮށް އެކުދިންނަށް ކުރިޔަށް ދެވޭނެ ގިނަ ފުރުސަތުތައް ހުޅުވާލަން އެބަޖެހެއެވެ. ހަމައެކަނި ހިންމަފުށީގައި ފަރުވާދޭ ސެންޓަރެއް ހުރުމަކުން އަދި ނިމުނީކީނޫނެވެ. މަސްތުވާތަކެތީގެ ޝިކާރައަށްވެފައި ތިބޭ ކުދިންނަށް ފަރުވާދޭ ސެންޓަރެއްގެ ގޮތުގައި ރާއްޖޭގައި މިހާރު ހުރި ހަމައެކަނި ސެންޓަރަކީ ހިންމަފުށީގައި ހުންނަ ސެންޓަރު ކަމުގައި ނުހަދައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ ސެންޓަރުތައް އަޅަންވީއެވެ.

މިހާރު ރާއްޖޭގައި މިކަންތައް އޮންނަ އުސޫލަށް ބަލާލާއިރު އައްޑޫގައި ހުންނަ ކުއްޖާވެސް ފަރުވާހޯދަން ދާން މިޖެހެނީ ހިންމަފުއްޓަށެވެ. ތުރާކުނުގައި ހުންނަ ކުއްޖާވެސް ދާން މިޖެހެނީ ހިންމަފުއްޓަށެވެ. އެހެންނަމަވެސް އައްޑޫ ކުއްޖާއަށް އައްޑޫއިން ފަރުވާ ލިބޭ ކަމަށް ވަންޏާ އެކުއްޖާއަށް ފަރުވާ ހޯދުމުގައި ލުއިތަކާއިއެކު ފަސޭހަ ރަހުމަތަކުން މިކަންތަކުން ސަލާމަތް ވެވިދާނެ ކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ. ސަބަބަކީ ހުރިހާ ކުދިންނަކީ ފަރުވާ ހޯދުމަށް ހިންމަފުއްޓަށް ދެވޭނެ ލަޔާގަތެއް ހުރި ކުއްޖަކަށްނުވެ ހިގައިދާނެތީއެވެ. ބައެއްފަހަރު މާލީ ދަތިކަމުގެ ސަބަބުން އަނެއްބައި ފަހަރު އާއިލާގެ އެއްބާރުލުން ނުލިބުމުގެ ސަބަބުންވެސް ފަރުވާ ހޯދަން ބޭނުންވިޔަސް އެކަމަށް މަގުހުޅުވިގެންނުދާ ފަހަރުވެސް އަންނާތީއެވެ.

ގދ އަދި ގއ ގެ އިތުރުން އައްޑޫ ފުވައްމުލައް ކަހަލަ ބޮޑެތި އަތޮޅުތަކުގައި ރީހެބްތައް ޤާއިމުކުރުން ވެގެންދާނީ ކުޑަ ޚަރަދަކުން ބޮޑު ފައިދާތަކެއް މިމުޖުތަމައުއަށް ހޯދަން ހުޅުވިގެންދާނެ މަގަކަށެވެ. މަސްތުވާ ތަކެތީގެ ހުރި ވޭން ތަހައްމަލްކޮށްފައިވާ ކުދިންނަށް އެސެންޓަރުތަކުން ވަޒީފާ ދީގެން ޕްރޮގްރާމްތައް ކުރިޔަށް ގެންދެވިދާނެއެވެ. މިކަން ވެގެންދާނީ ވަރަށް ފައިދާކުރުވަނިވި ކަމަކަށެވެ. ސަބަބަކީ ކުރިން އެވޭން ތަހައްމަލްކޮށްފައިވާ ކުއްޖަކަށް އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަނެ ފަރުވާކުރަން ފަސޭހަވާނެތީއެވެ.

މަސްތުވާތަކެތީގެ ޝިކާރައަށް ވެފައިވާ ކުދިންނަކީ ދިރިއުޅުމުގެ ވަކި ހިސާބަކުން ވަރަށް ހިތްދަތިކޮށް އުޅޭ ކުދިންކަމުން މާލެ ގޮސް ފަރުވާ ނަގާނެފަދަ ޤާބިލިއްޔަތުކަމެއް ނުހުރެ ހިގައިދާނެއެވެ. ގިނަ ފަހަރަށް އެފަދަކުދިންނަށް އާއިލާއިން އަޅާލުމާއި ލޯބި ނުލިބުމުގެ ސަބަބުން ފަރުވާއަށް ހުރަސްއެޅިގެންދާ ކަމީ ވިސްނާލަން ޖެހޭ މުހިންމު ކަމެކެވެ. އެހެންކަމުން ޑްރަގް ކޯޓުން ހުކުމްކުރުމަށްފަހު ރީހެބަށް ނުދެވި ހުންނަންޖެހުމުގެ ސަބަބުން އެކުދިން ޖަލަށް ދާންޖެހޭ ފަހަރުވެސް އާދެއެވެ.

މިހިސާބުން އަދި ނިމުނީކީނޫނެވެ. ގިނަފަހަރަށް ބެލެނެވެރިންނަށް ހީވެފައި އޮންނަނީ ރީހެބަށް ގޮސް ފަރުވާ ކުރުމުން މަސްތުވާ ތަކެތިން ސަލާމަތްވީ ކަމަށެވެ. އެކަމަކު އެކަން އޮތީ އެހެނެއްނޫނެވެ. ރީހެބަށް ގޮސް ރިކަވަރީ ވުމަށްފަހުގައިވެސް ރިލެޕްސްވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮވެއެވެ. އެހެނީ އެކުދިން ރަނގަޅުވެގެން މުޖުތަމައުއަށް ނުކުތްކަމުގައިވިޔަސް ހަޤީޤަތުގައި މުޖުތަމައުގައި ދިރިއުޅޭ މީހުންގެ ވިސްނުމާއި ފިކުރު ބަދަލެއްނުވެއެވެ. ވަޒީފާއަކަށް ކުރިމަތިލިޔަސް ނަންވެފައި އޮންނަނީ “ބުއި މީހެއް”ގެ ގޮތުގައެވެ. ވަޒީފާ ދިނުމުގައި އެފަދަ ކުދިން ގިނަފަހަރަށް ބާކީކޮށްލައެވެ. އެހެންކަމުން ވަޒީފާއެއް ނެތި އަތްމަތި ދަތިވުމުން ދިރިއުޅުމުގެ ކަންތައްތަކަށް ލާރި ހޯދަން މިޖެހެނީ ކޮންމެވެސް މަސައްކަތެއް ކުރާށެވެ. އެގޮތުން އެންމެ ފަސޭހައިން ލާރިހޯދޭނެ މަގަކަށް އެކުދިންނަށް ފެންނަނީ މަސްތުވާ ތަކެތި ވިއްކައިގެންނެވެ. އެހެންކަމުން އަނެއްކާވެސް މަސަތުވާ ތަކެއްޗާ ގާތްވެވެއެވެ. ނަތީޖާއަކަށް ވެގެންދަނީ އަނެއްކާވެސް ރިލެޕްސްވުމެވެ. މުސްކުޅިން ބުނެއުޅޭ ނޫންހެއްޔެވެ. އަތުގައި ހޭކެންޏާ ދަތުގައިވެސް ހޭކޭނެއެވެ.

ރިލެޕްސްއަކީ ޕްރޮސެސްއެކެވެ. ހުރެ ބަހައްޓާފައި މަސްތުވާ ތަކެއްޗަށް ދަނީކީނޫނެވެ. ކުއްޖާގެ ވިސްނުމާއި ޚިޔާލަށް ބަދަލުތަކެއް އައިސް ސިކުނޑި އެކަމަށް ބާރުއަޅަނީއެވެ. ގައިގައި އަޅާ ވޭނާއި ހިތްދަތިކަމުން ސަލާމަތްވުމަށް ފަރުވާއެއް ކަމަށް ސިކުނޑި ވިސްނުވައިދެނީ ރިލެޕްސްވުމެވެ.

 

 

 

3 ކޮމެންޓް
އައިކެ
ޖުލައި 12, 2021
ވަރަށް ފުރިހަމަ ލިޔުމެއް. މަސްތުވާތަކެއްޗާ ބެހޭގޮތުން މުޖުތަމައު މިއަށްވުރެ ބޮޑަށް ހޭލުންތެރިވާން އެބަޖެހޭ. ސަރުކާރުންވެސް މިކަން ހުއްޓުވަން އިތުރު މަސައްކަތްތަކެއް ކުރަން އެބަޖެހޭ.
Upset reader
ޖުލައި 12, 2021
From where did u get the information that government has helped recovering addicts u are mistaken government does not want to encourage
Alex
ޖުލައި 12, 2021
Fake news. Not accurate