English Edition
Dhivehi Edition

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި 1-0 ގެ ހަނި ނަތީޖާއަކުން ބްރެޒިލް ބަލިކޮށް އާޖެންޓީނާ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ 1993 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ތަށި އުފުލާލި ފަހުން އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އާޖެންޓީނާ އާއެކު އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ, ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދީ ފުރަތަމަ ފަހަރެވެ.

ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 21 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނީ އެންހެލް ޑި މާރިއާ އެވެ. އާޖެންޓީނާގެ ހާފުގެ ތެރެއިން އެ ޓީމުގެ މިޑްފީލްޑަރު ރޮޑްރިގޯ ޑެ ޕޯލް ދިން ބޯޅައަކުން ޑި މާރިއާ މި ގޯލް ކާމިޔާބުކޮށްދިނީ ޕެނަލްޓީއޭރިޔާ ތެރެއަށް ވަނުމަށްފަހު ބްރެޒިލްގެ ކީޕަރު އެޑަސަން މޮރައެސް ބޯމަތިން ގޯލްގެ ތެރެއަށް ބޯޅަ އޮއްސާލައިގެންނެވެ.

އާޖެންޓީނާގެ ލީޑްފުޅާކުރުމަށް މެޗުގެ 28 ވަނަ މިނެޓުގައި ޑި މާރިއާ ފޮނުވާލި ބޯޅަ ބްރެޒިލްގެ ޑިފެންޑަރު މާކީނޯސް ބްލޮކް ކުރިއިރު، އޭގެ ހަތަރު މިނެޓުފަހުން ޕެނަލްޓީއޭރިޔާ ބޭރުން މެސީ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ބްރެޒިލާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ކޮޕާ އެމެރިކާ

ދެވަނަ ހާފުގެ ކުޅުން ފެށިގެން 8 ވަނަ މިނެޓުގައި ބްރެޒިލަށް އެއްވަރުކޮށްދޭން ލިބުނު ފުރުޞަތުގައި ރިޗާލިސަން ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއިރު، ފަހު ހާފުގައި ކުޅެން ނިކުތް ގެބްރިއަލް ބާބޯސާ (ގަބީ) ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް މާޓިނޭޒް އެވެ.

މި ހާފުގައި އާޖެންޓީނާގެ ލީޑް ފުޅާކުރުމަށް ޑެ ޕޯލް ދިން ބޯޅައަކުން މެސީ އަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، އޭގެފަހުން ޑެ ޕޯލް ފޮނުވާލި ހަމަލާގައި ވެސް ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.

މިއީ އާޖެންޓީނާ އިން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި 15 ވަނަ ފަހަރެވެ. މިއާއެކު، މި މުބާރާތް އެންމެ ގިނަ ފަހަރު ހޯދާފައިވާ އުރުގުއޭގެ ރެކޯޑާ އެ ޓީމު ވަނީ އެއްވަރުކޮށްފައެވެ. މި ފަހަރުގެ ކޮޕާ އެމެރިކާ ބޭއްވުނު ބްރެޒިލަށް މި މުބާރާތް ކާމިޔާބުކުރެވިފައިވަނީ ނުވަ ފަހަރެވެ.

ރޭގެ މެޗަކީ ކޮޕާ އެމެރިކާގެ ފައިނަލްގައި މި ދެ ޓީމު ބައްދަލުކުރި ހަތަރުވަނަ ފަހަރެވެ. އާޖެންޓީނާ އަދި ބްރެޒިލް ވެސް ވަނީ ދެ މެޗުން މޮޅުވެފައެވެ. މީގެކުރީން، 2004 އާއި 2007 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލްގައި ބްރެޒިލް މޮޅުވިއިރު، އާޖެންޓީނާ އިން ވަނީ 1937 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުރިހޯދާފައެވެ.