English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ރިޒްނާ ޒަރީރު

ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 1 އާއި ހަމައަށް ސަރުކާރު ބަންދު ދުވަސް ތަކެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރް ސޮއިކުރައްވާ ސަރުކާރުގެ އެންމެހާ އިދާރާތަކަށް ފޮނުވި ދެންނެވުން ނަންބަރު 2020/33 ދެންނެވުމުގައި އަންގާފައިވާ ގޮތުން، މިހިނގާ 2021 ވަނަ އަހަރުގެ ކަލަންޑަރުގައި ޖުލައި 19 ވަނަ ދުވަހަކީ ހައްޖު ދުވަހަށް ވުމުން އެއީ ރަސްމީ ބަންދު ދުވަހަކަށްވެފައި އަދި 20 ވަނަ ދުވަހަކީ އަލްހާ އީދު ދުވަހަށް ވުމާއެކު އޭގެ ފަހަށް ތިން ދުވަސް އެއީ އައްޔާމުއް ތަޝްރީޤްގެ ދުވަސްތަކެކެވެ. އެހެން ކަމުން ކަލަންޑަރު ބުނާގޮތުން ރަސްމީ ދުވަހަކަށް ވާނީ ޖުލައި 18ވާ އާދިއްތަ ދުވަސް އެކަނި ކަމަށްވުމުން އެދުވަސް ބަންދު ދުވަހެއްކަމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޖުލައި 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަސްކަމުން އެއީ ސަރުކާރު ބަންދު ދުވަހެކެވެ. 27 އިން 29 ވަނަ ދުވަހަށް ބަންދު ކޮށްފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައެވެ. އެ ހަފްތާގައިވެސް ރަސްމީ ދުވަހަކަށް އޮތީ 25 ވަނަ ދުވަސް އެކަންޏެވެ. ޖުލައި މަހުގެ 30 ވަނަ ދުވަހަކީ ހުކުރު ދުވަހެކެވެ. އެހެންކަމުން މިނިވަން ދުވަހުގެ ބަންދަށް ފަހު އާދީއްތަ ދުވަހު ސަރުކާރު ހުޅުވޭއިރު އެއީ އޮގަސްޓް މަހުގެ 01 ވަނަ ދުވަހެވެ.