ދިވެހިރާއްޖޭގެ އާބާދީ ނިސްބަތުން ބަލާލާއިރު 2021 ވަނަ އަހަރުގެ ޖޫން މަސް ނިމިގެންދިޔައިރު ރާއްޖޭގެ އަބާދީއަކީ 543،716 އެވެ. ރާއްޖޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުވާލެއްގެ މައްޗަށް ރާއްޖޭގައި 18 ކުދިން އުފަންވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ދުވާލަކު 4 މީހަކު މަރުވެއެވެ.
2019 އަދި 2020 ވަނަ އަހަރާ އަޅާބަލާލާއިރު އާބާދީގެ ނިސްބަތް މިވަނީ އިތުރުވެފައެވެ. 2020 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19 ގެ ނުރައްކާތެރި ވަބާގެ ސަބަބުން ރާއްޖޭގެ އާބާދީއަށް ނޭދެވޭ އަސަރުތައް ވަނީ ކޮށްފައެވެ. އެގޮތުން 2020 ވަނަ އަހަރު ރާއްޖޭގެ އާބާދީ މިވަނީ %1.8 އިތުރުވެފައެވެ.
މިފަދަ ނުރައްކާތެރި ހާލަތުގައި ގޭގައި ތިބެންޖެހުމުންނާއި ސިއްޚީ ޚިދުމަތްތައް ހޯދުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ދަރިން އުފަންވާވަރު މިވަނީ އިތުރުވެފައެވެ. ދުރާލާ ތައްޔާރީތަކެއް ނުވެ ތިއްބާ ގިނައަދަދެއްގެ އަންހެނުން މާބަނޑުވާން ދިމާވެއެވެ.
ޞިއްޙީ ޙިދުމަތަށް ބުރޫއެރުމުގެ ސަބަބުން އަންހެނުނަށް ޞިއްޙީ ޙިދުމަތް ހޯދުމުގައި ދަތިތަކާއި ދިމާވެ އާއިލާ ރޭވުމަށް ބޭނުންވާ ވަސީލާތްތައް ލިބިގަތުގައި ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. ނަތިޖާއަކަށް ވެގެންދަނީ ރާއްޖޭގެ އާބާދީ ދުވަހެއް ދުވަހެއް އިތުރުވެގެން ދިޔުމެވެ.
ހަޤީޤީ ކަންބޮޑުވުމަކީ މިއީއެއްނޫނެވެ. ހިތާމަޔަކީ އަންހެނުންނަށް އެމީހުންގެ އުފަންވެނި ޞިއްޙަތާއި ގުޅެގޮތުން ލިބިދީފައިވާ ޙައްޤުތަކާއި އިޙްތިޔާރުތައް ރާއްޖޭގައި ކަށަވަރުނުވުމެވެ.
ހަމައެއާއެކު އާއިލާގެ ޚަރަދުތައްވެސް ބޮޑުވެގެންދާކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.
ކޮވިޑް-19ގެ މިހާލަތުގައި އަންހެނުންގެ ސިއްޚީ މައްސަލަތަކަކީ މިވަގުތަށް އަސާސީ ޚިދުމަތެއް ކަމުގައި ނުދެކި ތަފާތުކުރުންތައް ގެންގުޅެމުންދާތީ މިކަންތައް މިވަނީ ޤައުމުގެ ކަންބޮޑުވުމަކަށްވެފައެވެ. ސިއްޚީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ވިސްނާފައި އެމީހުންވަނީ ފަހަތަށް ޖައްސާފައެވެ.
އެހެނަސް މިއީ ހައްލެއްނޫނެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ވަބާއަށްވުރެ މިއީ މާބޮޑު ވަބާއެކެވެ. ރާއްޖޭގެ އިޤްތިސާދު ދަށަށް ގޮސްފައިވާ ދުވަސްވަރެއްގައި އާބާދީ އިތުރުވާން ޖެހިއްޖެނަމަ ރާއްޖެ މިހާރު މިއޮތް ހާލަތުން ދުވަހަކުވެސް އަރައެއް ނުގަންނާނެއެވެ.
ރާއްޖޭގައި ކޮވިޑް-19 މިހާރު ކޮންޓްރޯލްކުރެވިފައިވީނަމަވެސް، ރާއްޖޭގެ އިޤްތިސާދަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން 2019 ވަނަ އަހަރާ އަޅާ ބަލާއިރު ރާއްޖޭގެ އިޤްތިސާދު މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި ގިނަ އަދަދެއްގެ މީހުންގެ ވަޒީފާ ގެއްލި މާލީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.