English Edition
Dhivehi Edition
ޓުއަރިޒަމް މިނިސްޓަރ ޑރ.މަޢުސޫމް އަދި ރައީސް ޞާލިޙު/ފޮޓޯ އިންޓަނެޓް

ކޮވިޑް-19 ވެކްސިންގެ 2 ޑޯޒްފުރިހަމަކުރިތާ 14 ދުވަހަށްފަހު ހަދާ ޕީސީއާރޓެސްޓުގެ ނެގެޓިވް ނަތީޖާއަކާއެކު ރިޒޯޓް މުވައްޒަފުންނަށް ރަށަށް ދެވޭގޮތް ހަމަޖައްސައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މަޢުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މުވައްޒަފުން ކަރަންޓީން ނުވެ ރަށަށް ދެވޭނޭ ކަމަށެވެ. އެހެންނަމަވެސް މިގޮތަށް ދެވޭނީ 14 ދުވަހަށްފަހު ހަދާ ޕީސީއާރޓެސްޓުން ފާސްވުމުން ކަމަށް މިނިސްޓަރ ފާހަގަ ކުރައްވާފައިވެއެވެ. އަދިހަމައެއާއިއެކު މިގޮތަށް ދެވޭނީ މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްރަށަށާއި ރިޒޯޓްތަކަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިނިސްޓަރ މަޢުސޫމް ވިދާޅުވީ ކަރަންޓީން ނުވެ ރިޒޯޓް މުވައްޒަފުންނަށް ރަށަށް ދެވޭގޮތަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމެވީތީ އުފާކުރައްވާ ކަމަށާއި މިކަމުގެ އިތުރު ތަފްޞީލު އެޗްޕީއޭއިން ލިބިވަޑައިގެންނެވިހާ އަވަހަކަށް މުވައްޒަފުންނާއި ޙިއްސާ ކުރައްވާނެ ކަމަށެވެ.

ކޮވިޑް 19 އާއި ގުޅިގެން މިވަގުތު މާލޭ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު މެންދުރު ފަހު 2:30 ގައި އޮންނާނެކަމަށް ރައީސްއޮފީހުންވަނީ ވިދާޅުވެފައެވެ.

ރިޒޯޓް މުވައްޒަފުންނަށް ކަރަންޓީންވުމަކާއިނުލާ އެމީހުންގެ ޢާއިލާތަކަށް ނުވަތަ ރަށްރަށަށް ދެވޭގޮތް ހެދިގެން މިދިޔައީ ކަރަންޓީން ވާން ޖެހުމުގެ ސަބަބުން އެމީހުންގެ ޗުއްޓީ ބޭކާރުގޮތުގައި ހޭދަވާތީ އެކަމާއި ދެކޮޅަށް މުވައްޒަފުން އިޙުތިޖާޖުކޮށް އަޑު އުފުލާތާ ގިނަ ދުވަސްތަކަކަށް ފަހުއެވެ. ރިޒޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ކޮވިޑް19 ގެ މިނުރައްކާތެރި ދަނޑިވަޅުގައިވެސް އެންމެ އިސް ސަފުގައި ފަތުރުވެރިންގެ ޚިދުމަތުގައި ދެމިތިބި މީހުންނަށް ވެފައި އެމީހުންނަށް ވަނީ އަވަހަށް ވެކްސިން ފޯރުކޮށްދިނުމުގެ ޚާއްސަ ޕްރޮގްރާމެއްވެސް ހިންގާފައެވެ. އެގޮތުން ރިޒޯޓް މުވައްޒަފުންގެ ތެރެއިން 70 އިން ސައްތަ މީހުންނަށް މިހާރުވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.