English Edition
Dhivehi Edition
ކޫއްޑޫ. ފޮޓޯ ތަމްބެ ގްރެފީ

ގއ.ކޫއްޑޫއިން ކޮވިޑް-19ގެ ގިނަ ކޭސްތައް ފެންމަތިވެ، ކޫއްޑޫއިން އައިސް ވިއްކުމާއި މަސްގަތުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޫއްޑޫ އަދި ކަލެކްޓަރ ބޯޓުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް-19އަށް ފައްސިވުމާއި ގުޅިގެން އެ މުވައްޒަފުން އެކަހެރި ކުރަން ޖެހުމުން، މަސް ގަނެ އައިސް ދޫކުރުމަށް ދަތިވެފައިވާ ކަމަށެވެ. އަދި މަސް ކިރުވުމުގެ މަސައްކަތް ކޫއްޑޫ ބޭރު ބަނދަރުން މަހާ ކަލަމިންޖާ ބޯޓު އަދި ހުވަދޫ އަތޮޅުގައި ހަރަކާތްތެރިވާ ކަލެކްޓަރ ބޯޓު ފަހަރުތަކުން ކުރަމުންދާނެ ކަމަށް ކޫއްޑޫ ފިޝަރީޒްއިން ވަނީ ހާމަކޮށްފައެވެ.

ދެކުނުގެ މަސްވެރިންނަށް މިއީ ވަރަށް ހިތާމަވެރި ޚަބަރަކަށް ވެގެންދާނެއެވެ. ސަބަބަކީ ދެކުނުގެ މަސްވެރިން މަސް ކިރާ އައިސް ހޯދަން އެންމެ ބަރޯސާވަނީ ކޫއްޑޫއަށް ކަމަށްވާތީއެވެ.

މިދިޔަ އޭޕްރީލްމަހުގެތެރޭ މިފްކޯގެ ފެލިވަރު މަސް ކާރުޙާނާއިންވެސް މިވަނީ ގިނަ ޢަދަދެއްގެ ކޭސްތައް ފެންމަތިވެފައެވެ. އެރަށް މޮނިޓަރިންގަށް ލެވުނުއިރު 300 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ކޮވިޑްއަށް ފައްސިވެފައެވެ.
އެހެން ނަމަވެސް މިފްކޯއިން ދެމުން ދިޔަ ޚިދުމަތް މެދުކަނޑާނުލާ މިފްކޯއިން ވަނީ މަސްވެރިން ބާނާ މަސް މިފްކޯގެ މަސް ބޯޓަށް ކިރުވޭނެ އިންތިޒާމާއި މަސްވެރިންނަށް ބޭނުންވާ އައިސްގެ އިތުރުން ތެޔޮލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.

ކޫއްޑޫއިން ފިޝަރީޒް ކޮމްޕްލެކްސްގެ 90 މުވައްޒަފުން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު 25 މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ކޫއްޑޫގެ އެކްޓިވެ ކޭސްތަކުގެ އަދަދަކީ 65އެވެ.