English Edition
Dhivehi Edition

ތައިލޭންޑުގެ ކުރީގެ ބޮޑު ވަޒީރު ޔިންގްލަކް ޝިނަވާޓްރާ ފަސް އަހަރަށް ޖަލަށް ލުމަށް އެގައުމުގެ ސްޕްރީމް ކޯޓުންޣައިރު ހާޒިރުގައި ހުކުމް ކޮއްފިއެވެ.

ތައިލޭންޑުގެ ކުރީގެ ބޮޑު ވަޒީރުގެ މައްޗަށް ސާބިތުވެފައި ވަނީ ވެރިކަމުގެ ދުވަސްވަރު ހަނޑުލުން ސަބްސިޑީ ދިނުމުގައި އިހުމާލުވެފައިވާ ކަމުގައެވެ. ހުކުން އިއްވަމުން ކޯޓުގެ ޤާޒީ ވިދާޅުވެފައިވަނީ ކޯޓުގެ 9 ފަންޑިޔާރުންގެ މައްޗައް އެކުލެވޭ ފަންޑިޔާރުންގެ ބެންޗުގެ އަޣުލަބީއްޔަތުން އެނާގެ މައްޗަށް ކުއްސާބިތު ވާކަމަށެވެ.

ތައިލޭންޑުގައި އިހުމާލުވެގެން މީހަކަށް ދެވޭ އެންމެ ބޮޑު އަދަބަކީ ދިހަ އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް ކޯޓުން ފަސް އަހަރުގެ ހުކުމެއް އިއްވި ސަބަބެއް ހާމަކޮއްފައެއް ނުވެއެވެ.

މިހުކުމުގައި ފަނޑިޔާރުން ވަނީ ޔިންގްލަކް އަށް މި އިހުމާލުން ސިދާ ފައިދާ އެއް ވެފައި ނުވާކަން ފާހަގަ ކޮއްފައެވެ.

ކޯޓުގެ އަޑު އެހުން ތަކަށް ކުރީގެ ބޮޑުވަޒީރު ހާޒިރުވެފައެއް ނުވެއެވެ. އަދި ބެލެވޭ ގޮތުން އެނާ ވަނީ ބޭރުގައުމެއްގައި ފިލާފައެވެ. ތައިލޭންޑުގެ މިހާރުގެ ބޮޑުވަޒީރު ކޯޓުގެ ހުކުމުގެ ކުރިން ވަނީ ޔިންގްލަކް އުޅޭތަނެއް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޔިންގްލަކްގެ ސަރުކާރު 2014 ވަނަ އަހަރު ވަނީ ބަޣާވާތެއްގައި ވައްޓާލާފައެވެ. އެނާގެ މައްޗަށް ކުރެވިފައި ވަނީ ވެރިކަމުގެ ދުވަސްވަރު ހަނޑުލުން ސަބްސިޑީ ދިނުމުގައި އިހުމާލުވެފައިވާ މައްސަލައެކެވެ. މި އިހުމާލުގެ ސަބަބުން އެގައުމަށް 8 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެއެވެ.