މިހާރު ބްރެޒިލްގައި ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ބޮލީވިއާ އަތުން 4-1 އިން އާޖެންޓީނާ މޮޅުވިއިރު އެ މެޗުގައި އެ ޓީމަށް ދެލަނޑުޖެހި ކެޕްޓަން ލިއޮނަލް މެސީ ވަނީ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
މި ނަތީޖާއާއެކު އާޖެންޓީނާ އޮތީ ކުޅުނު ހަތަރު މެޗުން ހޯދީ 10 ޕޮއިންޓާއެކު ގްރޫޕް އޭ ގެ އެއްވަނައިގައެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އުރުގުއޭ އޮތްއިރު، ތިންވަނައިގައި އޮތް ޕެރަގުއޭ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. މި ގްރޫޕުން ކުއާޓާ ފައިނަލްގެ ފަހު ޖާގަ ހޯދި ޗިލީ އޮތީ ފަސް ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އެންމެ ފުލުގައި އޮތް ބޮލީވިއާ އަށް ޕޮއިންޓެއްނުލިބެއެވެ.
ބްރެޒިލްގެ ކުޔާބާގައި ހުންނަ އެރީނާ ޕެންޓަނާލްގައި ރޭ ކުޅުނު މި މެޗު ފެށިގެން ހަވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑްނަގައިދިނީ އަލެހަންދްރޯ ގޯމޭޒް (ޕާޕޫ ގޯމޭޒް) އެވެ. މިއީ މެސީ ދިން ބޯޅައަކުން ޕާޕޫ ގޯމޭޒް ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު، މެސީ ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ސާޖިއޯ އަގުއޭރޯ ދިން ބޯޅައަކުން މެސީ ވަނީ އާޖެންޓީނާ އަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ 15 ވަރަކަށް މިނެޓުގެ ތެރޭގައި ބޮލީވިއާގެ ލިއޮނަލް ޖަސްޓިނިއާނޯ ދިން ބޯޅައަކުން ފަރަގު ކުޑަކޮށްދިނީ އެރްވިން ސާވެޑްރާ އެވެ. އޭގެ ފަސް މިނެޓުފަހުން، އާޖެންޓީނާ އަށް އަލުން ތިން ލަނޑުގެ ލީޑްނަގައިދިނީ އިންޓަ މިލާނަށް ކުޅެމުން އަންނަ ފޯވާޑް ލޮޓާރޯ މާޓިނޭޒް އެވެ.
މި މެޗާއެކު މެސީ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ހަވިއާ މަޝެރާނޯގެ ރެކޯޑް މުގުރާލާފައެވެ. މެސީ ވަނީ އާޖެންޓީނާ ޓީމަށް 148 މެޗު ކުޅެދީ 75 ލަނޑުޖަހާފައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އުރުގުއޭ އިން ވަނީ 1-0 އިން ޕެރަގުއޭގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗުގައި އުރުގުއޭ އިން ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީ އެވެ.
ރޭގެ މެޗުތަކަށްފަހު މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅޭ ޓީމުތައް ކަށަވަރުވެގެންދިޔައިރު، ފާހަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި ޗިލީއާ ބްރެޒިލް ބައްދަލުކުރާ މެޗާއި އުރުގުއޭއާ ދެކޮޅަށް ކޮލަމްބިއާ ކުޅޭ މެޗު ހިމެނެއެވެ.
ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލް މެޗުތައް:
ޕެރޫ – ޕެރަގުއޭ (03 ޖުލައި 2021)
ބްރެޒިލް – ޗިލީ (03 ޖުލައި 2021)
އުރުގުއޭ – ކޮލަމްބިއާ (04 ޖުލައި 2021)
އާޖެންޓީނާ – އެކުއޭޑޯ (04 ޖުލައި 2021)