ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ސްޕެއިނާއި ސްވިޒަލެންޑުން އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ކްރޮއޭޝިއާ އަތުން 5-3 ގެ ތަފާތަކުން ސްޕެއިން މޮޅުވިއިރު، ސްވިޒަލެންޑުން ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި 5-4 އިން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފައެވެ.
މިއީ 2012 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލަށް ސްޕެއިން ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެއިތުރުން، ރޭގެ މެޗާއެކު ސްޕެއިނުން ވަނީ ޔޫރޯގެ ތާރީޚުގައި ޖެހިޖެހިގެން ދެ މެޗުގައި ފަސް ލަނޑުޖެހި ހަމައެކަނި ޓީމުގެ ޝަރަފު ހޯދާފައެވެ.
ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ކްރޮއޭޝިއާ އިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމުން ޖެހި މި ގޯލަކީ ސްޕެއިނުގެ މިޑްފީލްޑަރު ޕެޑްރީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ހާފުގެ މެދަކާ ހިސާބުން ޕެޑްރީ ޖައްސާލި ބޯޅަ އެ ޓީމުގެ ކީޕަރު އުނާއި ސިމޯން ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި ފަޔަށް ރަނގަޅަށް ލައްވާނުލައި އެ ބޯޅަ ގޯސް ވަނީ ގޯލްގެ ތެރެއަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރީން ސްޕެއިނަށް އެއްވަރުކޮށްދިނީ ޕަބްލޯ ސަރާބިއާ އެވެ. މެޗުގެ 37 ވަނަ މިނެޓުގައި ސަރާބިއާ މި ލަނޑުޖެހީ އެ ޓީމުގެ ހޯސޭ ގަޔާ ފޮނުވާލި ބޯޅައެއް ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ ފޮނުވާލައިގެންނެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުރީކޮޅު ޗެލްސީގެ ޑިފެންޑަރު ސެޒާ އަޒްޕިލިކުއެޓާގެ ގޯލާއެކު ސްޕެއިނުން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގިއިރު، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ފެރާން ޓޮރޭޒް ވަނީ އެ ޓީމަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ.
ނަމަވެސް، ކްރޮއޭޝިއާ އިން ވަނީ މެޗުގެ ފަހުކޮޅު އިތުރު ދެ ގޯލް ކާމިޔާބުކޮށް ނަތީޖާ 3-3 އަށް ބަދަލުކޮށްލާފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މިސްލާވް އޯރްސިޗް އާއި މާރިއޯ ޕަސަލިޗް އެވެ. އޭގެފަހުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގައި ސްޕެއިނުން ވަނީ އަލުން ލީޑްނަގާފައެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު، މެޗުގެ 100 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ޖަހައިދިންއިރު، އޭގެ ތިން މިނެޓުފަހުން މިކޭލް އޮޔާޒަބާލް ވަނީ ފަސްވަނަ ލަނޑުޖަހައިދީ ދެލަނޑުގެ ފަރަގެއް ހޯދައިދީފައެވެ.
މި މުބާރާތުގައި ރޭ ރުމޭނިއާގެ ބުކަރެސްޓްގައި ހުންނަ ނޭޝަނަލް އެރީނާގައި ކުޅުނު މެޗު ފެށިގެން 15 ވަނަ މިނެޓުގައި ސްވިޒަލެންޑުން ލީޑްނެގީ ހާރިސް ސެފަރޮވިޗް ކާމިޔާބުކުރި ގޯލުންނެވެ. މެޗުގެ ފުރަތަމަ ހާފު މި ނަތީޖާގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގެ ކުރީކޮޅު ސްވިޒަލެންޑަށް ލީޑްފުޅާކުރަން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރިކާޑޯ ރޮޑްރިގޭޒް ފޮނުވާލި ބޯޅަ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް މަތަކުރިއެވެ.
އޭގެ ދެ މިނެޓުފަހުން، ފްރާންސަށް އެއްވަރުކޮށްދިނީ ކަރީމް ބެންޒެމާ އެވެ. މިއީ ކިލިއަން އެމްބާޕޭ ދިން ބޯޅައަކުން ބެންޒެމާ ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ލަނޑުޖެހިތާ ދެ މިނެޓުގެ ތެރޭގައި ބެންޒެމާ ވަނީ އިތުރު ލަނޑެއްޖަހައި މި މެޗުގައި ފުރަތަމަ ފަހަރަށް ފްރާންސަށް ލީޑްނަގައިދީފައެވެ. އަދި އޭގެފަހުން، މެޗުގެ 75 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ޕައުލް ޕޮގްބާ ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ.
މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް، ސްވިޒަލެންޑުން ވަނީ ފަހު 10 މިނެޓުގެ ތެރޭގައި ދެލަނޑުޖަހައި އިތުރުވަގުތުގެ ކުޅުމަށް ގެންގޮސްފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު، ސެފަރޮވިޗް ކާމިޔާބުކޮށްދިނީ ކެވިން އެމްބާބޫ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަދި މެޗުގެ އެންމެ ފަހު މިނެޓުގައި އެއްވަރުކޮށްދިން ލަނޑުޖެހީ އެ ޓީމުގެ ކެޕްޓަން ގްރޭނިޓް ޒާކާ ދިން ރީތި ޕާހަކުން މާރިއޯ ގަވްރަނޮވިޗް އެވެ. އޭގެފަހުން، ފްރާންސް މޮޅު ކޮށްދޭން އިތުރުވަގުތުގައި ކިންގްސްލީ ކޯމަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
މި މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނުއިރު ދެ ޓީމު 3-3 އިން އެއްވަރުވުމުން ދެން ކުޅެވުނު އިތުރުވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ބަދަލުނުވުމުން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ފުރަތަމަ ފޮނުވާލި ނުވަ ޕެނަލްޓީ ކާމިޔާބުކުރިއެވެ، ސްވިޒަލެންޑުން ޖެހި ފަސް ޕެނަލްޓީ ކާމިޔާބުކުރިއިރު، އެ ޓީމުގެ ޕެނަލްޓީތައް ފޮނުވާލީ ގަވްރަނޮވިޗް، ފަބިއަން ޝާ، މެނުއަލް އަކަންޖީ، ރުބެން ވާގަސް އަދި އެޑްމިރް މެހްމެދީ އެވެ. ފްރާންސްގެ ޕޮގްބާ އާއި އޮލިވިއޭ ޖިރޫގެ އިތުރުން މާކަސް ތުރާމް އާއި ޕްރެސްނެލް ކިމްޕެމްބޭ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރިއިރު، އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ މަތަކުރިއެވެ.