English Edition
Dhivehi Edition

އިންޑިއާގެ މަޝްހޫރު އެތްލީޓް މިލްކާ ސިންގް ކޮވިޑް ބައްޔަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އުމުރުން 91 އަހަރުގެ މިލްކާ ސިންގް މަރުވީ ޗަންދީގަރްގެ ނެހެރޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހުއެވެ. ކޮވިޑް19 އަށް ޕޮޒިޓިވްވެ މިލްކާ ސިންގް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ މަހުގެ ތެރޭގައެވެ.

ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު މިލްކާ ސިންގްގެ ހާލު ރަނގަޅު ވުމާއި އެކު، ޢާއިލާގެ އެދުމުގެ މަތިން އޭނާ ވަނީ ގެއަށް ދޫކޮށްލާފައެވެ. އެހެންނަމަވެސް މި މަހުގެ 03 ވަނަ ދުވަހު އަނެއްކާވެސް އޭނާގެ އޮކްސިޖަން ލެވެލް ދަށްވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު، އޭނާގެ ކޮވިޑް ޓެސްޓުވަނީ ނެގެޓިވްވެފައެވެ.

ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިލްކާ ސިންގް މަރުވިކަން އާއިލާއިން މިއަދު އިއުލާންކޮށްފައިވާއިރު އިންޑިއާގެ ބޮޑު ވަޒީރުވެސް ވަނީ އާއިލާއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

މިލްކާ ސިންގްގެ އަނބިމީހާ އަދި އިންޑިއާ ވޮލީ ޓީމްގެ ކުރީގެ ކެޕްޓަން ނިރްމަލާ ކައުރް ވެސް ވަނީ މިދިޔަ ހަފްތާގައި ކޮވިޑްޖެހިގެން މަރުވެފައެވެ.

މިލްކާ ސިންގް އަކީ ބުރަ މަސައްކަތުން ދުވުމުގެ ދާއިރާއިން ކުރިއަށް ގޮސް، ދުނިޔޭގެ އެކި ގައުމުތަކުގައި އިންޑިއާ ތަމްސީލް ކުރަން ފުރުސަތު ހޯދި މީހެކެވެ. އޭނާގެ ހަޔާތުގެ މައްޗަށް “މިލްކާ ބާގް މިލްކާ” ގެ ނަމުގައި ފިލްމެއްވެސް ވަނީ އުފައްދާފައެވެ.