English Edition
Dhivehi Edition

ރީތި ރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ކަންނެލި ދޯންޏެއްގައި، ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ސ.މީދޫ ހަނދުވަރުމަތީގެ އަލީ ވަސީމް(އައްލާ) ގެ ޙާލު އަދިވެސް ސީރިއަސް ކަމަށް އާއިލާއިން ބުނެފިއެވެ. ރޭގެ ހާދިސާގައި އަލީ ވަސީމުގެ ބޮލަށް ސީރިއަސް ގެއްލުން ވެފައިވާއިރު އޭނާއަށް މިހާރުވެސް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. “އަދި ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް އާއިލާގެ މީހަކަށް ވެސް ނުފެނޭ. ޑޮކްޓަރުން ބުނަނީ އެއްވެސް އެއްޗެކޭ ބުނަން އެނގޭނީ 72 ގަޑި އިރުފަހުން ކަމަށް. ހާލު ސީރިއަސްކަން އެނގެނީ” އާއިލާގެ ފަރާތުން ވާހަކަ ދެއްކި ރަޝީދާ އިބްރާހިމް ބުންޏެވެ. އައްލާގެ ބޮލުގެ އޮޕަރޭޝަނެއް މިހާރު ކޮށްފައިވާއިރު އޭނާގެ ހާލު ވަރަށް ކްރިޓިކަލްކަމަށާއި ޑޮކްޓަރުންނަށް އަދި ވަކި އިތުރު އެއްޗެއް ބުނަން ނޭނގޭ ކަމަށް އޭޑީކޭއިން ވެސް ވަނީ ބުނެފައެވެ. ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން 14 މީހަކު އޭޑިކޭއަށް ގެންގޮސްފައިވެއެވެ. އޭގެތެރެއިން ތިން މީހަކު ރޭ ވަނީ ދޫކޮށްލާފައެވެ. ބާކީ 11 މީހުންނަށް އަދި ވެސް އޭޑީކޭގައި ފަރުވާ ދެމުންދާއިރު އެތަނުން 2 މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ސަމާ އައިލެންޑް ރިސޯޓްގެ ލޯންޗް ގޮސް ޖެހުނު ދޯނީގެ ލައިޓް ހުރީ ނުދިއްލަ އެވެ. އެހެންވެ، ރީތި ރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް އެ ދޯނި، ލޯންޗުގެ ކެޕްޓަނަށް ނުފެނުމުގެ ސަބަބުން ގޮސް އޭގައި ޖެހި އެކްސިޑެންޓް ހިނގީ ކަމަށް ކޯސްޓް ގާޑުން ބުންޏެވެ. މިހާދިސާގައި އަނިޔާވި ހުރިހާ އެންމެންނަކީ ވެސް ސަމާ އައިލެންޑްގެ މުވައްޒަފުންނެވެ.   މީހުންގެ ތެރެއިން ހަތަރު މީހަކަށް މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.