English Edition
Dhivehi Edition
ކްރިމިނަލް ކޯޓު ކައިރީގައި ބަޔަކު ހުއްޓިގެން
އަތުގައި ކަޓަރު ތިލައެއް އޮވެ، ފުލުހަކާއި އޭނާގެ އެންމެ 11 މަހުގެ ތުއްތު ދަރިފުޅު “ކޮށާލާނެ” ކަމަށް ބުނެ އިންޒާރު ދިން މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ. މިއީ ލ. ގަން، ތުނޑި، އަސުރުމާގެ، ހުސައިން ރިޒުސާންގެ މައްޗަށް ދައުލަތުން އުފުލި ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ދައުވާއާ ގުޅިގެން ކޯޓުން ކުރި ހުކުމެކެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ތައިބާ މިސްކިތް ކައިރިންނެވެ. ކޯޓު ރިޕޯޓުގައިވާ ގޮތުން ފުލުހަކު އޭނާގެ ޅަ ދަރިފުޅު އުރައިގެން ހުއްޓައި ރިޒުސާން އެތަނަށް ގޮސް ބުނެފައިވަނީ “ދެ މީހުން ތިތިބީ ކައިރީގައި ނޫންހޭ، ދެ މީހުން އެއްކޮށް ކޮށާލާނަމޭ” މިހެންނެވެ. އެވަގުތު އޭނާގެ އަތުގައި ކަޓަރު ތިލައެއް އޮތްކަން ހާމަވެފައިވާއިރު، މި އަމަލުގެ ސަބަބުން ފުލުސް މީހާއަށާއި ކުޑަކުއްޖާއަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރު އުފެދުނުކަން ފާހަގަކޮށްފައިވެއެވެ.

ޝަރީއަތުގެ މަރުހަލާގައި ރިޒުސާން ވަނީ ކުށަށް އިއުތިރާފުވެ ދައުލަތާއެކު އެއްބަސްވުމެއް ގާއިމްކޮށްފައެވެ. އެހެންކަމުން ގާޒީ އިބްރާހީމް ޒިހުނީ ހުކުމް ކުރެއްވީ ދައުވާ ލިބޭ މީހާއަށް ލުއިވާނެ ގޮތަށެވެ. އެގޮތުން މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރުދެއްކުމުގެ ކުށަށް އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަދި ހުއްދަ ނޫން ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށަށް އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ރިޒުސާން އަކީ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށް ޝަރީއަތް ހިންގި މީހެކެވެ. ނަމަވެސް އެފަހަރު ކުށް ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.