English Edition
Dhivehi Edition

ސިންގަޕޫރުގައި ބާއްވާ އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕަށާއި އޮލިމްޕިކް ކޮލޮފިކޭޝަންގައި ބައިވެރިވުމަށް ގައުމީ ރޯވިންގެ ޒުވާން ޓީމް ސިންގަޕޫރަށް މިއަދު ފުރައިފިއެވެ.

އެ ދެމުބާރާތުގައި ބައިވެރިވާ ޓީމުގައި ހިމެނެނީ ދެ އެތުލީޓަކާއި ކޯޗެކެވެ. ޓީމުގައި ހިމެނޭ ދެ އެތުލީޓުންނަކީ މަރަދޫ އިރުޝާދިއްޔާ ސްކޫލުގެ ދަރިވަރެއް ކަމަށްވާ ރިކާޒާއި، ހިތަދޫ ސްކޫލުގެ ދަރިވަރެއް ކަމަށްވާ އުމާނެވެ.

އެ ދެމުބާރާތުގައި ބައިވެރިވުމުގެ ކުރިން މާދަމާއިން ފެށިގެން އޮކްޓޯބަރު 14 އަށް ސިންގަޕޫރުގައި ބާއްވާ ޓްރެއިނިން ކޭމްޕެއްގައި އެ ދެކުދިން ބައިވެރިވާނެއެވެ. އެ ކުދިންގެ އިތުރަށް ގައުމީ ކޯޗު ހަސަން ޝިޔާންވެސް ބައިވެރިވާނެ ކަމަށް ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވިދާޅުވިއެވެ. މިއީ ވޯލްޑް ރޯވިން ފެޑެރޭޝަން (ފީސާ) އާއި އޮލިމްޕިކް ސޮލިޑަރިޓީއާއި، އޭޝިއަން ރޯވިން ފެޑެރޭޝަން ގުޅިގެން ހިންގާ ކޭމްޕެކެވެ. އެކޭމްޕުގައި ބައިނަލްއަގުވާމީ އެލީޓު ކޯޗުންގެ އިރުޝާދު އެކުދިންނާއި ގައުމީ ކޯޗަށް ލިބިގެންދާނެއެވެ.

އެ ކޭމްޕަށްފަހު އޮކްޓޯބަރ 11 ވަނަދުވަހު ފަށާ އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގައި އެ ދެ އެތުލީޓުން ބައިވެރިވާނެއެވެ. އެއަށްފަހު އޮކްޓޯބަރ 13 އިން 15 އަށް ބާއްވާ އޮލިމްޕިކް ކޮލިފިކޭޝަނުގައި ވެސް ދެ ކުދިން ބައިވެރިވާނެއެވެ.

ރޯވިން އެސޯސިއޭޝަނުން ވިދާޅުވީ އެކުދިންނަކީ 14 އަހަރުގެ ދެކުދިން ކަމަށެވެ. އެފަދަ ޅައުމުރުން ފެށިގެން ރޯވިންގައި ބައިވެރިވެ ތަމްރީންތައް ލިބިގަތުމަކީ ރާއްޖޭގައި ރޯވިންގެ މުސްތަގުބަލް އުޖާލާވާނެ ކަމުގެ ދަލީލެއް ކަމަށެވެ.

ރޯވިން އެސޯސިއޭޝަނުން ގެންދަވަނީ އެކުޅިވަރު ރާއްޖޭގައި ތަރައްގީކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ އެސޯސިއޭޝަނުންވަނީ މިމަހުގެ 17 އިން 23 އަށް ހުޅުމީދޫގައި ރޯވިން ކޭމްޕެއް ބާއްވައިފައެވެ. އެފަދަ ކޭމްޕެއް ފުވައްމުލަކު ސިޓީގައި ބޭއްވުމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ.