އޯގާވެރިކަމާއި, ކުލުނަކީ ލޯބީގެ ވަރުގަދަ ރަމްޒުތަކެވެ. ލޯއްބާއި އުފާވެރި ކަމަކީ ދިރިއުޅުމުގެ އަސާސްތަކެކެވެ. މީހެއްގެ މުހިއްމުކަން އިހުސާސްވާނީ އަނެކާ ކުރާ އިހުތިރާމްއަކުންނެވެ. ތިމާއާއި މުޚާތަބުކޮށްލާ ނުވަތަ ގޮވައިލާ ގޮތުންނެވެ. ގައިގައި ފިރުމައިލާ ގޮތުންނެވެ. ހައްތަހާވެސް އުފާވެރިކަމެވެ. ލޯއްބެވެ. މިހުރިހާ ކަންކަމީ އިންސާނާއަށް އޭގެއިން ފައިދާ ލިބިދޭ ކަންކަމެވެ. އަނެކާއަށް ތިމާ މުހިއްމުވާ ކަމުގެ އިހުސާސްވުމަކީ އުފަލެކެވެ. މީހަކު ތިމާއަށް އިޙުތިރާމާއި, ޤަދަރު ކުރާކަން އެނގުމަކީ ހިތްހަމަޖެހުމެކެވެ.
ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ އެމީހެއްގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރާށެވެ. މާތްالله އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ މަޤުސަދުގެ ތެރޭގައި އެކަލާނގެއަށް އަޅުކަންކުރުމާއި ދުނިޔެ އާރާސްތުކުރުން ހިމެނެއެވެ. މިކަންތައް ކުރެވޭނީ ރަނގަޅު މުޖުތަމަޢެއް ބިނާވެގެންނެވެ. ރަނގަޅު މުޖުތަމައެއް ބިނާކުރެވޭނީ އިންސާނީ ދަރިފަސްކޮޅު ހެޔޮގޮތުގައި ތަރުބިއްޔަތު ވެގެންނެވެ. އުފާވެރި ދިރިއުޅުމެއް ހޯދިގެންނެވެ.
މިއަދުކުރެވުނު ތަޖުރިބާ އަކާއި, އިސްވެ ލިޔެވިފައިވާ ކަންތަކާއި ގުޅުވައިލާނަމެވެ.
އާދެ! މަސާޖުކުރުމަކީ އެކި މީހުން އެކި ގޮތްގޮތަށް މާނަކުރާކަމެކެވެ. ބައެއް މީހުން މާނަކުރާ ގޮތުގައި މަސާޖުކުރުމަކީ, ވަގުތީ އުފަލެއް ލިބިގަތުމުގެ ނުވަތަ ހޯދައި ގަތުމުގެ ގޮތުން ކުރާ ނޭދެވޭ ކަމެކެވެ. ކޮންމެ ކަމެއްވެސް ނުބައި ނިޔަތެއްގައި ކޮށްފިއްޔާ އެކަމެއްވާނީ ގޯސްކަމަކަށެވެ. ކޮންމެއަކަސް “މަސާޖު” މިބަހަކީ އިނގިރޭސި ބަހެކެވެ. ބަހުގެ ގޮތުން ބަލާއިރު މަސާޖުކުރުމަކީ, ހުޅުހުޅުގަޔާއި, ހަށިގަނޑުގައި އިނގިލިކުރިންނާއި, އަތްތިލައިން ވަކި ގޮތަކަށް ވަކި މިނަކަށް އަތްހިންގުމެވެ. މިއީ މަސްތަކުގެ ވަރުބަލިކަން ފިލުވައި, ބައެއްކަހަލަ ކުދިކުދި ތަދުތަކަށާއި, ހަށިގަނޑުގެ ލޮޑުކަމަށް ލުޔެއް ހޯދުމަށް ކުރާ ކަމެކެވެ. ގިނަ ވަގުތު ބުރަކޮށް މަސައްކަތް ކުރާ މީހުނަށް މަސާޖުން އަރާމްލިބެއެވެ. އެގޮތުން ބޯ މަސާޖުކޮށްލުން, ފައި މަސާޖުކޮށްލުން ނުވަތަ މުޅި ހަށިގަނޑުގެ މަސާޖެއްކޮށްލުމުން ހަށިގަނޑުގެ މަސްތަކުގެ ވަރުބަލިކަން ފިލައި, ލޭގެ ހިނގުން ރަގަޅުވެ, މީހާއަށް އަރާމް ލިބިދެއެވެ. އުފާވެރިކަން އިހުސާސްވެއެވެ.
ޕްރޮފެޝަނަލް މަސާޖަކީ އަގުބޮޑު ޚިދުމަތެކެވެ. އެއީ ތަމްރީނުލިބިގެން ކުރާކަމެކެވެ. އެހެނީ ހަށިގަނޑުގެ އެކި ގުނަވަންތަކާއި, ހުޅުތަކުގައި ޚާއްސަކޮށް ރިލެކްސިން ޕޮއިންޓުތަކާއި, ސްޓްރެސް ޕޮއިންޓުތަކަކީ ނާޒުކު އަދި ހަށިގަނޑުގެ މުހިއްމު ނާރުތަކާއި ގުޅިފައިވާ ތަންތަނަށްވީމަ, އެކަމުގެ މައުލޫމާތާއި ހުނަރު ނެތި މަސާޖު ކުރުމުން އިހުސާސް ނުކުރެވޭހާ ގެއްލުންވެދާނެ ކަމެކެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ޕްރޮފެޝަނަލް މަސާޖަކީ އަގުބޮޑު ޚިދުމަތެކެވެ. މަސާޖުކުރުމަކީ ބުރަ ދުވަސްތަކަށްފަހު އެބުރަކަމާއި, ވަރުބަލިކަން ފިލުވައިލަން ކުރުން ރަގަޅު ކަމެކެވެ.
ސްޕާތައް (މަސާޖުކުރާ ތަންތަން) ޑިޒައިންކޮށްފައި ހުންނަނީ އެތަނަށް ޚިދުމަތް ހޯދަންދާ މީހުން ހިތް އުފާވާނޭހެންނެވެ. އެތަންތަނުގެ ޒީނަތްތެރިކަމާއި, ސާފުތާހިރު ކަމާއި, އެކުލެވިފައި ހުންނަ މީރު ވަހުން އެތަނަށްދާ މީހުންގެ ހިތްއުފާވާނޭ ހެންނެވެ. ދޮރުމަތިން މަރުހަބާ ކިޔަން އިންނަ ކުއްޖާގެ ހީލުމުން ފެށިގެންގޮހެވެ. ފުރަތަމަ ފިޔަވަޅުން ފެށިގެން އެލިބޭ މެހެމާންދީރީންނެވެ. އެމީހުން މުޚާތަބުކުރާ ގޮތުންނެވެ. ގައިގައި ފިރުމައިލާ ގޮތުންނެވެ.
މިއިން ކޮންމެ ކަމެއް އުފާވެރި ދިރިއުޅުމާއި, ގުޅުވައިލެވޭ އިރު, އުފާވެރި ދިރިއުޅުމެއްގައި އެކުލެވެންޖެހޭ ހުރިހާ ބަހާތަކެއް މިތަނުން އެބަފެނެއެވެ. ލިބެއެވެ. އިހުތިރާމްކުރުމެވެ. އެކަކަށް އަނެކަކު މުހިއްމުވުމެވެ. ފިރުމުންތަކާއި, އޯގާތެރި ކަމެވެ. ލޯއްބާއި ކުލުނެވެ. ކަންކަމުގައި ރަގަޅުގޮތް އިޚުތިޔާރު ކުރުމެވެ.
މަސާޖުކުރުމަކީ އެންމެ ކުރީޒަމާނުގައިވެސް ދިވެހީންގެ ތެރޭގައިވެސް ކޮށްއުޅުނު ކަމެކެވެ. އަދި އެއީ ހުރިހާ އުމުރެއްގެ އަދި ހުރިހާ ފަންތިއެއްގެ މީހުންގެ މެދުގައިވެސް އޮތްކަމެކެވެ. އެންމެ ކުޑައިރު, މާމަމެން, ކާފަމެންގެ ފައި މޮޑެދޭން ޖެހެއެވެ. ހަވާދު ހަނާކުރުން ފަދަ ބުރަ މަސައްކަތެއް ނިންމައިލާ ދުވަހު މަންމަގެ ކޮނޑާއި ބުރަކަށި މޮޑެދޭން ޖެހެއެވެ. އޭރު އެމީހުންވެސް އެކަން ކުރުވީ އެއަށް ކޮންމެވެސް ވަރެއްގެ އުޖޫރައެއްވެސް ދީގެންނެވެ. އެގޮތުން ރުފިޔާއެއް, މެޓާއެއް ވިޔަސް އެފަދަ ކޮންމެވެސް އެއްޗެއްދޭނެއެވެ. ކަރަށް ދަތުއެރުމުން ކަމުގެ ހުނަރުވެރި ޚާއްސަ މީސްމީހުން ލައްވައި މޮޑުވައެވެ.
ބޮނޑިތާން ކުރުމަކީ ކުރީ ޒަމާނުގައި ވަރަށް އާންމު އަދި މިހާރުވެސް މަދުން ނަމަވެސް ކޮށްއުޅޭ ކަމެކެވެ. އާންމުކޮށް ބޮނޑިތާން ކުރަނީ, ތަނަކަށް ތަދުވުމުންނާއި, ތަނެއްގައިޖެހި ތަނެއް ދުޅަވުންފަދަ ކަމެއް ދިމާވުމުނެނެވެ. މީގެ ބޭނުމަކީ އަނިޔާވި ތަނަށް ނުވަތަ ހަށިގަނޑަށް އަރާމެއް ހޯދައިދިނުމެވެ. ކުރީ ޒަމާނުގައި ކުދިން ވިހައިގެން އުޅޭ ދުވަސްވަރު އަންހެނުންގައިގައި ބޮނޑިތާން ކުރާނެއެވެ. އެއީ ވިހެއުމުގެ ގަދަފަދަ ވޭނުގައި ހަށިގަނޑުގެ މަސްތަކަށް ލިބުނު ވަރުބަލިކަމަށް ލުއެއް ހޯދައިދިނުމަށެވެ. އެކަމުން އެމީހާއަށް އަރާމެއް ހޯދައިދިނުމުގެ ގޮތުންނެވެ. ބޮނޑިތާނަކީ, އެތެރެއަށް ބޭސްއަޅާފައި ފޮތިން ނުވަތަ ފަތުން ބަނދެފައި އޮންނަ ބޮނޑިއެކެވެ. މިވެސް މަސާޖުކުރުމެކެވެ. މި ދެ ކަމުގެވެސް ބޭނުމަކީ މަސްތަކުގެ ވަރުބަލިކަން ފިލުވައި މީހާއަށް ހިތްހަމަޖެހުން ލިބިދިނުމެވެ.
އަހަރެންގެ އަމިއްލަ ތަޖުރިބާގެ އަލީގައި މަސާޖުކުރުމާއި, ބޮނޑިތާން ކުރުން ސިފަ ކުރާނީ, މީހާގެ ވަރުބަލިކަން ފިލުވައިދޭ ހަށިގަނޑަށް އަރާމް ލިބިދޭ ކަމެއްގެ ގޮތުގައެވެ. އަމިއްލަ ދިރިއުޅުމާއި މި ޚިދުމަތާއި އެކުލަވަންޏާ އަހަރެން ބުނެލާނީ, މިއީ އުފާވެރި ދިރިއުޅުމެއްގައި އެކުވާން ޖެހޭ ހުރިހާ ރަހައެއް އެކުލެވޭ ކަމެއްގެ ގޮތުގައެވެ. މި ލިޔުމުގެ މަގުޞަދަކީ މަސާޖުކުރުން ނުވަތަ ސްޕާގެ ވާހަކަ ދެއްކުމެއް ނޫނެވެ. އެހެނަސް އެ ޚިދުމަތާއި އިންސާނިއްޔަތު ކަމާއި, އުފާވެރިކަމާއި ހުރި ގުޅުން ފެނިފައި އެކަން ހިމަނައިލުމެވެ. ތިމާއަށް ކުރެވޭ ކޮންމެ ތަޖުރިބާއަކުން, އަދި އެނގި ދަސްވާ ކޮންމެ ކަމަކުންވެސް, ކޮންމެވެސް ކަހަލަ ރަގަޅުކަމެއް ފާހަގަ ކޮށްލުން މުހިއްމެވެ.
މިބާވަތުގެ ކަންތަކުގައި އެކުލެވޭ އެކިއެކި ކަންތައްތަކަށް ވިސްނައިލުމުން އެނގޭކަމަކީ, މި ކަންކަމަކީ އިންސާނާގެ އާންމު ދިރިއުޅުމުގައިވެސް ބޭނުންވާ ބައިތައް ކަމެވެ. ލޯބި، އަޅައިލުން, އޯގާތެރިކަން، އިޙުތިރާމް ކުރުން، މިއީ އުފާވެރި ދިރިއުޅުމެއްގައި އެކުލެވެން ޖެހޭ މުހިއްމު އަސާސްތަކެކެވެ.