ޒަވާޖީ ހަޔާތެއްގެ ފެށުން ކޮންމެ ދެމީހަކުވެސް ފަަށާނީ ފޮނި އުންމީދު ތަކަކާއި އެކުކަން ޔަޤީނެވެ. މިއަދު ކައިވެނިކޮށް ޖެހިގެން އަންނަ ދުވަހު އެކައިވެނި ރޫޅާލާން ބޭނުން ނުވާނެކަން ޔަޤީނެވެ. ތަފާތު އެކި މިޒާޖުގެ މީހުންނާއި ދިމާވެ ކައިވެންޔަކާއި ހިސާބަށް ވަކި މީހަކު ގެންދާނީވެސް ވަކި ހާއްސަ ސިފަތަކެއް ހުރެގެންކަން ޔަޤީނެވެ.
އުންމީދު ކުރި ފޮނި ދިރިއުޅުން ފަޅި ސިކުންތަކުން ވީރާނާވެ ދިޔުން ވާނީ ޔަޤީނުންވެސް މީހާގެ ދިރިއުޅުމަށް ލޮޅުންތަކެއް އަރާނެ ކަމަކަށެވެ. މީހާގެ ނަފްސާނީ ދުޅަހެޔޮ ކަމުން ފެށިގެން ޖިސްމާނީ ދުޅަހެޔޮކަމަށްވެސް ބަދަލުތަކެއް އަންނާނެ އެ ކޮޅިގަނޑަކީ ވަރަށް ހިއްވަރެއް ލައިގެން ނޫނީ ދެން އަލުން ދިރިއުޅުން ކުރިއަށް ނުކަނޑާނެ ކަމެކެވެ. ފަޅި ސިކުންތަކުން ވީރާނާވެ ދާނީ ޔަޤީނުންވެސް އެ ކައިވެންޔެއް ފެންނަ ފެނުމަށް ސާދާކޮށް އޮމާންކޮށް އޮވެ ކުއްލިއަކަށް ފެންމަތިވާ ކަންތައް ގަޑެއްގައިކަން ޔަޤީނެވެ. އަދަބީ ހަރު ބަހެއްގައި އޮވެއެވެ. “ކެޔޮ ކޭވަރު އެނގޭނީ ބިތު ފަންގި ނެގީމައެވެ.”ބިތު ފަންގި ނެގޭ ހިސާބަކީ ބައިވެރިޔާގެ އަސްލު އެނގޭ ހިސާބެވެ. މިހާރުގެ މުޖްތަމަޢުގައި ބިތު ފަންގި ނެގި އަސްލު ފެންނަ ހިސާބަކީ ދިރިއުޅުމުގައި ލައްޖެހޭ ހިސާބު ކަމުގައިވިޔަސް އެއީ މާ ބޮޑު ކަމެއް ކަމަށް ނަހަދާ އެކަން އެނިމުނީ އޭ ބުނާ މީހުން މަދެއް ނޫނެވެ.ހަޔާތެއްގެ ދެބައިކުޅަ އެެއްބައި ހޭދަ ކުރި މީހާއަށް ތިމާ ކެޔޮކޭވަރު އެގުމުން ދެރަވެ އެކަމެއް ކުރެވުމުން ލަދުވެތިކަމަާއި މަޑުމޮޅި ކަމާއިއެކު ހައްލު ކުރަން ވިސްނުމުގެ ބަދަލުގައި އެޒަވާޖީ ހަޔާތް ވީރާނާ ކުރުވި މީހާ ދައްކަނީ އޭނާގެ ގަދަ ކަމެވެ. ރަޙުމް ކުޑަ ބަސްތަކުން ދެން ހުންނަ މީހާއަކީ އެއްވެސް އަގެއް ނެތް މީހަކަށް ހަދާލައެވެ. ކެތްތެރިކަމާއި ހިތްމަތާއިއެކު އެދިރިއުޅުން އޮމާން މިސްރާބެއްގައި ގެންދިޔަ ބައިވެރިޔާއަށް އިޙާނެތިކޮށް ކަންތައް ކުރަނީ ތިމާ ކުރި ކުށް އެއީ ކުށެެއް ނޫން ކަމަށް ދައްކާށެވެ. ރުޅި އިސްކޮށް ހިތްމަރުވާ ބަސްތަކަކީ ބިތުފަންގި ނުނެގި ދިޔަހާ ދުވަސްތަކުގައި ދުވަހަކުވެސް އެ އަނގަޔަކުން ނުބުނާ ފަދަ ބަސްތަކަކަށްވެއެވެ.
ވީކަމެއް ނުވާކަމަކަށް ނެހެދޭނެއެވެ. އަދި ދެން ހުރި މީހާގެ މިޒާޖުގައި ތިމާ ކުރި ކަމަކީ ބޮޑު ކަމެއް ނޫނޭ ހީވެ އުޅޭ މީހެއްގެ ވާހަކަތައް ދެއްކުމުން ބޮޑުވާނީ އެ ކޮޅިގަނޑުކަން ވިސްނަންވެސްވެއެވެ. ހާއްސަކޮށް އެކައިވެންޏެއްގައި ދަރިން ތިބި ނަމައެވެ.ކުރި ކުށް ފޮރުވާން ދައްކާ ވާހަކައިން އަސްލު ކުށްވެރިޔަކީ ކާކުކަން އޮޅޭ ހިސާބަށް ގެންދާނެއެވެ. ބުއްދިވެރިޔަކީ އެމީހާގެ އެމިޒާޖާއެކު އެމީހާ ދޫކޮށްލުމެވެ. އެހެނީ ދާދި ފަހުން ދިވެހިންގެ މަޝްހޫރުކަން ހޯދައިފައިވާ “ޕްރޭމް ޕްރޭމް” ލަވަޔަށްވުރެ މަޝްހޫރުކޮށް ލަވަކިޔުންތެރިޔާ ޒައިންގެ ފޫޅުދިގު ހަންޑި ލަވައިގައި “މަށެއް ނޫން” ގޮވާ ވަރަށްވުރެ ބާރަށް “މަށެއް ނޫން” ގޮވާނެއެވެ. އަދި އެވާހަކަ ދައްކާނެ ކަމަށް ހީވެ ދެން ހުރި މީހާ އުޅެނީ ތިމާގެ އަގު ވައްޓަންށޭ ބުނެ ހަދާނެއެވެ. ކަންތައްތައް ކުރި ގޮތުން އެކަމާ ދެރަވެ ކުރާ މުޢާމަލާތަކީ އެމީހަކަށް އެއްޗެހި ކިޔުން ކަމުގައި ބުނެ ހަދާނެއެވެ. އަންތަރީސްވެ ހުރެ ތިބާއަށް ބުނެވޭނީ އެންމެ ވާހަކައެއްކަން ޔަޤީނެވެ! ލޯބިން އެކުގައި އުޅެން ބިނާކުރި ޒަވަޖީ ހަޔާތް ފުޑުފުޑު ކޮށްލިއިރު އެ މޫނުމަތިން ދެރައެއް ނުފެނެއެވެ! އެމީހަކީ ހަމަ އެހާ ރަޙުމުކުޑަ މީހެއްބާއެވެ؟
އާއެކެވެ! މީހުން ބުނެ އުޅޭތީ އަޑު އަހާނެއެވެ. ކަނޑު އަޑީގެ ފުންމިން އެގުނަސް މީހެއްގެ ހަޤީޤަތެއް ނޭނގޭނެއެވެ. އެހެން މީހުންނަށް ދައްކައިދޭ މަންޒަރު ރީތިވިކަމުގައިވިޔަސް ނާރސިސިސްޓް ބިހޭވިއަރ އެއް ހުންނަކަން އެނގޭނީ ބިތުފަންގި ނެގި ކެޔޮކޭވަރު އެހެން މީހުންނަށް ފެނުނީމައެވެ. އިތުރު ދުވަސްތަކެއް ހަޔާތުގެ ބޭކާރު ވެގެން ނުގޮސް މި މަންޒަރުތައް ފެނުން އެއީ ތިމާއަށް ހުރި ނަސީބެއްކަމަށް ބަލާށެވެ. ތިމާ އެކައިވެންޏަކަށް ދިން ލޯބި ބޭކާރުވީއޭ ހީ ނުކުރާށެވެ. އެހެނީ ދިރިއުޅުން ބިނާ ވަނީ އެކި ތަޖުރިބާގެ މައްޗަށެވެ. އެމީހެއްގެ މޫނު މަތިން ދެރަ ނުފެނި ތިމާގެ އަގު ވަޒަން ނުކުރި ކަމުގައިވިޔަަސް ތިމާގެ އަގު ވަޒަންކުރާނެ ބައިވެރިއެއް ލިބޭނެ ކަމަށް ޔަޤީންކުރާށެވެ.