English Edition
Dhivehi Edition

މިސްކިތްތަކުގައި ނިދާ 80 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް މިސްކިތްތަކުގައި ކައިބޮއި ހަދާ ނިދާކަމުގެ ޝަކުވާ ގިނަވެފައިވަނިކޮށް ދާދި ފަހުން ފުލުހުން ހާމަކުރި ގޮތުގައި މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަވެސް މިވަނީ ބޮޑުވެފައެވެ.

ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުކުރުމާއި ގުޅިގެން ހުއްދަ ހޯދުމެއްނެތި ގިނަ އަދަދެއްގެ މީހުން މިސްކިތްތަކުގައި ދިރިއުޅެމުންދާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ދަނީ ހުށަހަޅަމުންނެވެ.

އެގޮތުން ވިޔަފާރިވެރިންގެ މިސްކިތާއި، ޖަލާލުއްދީން މިސްކިތުގެ އިތުރުން ފުރުގާން މިސްކިތް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަން ފާހަގަ ކުރެވޭކަމަށް ޑރ.ޒާހިރު ވިދާޅުވިއެވެ.

މިސްކިތްތަކުގައި ދިރިއުޅޭ މީހުންނަކީ މާލެތެރޭގައި ވަންނާނެ ތަނެއްނެތި ހާލުގައި ޖެހިފައިތިބި މީހުން ކަމަށާއި އެގޮތަށް މިސްކިތްތަކުގައި ދިރިއުޅެމުންދާއިރު މަސްތުވާތަކެތިވެސް ބޭނުންކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެތަކެތި ހަތިމުގެ ތެރޭގައި ރައްކާކުރާކަން ހިތާމަޔާއެކު ދެންނެވިއެވެ. މަސްތުވާތަކެތީގެ މައްސަލައިގައި މިސްކިތްތަކުގެ ތެރެއިން 15 މީހަކު މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

“މީގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންވެސް ގިނަކަން ވަނީ ފާހަގަކުރެވިފައި. ގިނައިން ނިދާއުޅެނީ އަންހެނުން ނަމާދުކުރާ ފަޅީގައި” ޑރ.ޒާހިރު ވިދާޅުވިއެވެ.

މިމައްސަލައިގެ ހައްލު ހޯދަން ފުލުހުންނާއި ސިޓީ ކައުންސިލްގެ އެހީއަށް އެދިފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މާލޭގެ މިސްކިތްތައް އަލުން ހުޅުވުމަށްފަހު ހުރިހާ މިސްކިތެއްގައިވެސް ނަމާދުކުރުމުގެ ހުއްދަ މިހާރުވަނީ ދީފައެވެ.