English Edition
Dhivehi Edition

ކޮރަޕްޝަންގެ ތުހުމަތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މަގާމުން ވަކިކުރަން ނިންމާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މްބަރޫކް އަޒީޒް ވިދާޅުވީ އެ ފަދަ އެއްވެސް ކަމެއް މިހާތަނަށް ނިންމާފައިނުވާ ކަމަށާއި އެފަދަ ނިންމުމެއް ނިންމާފައިވާނަމަ އެކަން ހާމަކުރައްވާނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މި ދަނޑިވަޅު އެ ކުންފުނިން ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ވަނީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރާކަމަށް ދޭހާވާ ގޮތަށް ވާހަކަ ދައްކަނީ ލިބެމުން އަންނަ ކުރިއެރުމަށް ހަސަދަވެރިވާ ފަރާތްތަކުންކަމަށް ބުނެފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ފެނަކައިގެ މިހާރުގެ މެނޭޖުމެންޓުން 2018 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު ކުންފުންޏާ ހަވާލުވުމަށްފަހު، ރައްޔިތުންނަށް ހިދުމަތްދިނުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކުކަމަށެވެ. އަދި އެ ކުންފުނިން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް މަސައްކަތްކުރަމުން އަންނަކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނިން މަސައްކަތްކުރަމުންދަނީ ނަޒާހަތްތެރިކަން ކަށަވަރުކުރެވެނިވި ގޮތެއްގައިކަމަށެވެ.