English Edition
Dhivehi Edition

މިހާރު ދިރިއުޅުމުގެ އެންމެ މުހިންމު ކަމަކީ ދަރިފުޅަށް ހުރިހާ ވަގުތެެއް ހުސްކުރުންކަމަށާއި އެހެންކަމުން ފިލްމީ ދާއިރާއާއި ދުރަށް ދިއުމަށް ނިންމާފައިވާކަމަށް، ކާމިޔާބު ގިނަ ޑްރާމާތައް ކުޅެފައިވާ އިންޑިއާގެ މަޝްހޫރު ޓީވީ ތަރި އަނީތާ ހަސަނަންދާނީ ބުނެފިއެވެ.

އަނީތާ އާއި ރޯހިތު ރެޑީ އަށް ފިރިހެން ކުއްޖަކު ލިބިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަސްތެރޭގައެވެ. ވިހެއުމަށްފަހު އަނީތާގެ ހުރިހާ ވަގުތެއް ދަރިފުޅަށް ހުސްކޮށްފައިވާއިރު ދާދި ފަހުން ‘އީ ޓައިމްސް ޓީވީ’ އަށް ދިން އިންޓަވިއު އެއްގައި އަނީތާ ވަނީ ފިލްމީ މަސައްކަތްތަކާއި ދުރަށް ދާން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

ނާގިންގެ ފަސްވަނަ ސީޒަނުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަނީތާ ބުނީ، މީގެ ކުރިންވެސް ދަރިއަކު ލިބުމުން ފިލްމީ މަސައްކަތްތަކާއި ދުރަށް ދިއުމަށް ނިންމާފައިވާކަމަށެވެ. އަދި މި ނިންމުމަކީ ކޮވިޑް19 ގެ ސަބަބުން ނިންމި ނިންމުމެއް ނޫންކަމަށާއި، މި ޕެންޑަމިކް އޮތަސް އަދި ނެތަސް މިކަމަކީ މާކުރިން ކުރުމަށް ނިންމާފައިވާ ކަމެއްކަމަށެވެ.

ފިލްމީ ދާއިރާ މުޅިން ދޫކޮށްލުމަށް ނިންމާފައިވާ އަނީތާ ބުނީ މިހާރު އޭނާ ކުރަމުންދާ މަސައްކަތްތަކަކީ މީގެ ކުރިން ކޮންޓްރެކްޓްގައި ސޮއިކޮށް، ފުރިހަމަ ނުކުރެވި ހުރި މަސައްކަތްތައްކަމަށެވެ. އަދި މި މަސައްކަތްވެސް ކުރަމުންދަނީ ގެއަށް ކެމެރާކުރާ މީހާ ގެނެސްގެންކަމަށާއި އެހެންކަމުން ގޭގައި މި މަސައްކަތްކުރުމަށް މާ ބޮޑު ދަތިތަކެއް ނެތް ކަމަށެވެ.

އިތުރަށް އަނީތާ ބުނީ މިހާރު ދިރިއުޅުމުގައި އެންމެ މުހިންމީ ދަރިފުޅާއެކު ވަގުތު ހޭދަކުރުންކަމަށާއި އެކަމުގައި ފިރިމީހާ ރޯހިތުވެސް ވަގުތު ހުސްކުރާތީ އުފާވާކަމަށެވެ. މި އިންޓަވިއުގައި އަނީތާ ދެން ދުވަހަކުވެސް ޓީވީ އިން ފެނިދާނެތޯ ކުރި ސުވާލަށް ޖަވާބުދެމުން އޭނާ ބުނީ އަދި އެއްވެސް ވަރަކަށް އެކަމާއި ނުވިސްނާ ކަމަށާއި އެބުރި އަންނަންޖެހުނު ދުވަހަކުން އެކަންވެސް ހާމަކުރާނެކަމަށެވެ.

ޓެގު