English Edition
Dhivehi Edition

ގދ. އަތޮޅުގައި ކޮވިޑް-19 އަށް ފައްސިވެ ބަލިން ފަސޭހަނުވާ މީހުންގެ އަދަދު 109 އަށް އަރައިފިއެވެ. މިއަދަދު އިއްޔެ ހުރީ 96 ގައެވެ.

ގދ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ އަތޮޅުގައި ޖުމްލަ 297 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ. އަދި 188 މީހުން ބަލިން ފަސޭހަވެ މިވަގުތު ބަލިން ފަސޭހަނުވާ މީހުންގެ އަދަދު މިވަނީ 109 އަށް އަރާފައެވެ.

އެ އަތޮޅުގައި އެންމެ ގިނަ މީހުން ބައްޔަށް ފައްސިވެފައި ވަނީ ވެރިކަންކުރާ ރަށް ތިނަދޫގައެވެ. އެރަށުގައި 252 މީހުން ބައްޔަށް ފައްސިވެ އޭގެތެރެއިން 171 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި މިވަގުތު ތިނަދޫގައި ބަލިން ފަސޭހަނުވާ 81 މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ގދ. ކޮވިޑް ފެސިލިޓީގައެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވާ އެ އަތޮޅުގެ ފަރެސްމާތޮޑާގައި 24 މީހުން ބައްޔަށް ފައްސިވެފައިވާއިރު އެތަނުން 21 މީހަކު ބަލިން ފަސޭހަވެފައެއް ނުވެއެވެ. އެރަށުގައި 743 މީހުން ބަލިން ދިފާއުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި 413 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. މިވަގުތު އެރަށުގެ 93 ގެއެއް ވަނީ ކަރަންޓީން ކުރެވިފައެވެ.

ގދ. ގައްދޫގައި 12 މީހުން ބައްޔަށް ފައްސިވެ 04 މީހުން ބަލިން ފެސޭހަވެފައިވާކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިވަގުތު ގައްދޫގައި ބަލިން ފަސޭހަނުވާ މީހުންގެ އަދަދު މިވަނީ 08 ގައެވެ.

ގދ. ވާދޫގައި 10 މީހުން ބައްޔަށް ފައްސިވެފައިވީ ނަމަވެސް މިވަގުތު ބައްޔަށް ފަރުވާ ލިބެމުންދަނީ 03 މީހަކަށެވެ. އޭގެތެރެއިން ހައި ރިސްކް ކެޓެގަރީގެ އެކަކު ހިމެނެއެވެ.