English Edition
Dhivehi Edition
ހުޅުމީދޫ ބޮޑުމަގުން ޒުވާނުންތަކެއް ހަވީރު ފިންޏަށް ދުއްވާލަން ދަނީ: ފޮޓޯ ލުބްނާ އޭއޯ ނިއުސް

އައްޑޫސިޓީ ހުޅުމީދޫގައި ކޮވިޑްބަލި ފެތުރެމުންދާތީ އެބަލި އޮތްމިންވަރު ދަނެގަތުމަށް އެންމެފަހުން ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވް ވެފައިވާ ކަމަށް ހުޅުމީދޫ ޕަބްލިކް ހެލްތް ޔުނިޓުން ބުނެފިއެވެ.

ހުޅުދޫ އަދި މީދޫގައި ބަލިފެތުރިފައިވާ ވާވަރު ބެލުމަށް އެންމެ ފަހުން ރެންޑަމް ސާމްޕަލް ނަގާފައިވަނީ، ނިމިގެންދިޔަ މޭއިމަހު 31ވަނަ ދުވަހުއެވެ.

އިއްޔެ އައްޑޫއިން 4 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފައިވެއެވެ. އެއީ ހިތަދޫން ތިން ކޭސް އަދި މަރަދޫ ފޭދޫ އިން އެއް ކޭސް އެވެ. މީގެތެރެއިން މަރަދޫން ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީނުގައި ހުރި މީހެކެވެ. އަދި ހިތަދޫން ފެނުނު ދެކޭސްއަކީ ޑައިރެކްޓް ކޮންޓެކްޓުންނަށް ވާއިރު އަނެއް ކޭސްއަކީ ރެންޑަމް ސާމްޕަލެއްކަމަށް ހޮސްޕިޓަލިން މައުލޫމާތު ދެއްވައެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 132 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާރު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 163ކެވެ. އައްޑޫ ސިޓީން މިހާތަނަށް ކޮވިޑް ޖެހިގެން ދެ މީހަކު ނިޔާވެފައިވާއިރު ދެ މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

އައްޑޫގައި ކޮވިޑް ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ހަވީރު 16:00 ން ފެށިގެން ފަތިހު 4:00 އަށް ކާފިއުވަނީ އިއުލާންކޮށްފައެވެ.

1 ކޮމެންޓް
ކުމާރު ވަރުމާ
ޖޫން 2, 2021
ހިތަދޫ ކާފިއު އޮތިއްޔާ ހުޅުމީދޫ ވެސް އޮންނަން ޖެހޭނީ ކާފިއުގަ ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ބުނަނީ.. ދެރަކަމެއް ދިމާވީމަ ހުޅުމީދޫ ވިލެޖް މޮޅު ކަމެއް ވިއްޔާ އައްޑޫ ސިޓީ.. ހުޅުމީދޫ ގަ ފައްސި ކޭސް އެއްއިނިއްޔާ ހުޅުމީދޫ އެކަނި ކާފިއު އެކަމް ހުޅުމީދޫ ފައްސި ކޭސް އެއްނެތި ހިތަދޫ ފައްސި ކޭސް ހުރިއްޔާ ހުޅުމީދޫ ވެސް ކާފިއު.. ކޮބާ އިންސާފް