English Edition
Dhivehi Edition
ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން ކުރިއަށްގެންދިޔަ ޑްރިލެއްގެ ތެރެއިން - ފޮޓޯ: އެޗްޕީއޭ

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އުމުރުން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި އައިޖީއެމްއެޗްގެ ކުއްލި ފަރުވާދޭ ކޮޓަރީގައި ފަރުވާދެމުން ގެންދިޔަ އުމުރުން 10 އަހަރުގެ ދިވެހި ކުޑަކުއްޖަކު ރޭ 12:10 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 170 ވަނަ ފަރާތް ކަމަށްވާއިރު، މިއީ ރާއްޖެއިން މި ބަލީގައި ކުޑަކުއްޖަކު ނިޔާވި ފުރަތަމަ ފަހަރުވެސް މެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 65،164 އަށް އަރައިފައިވެ އެވެ. މީގެ އިތުރުން ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 40،951 މީހުން ވަނީ ރަނގަޅުވެފައެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އިއްޔެ 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 5،685 ސާމްޕަލް ނަގާފައިވެއެވެ. އަދި މިވަގުތު 24،035 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާއިރު، ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 208 މީހަކަށެވެ.