English Edition
Dhivehi Edition

ގދ. ވާދޫގައި އިތުރު 03 ރެންޑަމް ސާމްޕަލެއްގެ ނަތީއްޖާ ފައްސިވެ މުޖުތަމައުގެ ތެރެއަށް ބަލި ފެތުރިއްޖެއެވެ.

ވާދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް މިމަހުގެ 26 ވަނަ ދުވަހު ނެގުނު ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އިތުރު 03 ސާމްޕަލެއްގެ ނަތީއްޖާ ފައްސިވެފައިވާ ކަމަށް ގދ. ވާދޫ ކައުންސިލުގެ ކޮވިޑް ފޯކަލް ޕޮއިންޓް ފާތިމަތު ޝާޒްމީ މުޙައްމަދު ވަނީ އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވާފައެވެ.

މިއަދު ފައްސިވި 03 މީހުންނާއެކު މިވަގުތު ވާދޫގައި ބައްޔަށް ފަރުވާ ލިބެމުންދާ މީހުންގެ އަދަދު މިވަނީ 09 އަށް އަރާފައެވެ. އެއީ ހޯމް ކަރަންޓީން ފުރިހަމަކޮށް ސާމްޕަލް ނެގި 03 މީހުންގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 02 މީހުނާއި ރެންޑަމް ސާމްޕްލިންގ ގޮތުގައި ސާމްޕަލް ނެގި 04 މީހުންނެވެ.

ކޮވިޑް-19ގެ ހާލަތާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ޝާޒްމީ ވިދާޅުވީ ފައްސިވި މީހުންގެ ތެރޭގައި ބިދޭސީ އެކަކު ހިމެނޭކަމަށެވެ. އަދި ފަރުވާ ލިބެމުންދާ މީހުންގެ ތެރޭގައި ހައި ރިސްކް ކެޓެގަރީގެ އެކަކު ހިމެނޭކަމަށާއި އެއީ އެހެނިހެން ބަލިތަކަށް ފަރުވާ ހޯދުމަށް ބޭސް ބޭނުންކުރާ މީހެއް ކަމަށް ޝާޒްމީ ވަނީ ވިދާޅުވެފައެވެ.

ގދ. ވާދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް މޮނޮޓަރިންގ ހާލަތަށް ގެނެސްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާ ހުރިހާ ރަށެއްގައި ރޭގަނޑު 09:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވަނީ ނިންމާފައެވެ. މީގެ އިތުރުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެރަށު ކައުންސިލުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.