ޝަމްސުއްދީން ސްކޫލުން މުހައްރަމް މަހުގެ 1 ވަނަ ދުވަހު ބޭއްވި އެސްކޫލްގެ 35 ވަނަ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަތައް ހާސިލުކުރި ދަރިވަރުންނަށް ޓްރޮފީއާއި އިނާމު އަދި ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
ޝަމްސުއްދީން ސްކޫލުން މިމަހުގެ 22 ވަނަ ދުވަހުގެރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި މިމުބާރާތުގައި ބައިވެރިވެ ވަނަތައް ހާސިލުކޮށްފައިވާ ދަރިވަރުންނަށް އިނާމާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން މީދޫ މެޖިސްޓޭޓް ކޯޓްގެ އިސް ފަޑިޔާރު އައްޝެއިޚް ޠޮއްޔިބު އަބްދުލް ހަކީމެވެ.
އަދި މީގެ އިތުރަށް މިމުބާރާތުގައި ބައިވެރިވި އެހެނިހެން ދަރިވަރުންނަށް މުބާރާތުގައި ބައިވެރިވިކަމުގެ ހަނދާނީ ލިއުން ހަވާލްކޮށްދެއްވީ ނޫރައްދީން އިންވެސްޓް މެންޓްގެ ޗެއާމަން އަލީ ނޫރައްދީން އަދި އައިޓެކްގެ ޗެއާމަން ޖަވާދުﷲ ޒާހިރުއާއި މީދޫގައި ދަރިވަރުންނަށް ގުރުއާން އުގަންނައި ދިނުމުގެ މަސައްކަތްކުރައްވާ އާމިނަތު ފަޒުލީނެވެ.
ޖުމްލަ 114 ބައިވެރިން ބައިވެރިވި މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނަ ދަރިވަރަކަށް ހޮވިފައިވަނީ އައިޝަތު ލީޝް ހަމީދެވެ. މިއީ އާއިޝަތު ލީޝްހަމީދު މި މަގާމް ޖެހިޖެހިގެން ހޯދި ދެވަނަ އަހަރެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ދަރިވަރަކަށް ޝަމްހާ ސަވާދު ހޮވިފައިވާއިރު ބަލައިގެން ކިޔެވުމުގެ ބައިން 3 ވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފާތުމަތު މާޔާ ޝަރީފެވެ.
މި މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން 1 ވަނަ ދަރިވަރަކަށް ހޮވިފައިވަނީ އާއިޝަތު އަޒުކާ މައުސޫމެވެ. ހިތުން ކިޔެވުމުގެ ބައިން ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ މުހައްމަދު ރައްޔާން މައުސޫމެވެ. ހިތުން ކިޔެވުމުގެ ބައިން 3 ވަނަ ދަރިވަރަކަށް ހޮވިފައިވަނީ އާއިޝަތު އީޝާ އަސްލަމެވެ.
މިޖަލްސާގެ ޝަރަފުވެރި މެހެމާން ބައިވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި މުބާރާތުން އެކި އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވައި ވަނަ ހާސިލު ކުރެވިފައިނުވާ ދަރިވަރުންނަށް ކުރިއަށްއޮތް މުބާރާތަށް ތައްޔާރުވުމަށް މިހާރަށްވުރެ ބުރަކޮށް މަސައްކަތްކުރުމަށް ހިތްވަރު ދެއްވާފައިވެ. އަދި މީގެ އިތުރަށް ޝަރަފްވެރި މެހެމާނުވަނީ ކީރިތި ޤްރުއާން ކިޔެވުމާއި އުންގަންނައި ދިނުމުގެ މުހިއްމު ކަމުގެ މައްޗަށާއި އެކަމުގެ ފައިދާތަކަށް އަލި އަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ކޮންމެ ދަރިވަރަކީވެސް ޤްރުއާނުގެ އަހުލުވެރިއަކަށް ވުމަށް ޝަރަފްވެރިވެހުމާނު ގޮވާލެއްވިއެވެ.