English Edition
Dhivehi Edition

ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ޑޭޓާ ހޯދުމަށް އުރީދޫއާއިއެކު ކުރެވުނު މަޝްވަރާތަކަކަށް ފަހު، އުރީދޫގެ ކަސްޓަމަރުންނަށްވެސް މިނިސްޓްރީން ދެމުން ގެންދާ ހިލޭ ޑޭޓާ ޕެކޭޖުގެ ދަށުން އުރީދޫގެ ބުރޯޑުބޭންޑުގެ ޚިދުމަތް ހޯދަމުން އަންނަ ފަރާތްތަކަށް ޚާއްސަ ޕެކޭޖެއް އުރީދޫންވެސް ތައާރަފުކޮށްދޭން އެއްބަސްވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ މިއަދު ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީން މިއަދު އާންމުކުރި ލިޔުމެއްގައެވެ. މި ޚާއްސަ ޕެކޭޖުގެ ދަށުން، ޑޭޓާ ފޯރުކޮށްދެވޭނެ ގޮތުގެ މައުލޫމާތު، ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނާއި ޙިއްޞާކުރާނެ ވާހަކަވެސް މިލިޔުމުގައި ވެއެވެ. އެހެން ކަމުން މިހާރު ދިރާގު އަދި އުރީދޫގެ ޚިދުމަތް ބޭނުންކުރަމުން އަންނަ ފަރާތްތަކަށްވެސް މި ޕެކޭޖުލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އުރީދޫން މިކަމަށް އެއްބަސްވެފައިމިވަނީ، ދަރިވަރުންނަށް އިންޓަނެޓުގެ ޚިދުމަތް އަގުހެޔޮކޮށްދޭން އެއްބަސްވީ ހަމައެކަނި ދިރާގުން ކަމަށް ބުނެ އުރީދޫއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އުރީދޫގެ ޚިދުމަތް ހޯދާ ބެލެނިވެރިންގެ މެދުގައި މިކަމުގެ ކަންބޮޑުވުން ނިހާޔަތަށް އޮތް ދަނޑިވަޅެއްގައެވެ.

ކޮވިޑު19 ރާއްޖެއިން ފެނުނު ފަހުން މިދިޔަ އަހަރުގެ މާރިޗު މަހުން ފެށިގެން މިދިޔަ މަހާއި ހަމަޔަށް ، ދިރާގު އަދި އުރީދޫންވެސް އައީ ދަރިވަރުންނާއި، މުދައްރިސުންނަށް ހިލޭ ޑޭޓާ ދެމުންނެވެ. އެގޮތުން ކޮންމެ ދަރިވަރަކަށް 5ޖީބީ އަދި ޓީޗަރަކަށް 10ޖީބީ ވަނީ ދީފައެވެ. މިދިޔަ އަހަރުއްސުރެން، ދިވެހިރާއްޖޭގައި ގިނަ ދަރިވަރުން ތަކެއް އަހަރުގެ ގިނަ ދުވަހު ކިޔަވަމުން މިއަންނަނީ އޮންލައިންކޮށެވެ. އަދި މުދައްރިސުންގެ ހުރިހާ މަސައްކަތެއްވެސް ކުރަމުން އަންނަނީނއޮންލައިންކޮށެވެ. މިކަން މިހެން ކުރަމުން އަންނައިރު، އިންޓަނެޓުގެ އަގު ބޮޑުކަމާއި، ސްޕީޑުދަށް ކަމުގެ ޝަކުވާ ބެލެނިވެރިންނާއި، މުދައްރިސުން އަދި ދަރިވަރުން އަންނަނީ ކުރަމުންނެވެ. އޭއޯ އާއި ވާހަކަ ދައްކަމުން ޓީޗަރަކު ބުނި ގޮތުގައި، އަބަދު މީޓިންގތަކާއި، ސެޝަންތައް އޮވެފައި، ކޮންމެ ދުވަހަކު ކުލާސްތައް ނަގަން ޖެހުންހުންފަދަ އެތައް ކަމެއް އޮންލައިންކޮށް ކުރަންޖެހޭއިރު، ހިލޭ ދެމުން އަންނަ ޑޭޓާވެސް ގިނަ މަސްމަހު އޮންނަނީ ނުލިބިފައެވެ. އެހެން ޓީޗަރަކު ހާމަ ކުރި ގޮތުގައި އަދި އެއްވެސް މަހެއްގައި އެޓީޗަރަށް ހިލޭ ދެމުން އަންނަ ޑޭޓާ ނުލިބެއެވެ. އޭއޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އެއްވެސް ސްކޫލެއްގެ ހުރިހާ ޓިޗަރުންނަށް އެއްފަހަރާ ހިލޭ ޑޭޓާ ޕެކޭޖު ލިބިފައެއް ނުވެއެވެ. އަބަދުވެސް ލިބެނީ އެކި މަހު އެކި ޓީޗަރުންނަށެވެ. އެހެންކަމުން މިކަމުގެ ކަންބޮޑުވުން އެފަރާތްތަކުގެ މެދުގައި އަބަދުވެސް އޮވެއެވެ.

ކޮވިޑު19 ރާއްޖޭގައި ފެތުރެން ފެށުމުން އެންމެ ބޮޑު ގެއްލުމެއް ވަމުން އަންނަ އެއް ބަޔަކީ ކިޔަވާކުދިންނެވެ. ދުނިޔޭގެ އެކި ތަންތާގައި ހެދިފައިވާ ރިސާޗުތައް ދައްކާ ގޮތުން ކުދިން އަބަދު ސްކްރީން ދޮށުގައި ތިބުމަކީ، އެކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުންވެސް ނުހަނު ގިނަގުނަ ގެއްލުންތަކެއްވާ ކަމެކެވެ. އެއްވެސް ރަށެއްގައި ބަލި ފެތުރުން އާންމުވެއްޖެނަމަ، އެރަށެއް މޮނިޓަރީންގެ ހާލަތަށް ގެނެވެއެވެ. އަދި މިހާލަތުން އަރައިގަންނަންދެން ސްކޫލްތައް ބަންދުކޮށްގެން، އޮންލައިންކޮށް ކިޔަވައިދޭން ފަށައެވެ. އޮންލައިންކޮށް ކިޔަވައި ދިނުމަކީ އަދި ކިޔެވުމަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އޭގެ މަންފާ އެންމެ އެދެވޭ ގޮތަށްކުރާ ކަމެއްނޫނެވެ. ނަމަވެސް މިހާރު މިނޫންގޮތެއްވެސް ނެތެވެ.