English Edition
Dhivehi Edition

ކަނޑިހެރެ ނަމަކަށްކިޔާ ފިހާރައެއް ހިތަދޫގައި ހުޅުފައިކަން ދެނެތިބީމު ހެއްޔެވެ؟ އެނގޭނެއެވެ. އެކަމަކު ބައެއް މީހުންނަށް ތަފްސީލް ނޭނގިދާނެއެވެ. އެއީ ކުޑަކުޑަ ފިހާރައެކެވެ. އެކަމަކު ފައްކާތަނެކެވެ. ނުލިބޭ އެއްޗެހިވެސް އެތަނުން ހޯދައިގެން ތިޔަބޭފުޅުންގެ ގެއާ ހަމައަށް ފޯރުކޮށްދޭތަނެކެވެ. އެހެންވީމާ ސައިޒަށް ބަލާނެ ކަމެއްނެތްތާއެވެ. އެތަނުން ލިބެންހުންނަ ބާވަތްތަކުގެ ލިސްޓް ލިޔަންވެއްޖެއްޔާ ވަރަށްދިގުވާނެއެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ލިޔެލަމާ ހިނގާށެވެ. ކަރާ ލިބެއެވެ. ބަރަބޯލިބެއެވެ. ޗިޗަންޑާ ލިބެއެވެ. ކުއްޅަފިލާ ލިބެއެވެ. އައްޑުއަށް މަޝްހޫރު ހުސައިންރަހާ ފަތް ލިބެއެވެ. ފަރުމަހުގެ ހުރިހާ ބާވަތެއްހެން ލިބެއެވެ. ކަނޑުގުރުވަ، ތަންމަސް، ހަނދި، ތޮޅި، މިހެންގޮސް ލައްކަ ބާވަތެކެވެ. ކަނޑުމަހާއި ކަންނެލިވެސް ލިބެއެވެ. ކާއްޓާއި، ކުރުބާވެސް ލިބެއެވެ. މިހެން ގޮސް އެތަނުން ނުލިބޭ އެއްޗެއްނެތޭ ބުންޏަސް ދޮގަކަށް ނުވެދާނެއެވެ. އެތަނުން ނުލިބޭ އެއްޗެހިވެސް ލިބޭވާހަކަ ލިޔުމުން އޮޅުމެއް އެރައިފާނެއެވެ. އެކަމަކުވެސް އެއީ ހަމަ ހަގީގަތެކެވެ. ގޭގައި ތިބެގެން ގުޅާފައި ބުނުމުން ބައިގަޑިއެއްހާއިރު ތެރޭ އެ އެއްޗެއް ގަނެގެންގޮސް އެ ގެއަކާ ހަމައަށް ފޯރުކޮށްދެއެވެ. މި ޚިދުމަތަށް މާބޮޑު ފީއެއް ނުނަގައެވެ. އެހެންނަމަވެސް ސާވިސް ޗާޖަކާއި، ޑެލިވަރީޗާޖެއް ނަގައެވެ. ޑެލިވަރީ ޗާޖަކީ ކަނޑައެޅިފައިވާ އަދަދެކެވެ. އެއީ ދެ ރުފިޔާއެވެ. އެހެންނަމަވެސް ސާވިސް ޗާޖު ބިނާވެފައިވަނީ ގަންނަ އެއްޗެހީގެ އަދަދަށެވެ. “ސްޕާރީއަކަށް އޯޑަރު ދިނަސް އަޅުގަނޑުމެން ގެންގޮސްދޭނަން. އެކަމަކު ޑެލިވަރީޗާޖާއި، ސާވިސްޗާޖު ނެގޭނެ. ހިތަދޫން ލިބެންހުރި އެއްޗެއްވިއްޔާ އަޅުގަނޑުމެން ގެންގޮސްދޭނަން. އޯޑަރުކުރާތާ ގާތްގަނޑަކަށް ބައިގަޑިއެއްހާއިރުތެރޭ އެގެއަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަޒުމް،” ފިހާރައިގެ ބޭފުޅަކު ވިދާޅުވިއެވެ. ކަނޑިހެރެ ފިހާރަ ހުންނަތަން އަދި ނުބުނެވޭ ދޯއެވެ؟ ހިތަދޫ ސިޓީ ބާޒާރުގައި ހަދާފައިވާ ފިހާރަ ބަރި އެނގެންޏާ އެއޮތީ ކަނޑިހެރެ ފިހާރަ އެނގިފައެވެ. ކަނޑިހެރެ ހުންނަނީ އެފިހާރަބަރީގައެވެ. އެތަން ހުޅުވިތާ އަދި މިވީ މަހެއްހާ ދުވަހެވެ. އެހެންވީމާ މިއީ ފިހާރައިގެ ޅަފަތުގެ ދުވަސްވަރެވެ. ކަނޑިހެރެ ފިހާރައިގެ މަގުސަދަކީ ފަސޭހައިން ވިޔަފާރިކޮށްލުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދިނުމެވެ. އެ ފުރުސަތު މިއޮތީ ހުޅުވާލައިފައެވެ. ބޭނުންކުރާށެވެ. ގަންނަންދާނެ ވަގުތެއް ނުވަތަ މީހަކު ނުވެގެން އެއްވެސް މީހަކު އެއްޗެއް ނުގަނެވިފައި މިހާރު ތިބޭކަށް ނުޖެހޭނެއެވެ. ހިތަދޫން ލިބޭ އެއްޗަކަށްވާނަމަ ހިތަދޫގެ ކޮންމެ ތަނަކަށްވެސް ގެންގޮސްދޭނެއެވެ. ކަނޑިހެރެ ފިހާރަ ހުރިއްޔާ ކަނބުލޮމެން ހާސްވާކަށް ނުޖެހޭނެއެވެ.