English Edition
Dhivehi Edition

އިންޑިއާގައި ކޮވިޑް19ގެ ހާލަތު ގޯސްވެ، ހޮސްޕިޓަލްތައް ފުރި އޮކްސިޖަނަށް ޖެހިފައިވާ މީހުންގެ އަދަދު ގިނަ ވަމުން އަންނައިރު މި ބަލީގެ ސަބަބުން އެ ގައުމުގެ އެތައް ބައެއްގެ ދިރިއުޅުމަށް ވަނީ އަސަރުކޮށްފައެވެ. ކޮންމެ ދުވަހަކު ގިނަ ބަޔަކު މި ބަލީގައި އެކަށީގެންވާ ފަރުވާ ނުލިބި މަރުވަމުން އަންނައިރު ބަލިޖެހިގެން މަރުވާ މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މި ނުރައްކާތެރި ދަނޑިވަޅު އިންޑިއާގެ ގުވާޓީގެ އަންހެނަކު މި ވަނީ ވިހެއުމަށްފަހު ކޮވިޑްބަލީގައި މަރުވާ އަންހެނުންގެ ކުދިންނާއި، އަދި ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން ތުއްތު ކުދިންނާއި ވަކިން އުޅެން ޖެހިފައިވާ މައިންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީފައެވެ.

އޮނީތާ ކްރިޝްނާ ޝަރްމާއަކީ އިންޑިއާގެ ގުވާޓީގައި ދިިރިއުޅެމުން އަންނަ، އުމުރުން ދެ މަހުގެ އަންހެން ކުއްޖެއްގެ މަންމައެކެވެ. ކޮވިޑް19ގެ މިނުރައްކާތެރި ދަނޑިވަޅު މައިމީހާގެ ގާތުން ކިރު ނުލިބިފައިވާ އެތައް ކުދިންނަކަށް އޭނާ ގާތުން ކިރުދެމުން އަންނައިރު އޭނާ ވަނީ އެއްވެސް މީހަކު އޭނާގެ އެހީއެއް ބޭނުންވާނަމަ އެކަން އެންގުމަށް އެދިފައެވެ.

“އަލަށް އުފަންވާ ކުއްޖަކަށް ގާތުން ކިރުދޭން ބޭނުންވިޔަސް އަދި ދަރިފުޅުގެ މަންމަ ބައްޔަށް ޕޮޒިޓިވްވެގެން ނުވަތަ މަރުވެގެން އެ ދަރިފުޅަށް، ގާތުން ކިރުދޭން ބޭނުންވާނަމަ އަހަންނަށް މެސެޖްކޮށްލާ. މި ވަގުތު އަހަރެން ދިރިއުޅެނީ ގުވާޓީގައި ކަމުން މި ތަނުގައި ދިމާވާ މިފަދަ ހާލަތުގައި އަހަރެން މިހިރީ އެ ކުދިންނަށްޓަކައި އެހީވާން ތައްޔާރަށް. މިއީ އަހަންނަށް ކޮށްދެވޭނެ ކަމަކީ” އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އޮނީތާގެ މި ޕޯސްޓާއެކު ގިނަ ބަޔަކު އޭނާއަށް ތައުރީފުކޮށް ސާބަސް ދެމުން އަންނައިރު މިއީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ތުއްތު ކުދިންނަށް ކޮށްދެވޭނެ ވަރަށް ބޮޑު ހެޔޮކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ/