ގދ.ތިނަދޫ ބަދަރު ސަރަހައްދުން މަސްވެރިންނަށް ފެންލިބޭނެ އިންތިޒާމް ތިނަދޫ ކައުންސިލުން ހަމަޖައްސައިފިއެވެ.
މަސްވެރިންގެ ޝަކުވާއަކަށް ވެފައިވާ ބަނދަރު ސަރަހައްދުން ފެން ނުލިބޭ މައްސަލަ އެތައްފަހަރެއްގެ މަތިން މަސްވެރިން ވަނީ ތިނަދޫ ކައުންސިލަށް ހުށަހަޅާފައެވެ. އެހެންކަމުން މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގދ.ތިނަދޫ ބަދަރުމަތީ ދެސަރަހައްދެއްގައި ވަޅުފެން ލިބޭނެ އިންތިޒާމް ތިނަދޫ ކައުންސިލުން ވަނީ މިހާރު ހަމަޖައްސާފައެވެ.
މީގެކުރިން ބަނދަރު މަތީ ހުންނަ މިސްކިތެއްގެ ވަޅުން މަސްވެރިންނަށް ވަޅުފެން ލިބުނުކަމުގައިވިޔަސް، ގިނަ މަސްދޯނިތައް ލަފާ ހަދަނީ އައިސްޕްލާންޓް ސަރަހައްދަށް ކަމުން ބައެއް މަސްދޯނިތަކަށް ވަޅުފެންލިބޭނެ ގޮތެއް ނުވެއެވެ.
އެހެންނަމަވެސް ތިނަދޫ ކައުންސިލުން މިވަނީ ތިނަދޫ އައިސްޕްލާންޓް ޖެޓީ ސަރަހައްދުގައި ފެންވަޅެއް ބަހައްޓައި މަސްވެރިންނަށް ވަޅުފެން ލިބޭނެ އިންތިޒާމެއް ހަމަޖައްސާފައެވެ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އޭއޯނިއުސްއަށް މައުލޫމާތުދިން ގޮތުގައި ތިނަދޫގެ އައިސްޕްލާންޓް ސަރަހައްދުގައި ބެހެއްޓިފައިވާ މިފެންވަޅުން އެއްފަހަރާ ހަތަރު މަސްދޯންޏަށް ޚިދުމަތް ލިބިގެންދާނެއެވެ.
އަދި މިޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7381718 ނަންބަރަށް ގުޅައިގެން ޚިދުމަތް ހޯއްދެވުމަށް ކައުންސިލުންވަނީ އަންގާފައެވެ.