English Edition
Dhivehi Edition

ކުއްލިއަކަށް ދިމާވި ސިއްޙީ މައްސަލައަކާއި ގުޅިގެން އޭޑީކޭގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ހދ. މަކުނުދޫ ކާނޭޝަންމާގެ އުމުރުން 23 އަހަރުގެ ޝިއުރާ އިބްރާހިމް ނިޔާވެއްޖެއެވެ.

އާދައިގެ ބޮލުގެ ރިހުމެއްގެ ރިހުންގަދަވެ، ހާލުދެރަވެގެން މިމަހުގެ 15ވަނަ ދުވަހުގެ ހަވީރު ހޮސްޕިޓަލަށް ގެންދިޔުމުން ސިކުޑީގައި ލޭކޮޅެއް ގަނޑުވެ، ސިކުޑިއަށް ލޭއެޅެމުންދިޔުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ޝިއުރާ ނިޔާވެފައިވަނީ މިއަދު ހެނދުނު 9:30 ހާއިރުއެވެ.

ޝިއުރާގެ އާއިލާއިން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ އުމުރު 23 އަހަރުގެ ޝީއުރާ ބޮލުގައި ރިއްސާތީ އުޅޭތާ ދުވަސްކޮޅެއްވުމުން އެންމެ ފަހުން އައިޖީއެމްއެޗަށް ދައްކާފައިވާކަމަށެވެ. އަދި އެ ހޮސްޕިޓަލުން ތަދުކެޑުވުމަށް ބޭސް ދިނުމަށް ފަހު ފޮނުވާލާފައިވާކަމަށާއި އެ ބޭސް ބޭނުން ކުރުމުގެ ސަބަބުން ވަރަށް ގަދައަށް ނިދޭ ކަމަށެވެ. އަދި މިމަހުގެ ފަނަރަވަނަ ދުވަހު ނިދާފައި އޮއްވާ އޭނާގެ ފިރިމީހާ ކާން ގޮވުމުން ހަމަނުޖެހޭ ވާހަތައް ދައްކަން ފެށިކަމަށް އާއިލާއިންވަނީ ހާމަކޮށްފައެވެ. ވަގުތުންވަގުތައް އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން ސިޓީ ސްކޭނަކާއި އެމްއާރްއައި އެއް ހެދުމަށްފަހު ސްޓްރޯކެއްޖެހި ސިކުނޑިތެރެއަށް ލޭ ލީކުވަމުންދާކަމަށް ޑޮކްޓަރު ބުނިކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ޝިއުރާއަށް ވަގުތުން އައިސީޔޫގައި ފަރުވާދޭން ފެށިއިރު އޭނާގެ ހާލަތު ދަށްވަމުން ގޮސް ލޮލަށް ނުފެންނަކަމަށް ޑޮކްޓަރު މައުލޫމާތު ދީފައިވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި އެއްފަޅި ވާގިނެތިދާނެކަމަށްވެސް ޑޮކްޓަރު ބުނެފައިވާއިރު އައިސީޔޫއަށް ވެއްދިފަހުން ޝިއުރާ ހޭނާރާކަމަށްވެސް އާއިލާއިންވަނީ ބުނެފައެވެ. ޝިއުރާއަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން ހަތަރު ގަޑީގެ އޮޕަރޭޝަނެއްވެސް ކޮށްފައިވާއިރު، އޭނާގެ ސިކުނޑިމަރުވެފައިވާކަމަށް އާއިލާއިން ވަނީ މި ޕޯސްޓުގައި ބުނެފައެވެ.

މާތްﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި. ޢާމީން