ރާއްޖެއަށް މިހާރު ކުރަމުންގެންދާ ވިއްސާރާއިގައި އައްޑޫ ސިޓީ ހުޅުދޫ ގެއަކަށް ގެއްލުން ލިބުމާއި ގުޅިގެން ފުލުހުންގެ އެހީއަށް އެދުމުން އެހީނުވާ ކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއްކަމަށް މަންޒަރު ދުށްފަރާތަކުން ބުނެފިއެވެ.
އޮންލައިން ނޫސް “ދަޕްރެސް” ގައި ލިޔެފައިވާ ހަބަރެއްގައި ބުނެފައިވަނީ، ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކަށް ލިބުނު ގެއްލުމުގައި އެހީވަމުންދާ ދަނޑިވަޅުގައި އައްޑޫގެ ހުޅުދޫގައި އެކަނިމާ އެކަނި ދިރިއުޅެމުން އަންނަ އަންހެނަކު ހާލުގައި ޖެހިފައިވާ ވާހަކަ ‘ދަ ޕްރެސް’ އަށް ހިއްސާ ކޮށްފައިވާ ކަމަށެވެ.
އަދި، އެގެއަކީ އެރަށުގެ އެންމެ ތިރިކޮށް އޮންނަ ސަަރަހައްދުގައި ހުންނަ ގެއެއްކަމަށް އެގެއިން މައުލޫމާތު ދިން ކަމަށާއި ވާރޭ ވެހި ފެންބޮޑުވެ މުޅި ގޭތެރެއަށް ފެންވަދެ ފަރުނީޗަރުތަކަށް ފެނުގެ އަސަރު ފޯރުމުން އެހީއަށް އެދި އެގެއިން ފުރަތަމަ ވެސް ގުޅީ ފުލުހުންނަށް ކަމަށް ބުނެއެގޭގެ ވެރިފަރާތުން ވަނީ ދަޕްރެސް އަށް މައުލޫމާތު ދީފައެވެ. ހާލުގައި ޖެހިގެން ފުރަތަމަ ކުރި ކޯލުން ވެސް އޭނާއަށް ލިބުނީ މާޔޫސްވާ ފަދަ ޖަވާބެއް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާ އިތުރަށް އެނޫހަށް ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ ފުލުހުން ބުނީ ކައުންސިލުން އަންގާ ގެތަކަށް އެޓެންޑް ވަމުން އަންނަ ކަމަށާއި އެހެންކަމުން އަނެއްކާ އޭނާއަށް ދެން ޖެހުނީ ކައުންސިލަށް ގުޅައިގެން އެވާހަކަ ހިއްސާކުރުމަށް ކަމަށެވެ.
މީގެ އިތުރުން އޭނާ ދަ ޕްރެސްއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ، ކައުސިލުން ދިން ޖަވާބުން އުފަލުން އަނެއްކާ ފުލުހުންނަށް ގުޅިކަމަށެވެ. އަދި ގުޅުމުން ފުލުހުން ދިންޖަވާބުން ހިތުގައި ޖެހި މާޔޫސް ވިކަމަށެވެ. ފުލުހުންނަށް ގުޅުމުން ޖަވާބުގައި އެމީހުން ބުނީ އެސަރަހައްދަކީ ތިރި ސަރަހައްދަކަށް ވުމުން އެގެއިން ފެން ހިންދޭނީ މުޅި ސަރަހައްދުން ފެން ހިއްކުމުން ކަމަށާއި މިއީ ގުދުރަތީ ކަމެއް ކަމަށް ފުލުހުން ބުނެފައިވާކަމަށެވެ.
“ދަޕްރެސްގެ” މިހަބަރު ފެނުމާއެކު ހުޅުދޫގެ ވަރަށްގިނަ ރައްޔިތުން “އޭއޯ ނިއުސް” އަށް ވަނީ ކަންހިނގިގޮތް ކިޔައިދީފައެވެ. އެގޮތުން އެގޭގެ ފެންހިއްކުމަށް ފުލުހުން އެއްފަހަރަށް ވުރެ ގިނައިން އެޓެންޑްވިކަމަށާއި އެގޭގެ ފެންހިއްކައި އެހީތެރިވީ ހުޅުމީދޫ ޕޮލިސްޓޭޝަންގެ ފުލުހުން ގޮސް ކަމަށް އޭނާ މައުލޫމާތު ދިނެވެ.
“އަޅުގަނޑުމެންގެ މިއައްޑޫ ސިޓީ މިވަގުތު ވަނީ ކޮވިޑް ފެތުރި ލޮކްޑައުންކޮށް ވަރަށް ހާލުގައި މިދނޑިވަޅުގައި ހުޅުމީދޫ ފުލުހުން ރައްޔިތުންގެ ރައްކަލަކަށް ކުރައްވަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވަމުން މިގެންދަވާ ދަނޑިވަޅުގައި ވިއްސާރަވެ އަނެއްކާ ރައްޔިތުންގެ ތެރެއިން ބައެއް އާއިލާތައް ދިރިއުޅޭ ގެތަކަށް ފެންވަދެ މިވަނީ އެތައް ގެއްލުމެއްވެފައި. މި ހާލަތުގައި ވެސް އެހީއަށް އެދުނު ފަރާތްތައް ފާހަނގަ ކޮށް ފުލުހުން ދަނީ އެހީވަމުން. މި ދަނޑިވަޅުގައި ފުލުހުން ރައްޔިތުންނަށް ވަމުންދާ އެހީ ބަލައިނުގަނެ އެފަދަ ހަގީގަތާއި ހިލާފު ވާހަކަ ފެރުތުމަކީ އަޅުގަނޑުމެންނަށް އެހީރެތިވާން ތިބި ފަރާތްތަކަށް ދެވޭ ދެރައެއްނޫންތޯ؟ އެފަދަ ބުރަ މަސައްކަތް އަޅުގަނޑުމެން ބަލައިނުގަންނަ ނަމަ އެބޭފުޅުން އަޅުގަނޑުމެންނަށް މަސައްކަތް ކޮށްދޭން ތައްޔާރަށް ތިއްބެވިނަމަވެސް ހިތްވަރެއް ނުހުންނާނެ ނުންތޯ؟ ފުލުހުން އެގެއަށް އެހީތެރިވެދިން މަންޒަރު އެންމެ ގާތުންދުށް ފަރާތުން އޭއޯ ނިއުސް އާ ވާހަކަ ދައްކަމުން ބުންޏެވެ.
ދެރަށަށް ދިމާވެފައިވާ މިދަތި ދަނޑިވަޅުގައި ދެރަށުގެ ގެތަކަށް ފުލުހުން ވެދެމުން އަންނަ އެހީތައް ބަލައިގަނެ ގިނަ މީހުން ވަނީ ފުލުހުންނަށް ނިހާޔަތަށް ޝުކުރުއަދާ ކޮށްފައެވެ. މުޅި އައްޑޫ ސިޓީން 315 ގެއަކަށް ފެން ވަދެގެން ރިޕޯޓު ކޮށްފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވެއެވެ.