English Edition
Dhivehi Edition

ދުނިޔޭގެ ނުފޫޒު ގަދަ 100 ހިއުމަން ރިސޯސް (އެޗްއާރް) ޕްރޮފެޝަލުންގެ ތެރޭގައި ހިމެނި އެ ދާއިރާ އިން ދޭ އެވޯޑެއް ލިބުމަކީ ކުޑަ ކަމެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ޓޫރިޒަމް ދާއިރާއިން ކުރިއަރަމުން އަންނަ މި ރާއްޖޭގައި މިފަދަ އެވޯޑެއް ލިބުނު ހަމައެކަނި މީހެއްގެ ގޮތުގައި ވެގެން ދިއުމަކީވެސް ފަސޭހަ ކަމެއްނޫނެވެ. އެއާއެކު ދުނިޔޭގެ ފެންވަރުގެ ރިސޯޓްތަކުގައި ޓްރެއިނާރ އެއްގެ ގޮތުގައި މީހުން ބިނާކުރުމަށް މަސައްކަތް ކުރުމުގެ ކުޅަދާނަކަން އެއީ ކޮންމެ މީހެއްގެ ކިބައިގައި ހުންނާނެ ގާބިލް ކަމެއް ނޫނެވެ. މިއީ ހިތްވަރާއި ބުރަ މަސައްކަތާއެކު، މަސައްކަތް ކުރުމުގެ ނަތީޖާކަން ގައިމެވެ. ތިމާ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއް ކަނޑައަޅައި އެކަމަށް މަސައްކަތްކުރުމުން ކާމިޔާބު ކުރެވޭނެ ކަމުގެ އަލިގަދަ ހެއްކެކެވެ. މިއީ ހަމަ އައްޑޫއަށް އުފަން ޒުވާނެއްގެ ވާހަކައެވެ. ރާއްޖެ ފަޚުރުވެރިވާފަދަ ގިނަ ޒުވާނުންތަކެއް އައްޑޫއަށް ނިސްބަތްވާއިރު ސ.ހިތަދޫ ނޮވެމްބަރުގެ ޙުސެއިން އަފީފް އަކީ އެދަރިއަކަށްޓަކައި އައްޑޫސިޓީ ފަޚުރުވެރިވުން ޚައްގު، ކެރޭ ޒުވާނެކެވެ. 1999 ގައި އަފީފް، ހިތަދޫ މުހިއްބުއްދީން ސްކޫލް ނިންމާލީ ސްކޫލްގެ ބެސްޓް އޯލްރައުންޑް ދަރިވަރުގެ މަގާމާއެކުގައެވެ. ސްކޫލްދައުރުގައި އެ ސްކޫލުގެ ކެޑޭޓް އިސް ދަރިވަރެެއްގެ ގޮތުގައްޔާއި ސްކޫލުގެ ލީޑަރޝިޕްގެ ސަފުގައި ހަރަކާތްތެރިވި އަފީފް އަކީ އޭރުވެސް ހަމަ ލީޑަރެކެވެ. ސްކޫލް ނިންމާލުމަށްފަހު މާލެ ބަދަލުވެ ،ޕާޓްޓައިމް މުދައްރިސެއްގެ ގޮތުގައި އެމްއީއެސްގައި ކިޔަވައިދިނުމުގައި އުޅުމަށްފަހު ޓޫރިޒަމް ދާއިރާއާއި އަފީފް ގުޅުނީ 2002 ވަނަ އަހަރު ބަނޑޮސް އައިލެންޑް ރިސޯޓްގެ އެޗްއާރު އެޑްމިނިސްޓްރޭޝަންގެ ގޮތުގައެވެ. އެއީ ޓޫރިޒަމް ދާއިރާއިން އަފީފްގެ ފެށުމެވެ. އޭގެ ފަހުން ރާއްޖޭގެ ތަފާތު އެކި ރިސޯޓްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބެމުންދިޔަ އަފީފް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން މިދާ ދާއިރާއަށް އެންމެ ބޮޑަށް ލޯހުޅުވިގެން ދިޔައީ ވަންއެންޑް އޮންލީ ރީތި ރަށުގައި އެސިސްޓެންޓް ޓްރެއިނިންގ އެންޑް ކޮލިޓީ އެޝުއަރެންސް މެނޭޖަރ އެއްގެ ގޮތުގައި މަސައްކަތް ފެށުމާ ހަމައިން ކަމަށެވެ. މެލޭޝިއާގައި ބެޗްލަރ ޑިގްރީއިން ހޮސްޕިޓަލިޓީ އެންޑް މެނޭޖްމަންޓް ފުރިހަމަކުރުމަށްފަހު 2004 ގައި ސުނާމީ ހާދިސާ ނިމުނުތަނާހެން ވަންއެންޑް އޮންލީ ރީތި ރަށުގައި ޓްރެއިނަރ އެއްގެ ގޮތުގައި އެ ރިސޯޓާ ގުޅި އެތަނުގައި ހޭދަވީ 6 އަހަރަކީ މިދާއިރާގައި ގިނަ ތަޖުރިބާތަކެއް ކުރެވި ގިނަ ފިލާވަޅުތަކެއް ދަސްވެގެންދިޔަ އަހަރުތަކެއް ކަަމަށް އަފީފް ވިދާޅުވިއެވެ. ފެންވަރު ރަނގަޅު ހައި ސްޓޭންޑާޑް ރިސޯޓެއްގައި އަދި ވަރުގަދަ މެނޭޖްމަންޓަކާއެކު ކުރަން ޖެހުނު މަސައްކަތް ތަކުގައި ޓްރެއިނާރ އެއްގެ ގޮތުގައި ހޭދަކުރި 6 އަހަރަކީ 20 އަހަރު ދުވަހުން ވެސް ނުލިބޭނެ ފަދަ ގިނަ ތަޖުރިބާތަކެއް ލިބުނު އަގުހުރި ދުވަސްތަކެއް ކަަމަށް އަފީފް ވިދާޅުވިއެވެ. ރާއްޖޭގެ ކޮންމެ ރިސޯޓަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ސާފު މޫދާއި ރީތި ފަޅުތަކެއް ލިބިފައިވާ ރަށްތަކަށް ވާއިރު އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ވާދަވެރި މާކެޓެއް ރާއްޖޭގައި އޮތްއިރު، މި ދާއިރާގައި ކުރިއަރައިގެން ދިއުމަށް އެންމެ ބޭނުންވާނީ ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވުން ކަމަށް އަފީފް ގަބޫލުކުރައްވައެވެ. އަފީފްގެ މަސައްކަތަކީ މިއީއެވެ. ތަފާތު އެކި ގައުމުތަކަށް ނިސްބަތްވާ، އެކި ސަގާފަތްތަކުގެ އަހުލުވެރިން މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުންދާއިރު މަސައްކަތުގެ ދާއިރާގައި ހުރިހާއެންމެންގެ ފިކުރު އެއްދިމާއަކަށް ގޮސް ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުވުމުގެ ބުރަ މަސައްކަތް އަފީފް ކުރައްވަނީ ހައިރާންވާހައި ކުޅަދާނަ ކަމާއެކީގައެވެ. އަފީފްގެ ޓްރެއިނިން ސެޝަންތައް އެހާމެ ޝައުގުވެރިއެވެ. ވަޒީފާގައި ބުރަކޮށް މުޅި ދުވާލު މަސައްކަތް ކުރުމަށްފަހު ވެސް އަފީފްގެ ސެޝަނެއްގައި ބައިވެރިވާކަށް ޖެހިލުމެއް ނުވާ ކަމަށް އަފީފް އާއެކު މަސައްކަތް ކުރި ސްޓާފަކު ކިޔައިދިނެވެ. “އަފީފް ހައި މޮޅަށް ޓްރެއިނިން ސެޝަންތައް ނަންގަވާ ބޭފުޅަކާ އަދި ދިމާ ނުވޭ. އެއީ ވަރަށް ކުޅަދާނަ ބޭފުޅެއް. ކުލާސްތަކަށް އަހަރެމެން ދަނީ ވަރަށް ދާހިތުން. އެ ކުލާސްތަކުން ގިނަ ކަންތައްތައް ދަސްވެގެން ދޭ. ” ދުނިޔޭގެ ފެންވަރުގެ ޓްރެއިނާރ އަފީފްގެ މޮޅުކަން ސްޓާފުން ވެސް ހާމަކުރަނީ މިގޮތަށެވެ. ވަންއެންޑް އޮންލީގައި މަސައްކަތް ކުރެއްވުމަށްފަހު ލަކްސް ހޮޓެލްސް އެންޑް ރިސޯޓްސް އާއި ގުޅިލެއްވެވި އަފީފް އަކީ މިހާރު ލަކްސްގެ ރީޖަނަލް ޑައިރެކްޓަރ ފޯރ ޓްރެއިނިންގ ޑިވެލޮޕްމަންޓް އެންޑް ކޮލިޓީ އެޝުއަރެންސް ގެ މަގާމު އަދާކުރައްވަވަމުން ގެންދަވާ ހީވާގި މުވައްޒަފެކެވެ. ރިތި ރަށުގައި މަސައްކަތް ކުރި ދުވަސްވަރު، ދުބާއީގެ “ދަ ޕާމް ދުބާއީ” ގެ އެޓްލާންޓިސްގައި މަސައްކަތް ކުރާނެ ފުރުސަތު އަފީފްއަށް ލިބިލެއްވިއެވެ. ޓްރެއިނިންގ އެންޑް ލީނިންގ އޮފިސަރެއްގެ ގޮތުގައި އެތަނުގައި މަސައްކަތް ކުރެއްވި ދުވަސްތަކަކީ މި ދާއިރާގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ހަނދާނުން ފިލުވަން އުނދަގޫ މަސައްކަތް ތަކެއް ކަމަށް އަފީފް ވިދާޅުވިއެވެ. 112 ގައުމަކުން ތަފާތު އެކި ވިސްނުމާއި ފިކުރުތަކާއެކު އައިސްތިބި ތަފާތު އެކިކަހަލަ މުވައްޒަފުން އެއްފުރާޅެއްގެ ދަށުގައި އެއްވަގުތަކު ބައިތިއްބައިގެން ޓްރެއިނިންގ ދިނުމަކީ އެހާ ފަސޭހަ ކަމަކަށް ނުވިޔަސް ކާމިޔާބު ކަމާއެކު އެމަސައްކަތް ވެސް ކުރެވުނު ކަމަށް އަފީފް ވިދާޅުވިއެވެ. “އެޓްލާންޓިސް ގައި ލިބިގެން ދިޔަ ތަޖްރިބާ ތަކަކީ މިއަދު މިހާހިސާބުގައި އަޅުގަނޑަށް ހުރެވުނު ސަބަބު.”   އެޓްލާންޓިސްގައި 2 އަހަރު މަސައްކަތް ކުރެއްވުމަށްފަހު ދުނިޔޭގެ އެކި ގައުމުތަަކަށް ދަތުރުކޮށް، ތަފާތު އެތައް ގައުމެއްގައި ބޮޑެތި ކޮންފަރެންސް ތަކުގައި ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް އެކްސެލެންސް ސަރވިސް އާއި ގުޅޭގޮތުން ސްޕީކާރ އެއްގެ ގޮތުގައި ސެޝަންސްތައް ނަންގަވާ ދެއްވަވާ ބުރަކޮށް ކުރެއްވެވި މަސައްކަތުން 2016 ވަނަ އަހަރު އަފީފް ވަނީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 ހިއުމަން ރިސޯސް (އެޗްއާރް) ޕްރޮފެޝަލުންގެ ތެރޭގައި ހިމެނި އެ ދާއިރާއެވޯޑް ހާސިލްކުރައްވާފައެވެ. މިއީ މިފަދަ އެވޯޑެއް ރާއްޖޭގެ ޒުވާނަކަށް ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. މިއީ ކެރިއަރުގައި ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އަފީފް ދެކިލައްވަވައެވެ. އަފީފްގެ މި ކާމިޔާބީ ފާހަގަކޮށް އެޗްއާރްޑީން ވަނީ އެޗްއާރްގެ ދާއިރާ ތަރައްގީ ކޮށް ކުރިއަރުވައި، މީހުން ބިނާ ކުރުމަށް އަފީފް ކުރައްވާ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ. ލަންޑަން ސްކޫލްސް އޮފް އިކޮނޮމިކްސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކޮށް ހަވަޑް ބިޒްނަސް ސްކޫލުން، އެގްޒެކްޓިވް އެޑިޔުކޭޝަން އޮން ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ފުރިހަމަކޮށްފައިވާ އަފީފް ގެ ތައުލީމީ ޙަޔާތް އަދިވެސް ދަނީ ހަމަ ކުރިއަށެވެ. ދާއިރާއިން ޕީއެޗްޑީ ހައްދަވަމުން އަފީފް ގެންދަވަނީ ހަމަ މި ބުރަ މަސައްކަތުގެ ތެރެއިންނެވެ. “އެމީހަކު ވަކި ޓާގެޓެއް ކަނޑައަޅައި އެ ޓާގެޓަށް ވާސިލްވާން ބޭނުމިއްޔާ ކިތަންމެ ބިޒީ ވިޔަސް ވަގުތު ހޯދާނެ. ކާމިޔާބީ އަކީ ބުރަ މަސައްކަތުން ލިބޭ އެއްޗެއް. ” އަފީފް ވިދާޅުވިއެވެ. އައްޑޫސިޓީގެ ހިތަދޫ އަކީ އަމިއްލަ އުފަން ރަށް ކަމުގައި ވިޔަސް އަފީފް އަށް ރަށަށް އާދެވޭ މިންވަރު ވަރަށް މަދެވެ. އެކަމާ އަފީފް ދެރަވެއެވެ. “އަސްލު ވަރަށް ރަށަށް ދާން ވެސް ބޭނުންވޭ. ގާތް ތިމާގެ މީހުންނާ ރައްޓެހިންނާ ބައްދަލުކޮށްލަން ބޭނުން. އެނގިފައި ހުރި އެއްޗެއް އަމިއްލަ ރަށުގެ ޒުވާނުންނަށް ބުނެދޭން ވެސް ބޭނުން. މަސައްކަތުގެ ވަގުތު ހުންނަ ގޮތުން ހަމަ އެފަދަ ފުރުސަތެއް ނުލިބެނީ. ގިނަ ފަހަރު ރާއްޖޭން ބޭރުގައި އެކި ދިމަދިމާލުގައި އުޅެން ޖެހިފައި މި އޮންނަނީ” އަފީފް ވިދާޅުވިއެވެ. ނަމަވެސް އައްޑޫގެ ޒުވާނުންނަށް އުފާވެރި ޚަބަރެއް އެބައޮތެވެ. ރަމަޟާން މަސް ނިންމުމަށްފަހު އައްޑޫގައި ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުމަށް އަފީފްވަނީ އެއްބަސްވެފައެވެ. ސްކޫލް ނިންމާ ދަރިވަރުން ނުވަތަ މަތީ ސާނަވީގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން އައްޑޫގައި ޓްރެއިނިންގ ސެޝަންތަކެއް އަފީފް ނަންގަވައި ދެއްވަވާނެއެވެ. ދުނިޔޭގެ މަޝްހޫރު އެކި ގައުމުތަކުގައި މަތީ ފެންވަރުގެ ކޮންފަރެންސް ތަކުގައި ސްޕީކަރ އެއްގެ ގޮތުގައި މަސައްކަތް ކުރައްވަވާ އަފީފްގެ ސެޝަންސްތަކެއް އައްޑޫގައި ތިބެގެން އައްޑޫގެ ދަރިންނަށް ލިބޭނެ ގޮތް ފަހިވުމަކީ ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެކެވެ. އަފީފްގެ މަސައްކަތަށް އަބަދުވެސް ކުރިއެރުމާއި ކާމިޔާބީ ދެއްވާށި. އާމީން