ޗައިނާ އިން ޖައްވަށް ފޮނުވާލި ރޮކެޓުގެ ބައެއް, އިންޑިޔާ ކަނޑުން ރާއްޖެ ކައިރިއަށް ވެއްޓިއްޖެއެވެ.
ޗައިނާ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، މި ރޮކެޓު ވެއްޓިފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 7:24 އެހާކަށް ހާއިރެވެ. މިކަމާއި ގުޅިގެން އަދި ރާއްޖޭގެ ކަމާއި ބެހޭ އިދާރާތަކުން އެއްވެސް ވާހަކައެއް ހާމަކޮށްފައި ނުވާއިރު ރޮކެޓު ވެއްޓޭނެ ކަމަށް ލާފާކުރާ ސަރަހައްދުގެ ފޮޓޯތަކެއް ޗައިނާއިން މިހާރު ވަނީ އާންމުކޮށްފައެވެ.

ލޯންގް މާޗް-5ބީ ވެހިކަލްގެ ކޮންޓްރޯލް ގެއްލި އެ ރޮކެޓު ވެއްޓޭނީ ސީދާ ކޮން ތަނަކަށް ކަން މީގެ ކުރިން ޗައިނާއަށް ވެސް ކަށަވަރުކުރެވިފައިނުވާއިރު އެމެރިކާ އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ ދުނިޔެ އަށް ވެއްޓޭ ރޮކެޓުގެ މިސްރާބު ބަލަމުންދާ ކަމަށެވެ.
މި ރޮކެޓުގެ ބޮޑު ބައެއް ދުނިޔެ އަށް ވެއްޓިފައިވާއިރު، ވެއްޓުނު ބައިގެ ބަރުދަނުގައި 18 ޓަނު ހުންނާނެކަމަށް ޗައިނާގެ އިދާރާތަކުން ވަނީ ބުނެފައެވެ.
ބަރުދަނުގައި 21 ޓަނު ހުރި މި ރޮކެޓަކީ ޗައިނާއިން ޖައްވުގައި ގާއިމުކުރަން މަސައްކަތްކުރާ ޖައްވީ ސްޓޭޝަނުގެ މައި ކޮމްޕޯނެންޓް ހިފައިން ޖައްވަށް ދިޔަ ރޮކެޓެކެވެ.
މީގެ ކުރިން، 2019 ގައި ވެސް ޗައިނާ އިން އުދުއްސާލި ރޮކެޓެއް ޗައިނާ ގެ އަވަށަކަށް ވެއްޓި ބޮޑެތި ގެއްލުން ތަކެއް ލިބުނު އިރު 2020 ވަނަ އަހަރުވެސް އެ ގައުމުން އުދުއްސާލި ރޮކެޓެއް އެމެރިކާ ގެ ނިއުޔޯކް ސިޓީ އެއް ނުވެއްޓި ސަލާމަތްވީ ހަމަ ކިރިޔާއެވެ.