English Edition
Dhivehi Edition

“އޭއޯ ރޯދައިގެ ބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ކުޅި ހެދިކާއެއް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ. މަސްރޮށްޓަކީ ޒާމާނުއްސުރެ ދިވެހިން ހަވީރު ސަޔަށް ތައްޔާރު ކުރާ މީރު އެއްޗެކެޗެ.

ބޭނުންވާތަކެތި:

1 ޖޯޑު ވަޅޯމަސް

1/2 ޖޯޑު ހުނި ގާނާފައި

1 ސައި ސަމްސާ ގިތެޔޮ މިރުސް ހިމުންކޮށް ކޮށާފައި ހުރި

ރަހަލާވަރަށް ހިކަންދިފަތް (ހިމުންކޮށް ކޮށާފައި)

1 ކުޑަ ފިޔާ ތުނިކޮށް ކޮށާފައި

1 އިނގުރު ހިމުންކޮށް ކޮށާފައި

1/4 އިނގުރު ގާނާފައި

1 ސައި ސަމްސާ ލުނބޯހުތް

ރަހަލާވަރަށް ލޮނު

ފުށްގަނޑަށް: 1 1/2 ޖޯޑު ފުށް، 1 ސަމްސާ ތެޔޮ ، ލޮނުކޮޅެއް، ހޫނު ފެންފޮދެއް : މިތަކެތި އެއްކޮށްފައި ފުށްގަނޑު މޮޑެލާށެވެ. ފުށް ގަނޑު މޮޑެލުމަށްފަހު ގުޅަހަދާފައި ބަހައްޓާށެވެ.

ދެން ފިޔާ، އިނގުރު، ލޮނުމެދު، މިރުސް، ހިކަނދިފަތް، ލޮނު ، ލުނބޯހުތް ތައްޓަކަށް އަޅާފައި ރަނގަޅަށް ރަހަ ނިކުންނަ ވަރަށް މޮޑެލާށެވެ. އެއަށްފަހު މަސްތައް އަޅާފައި އަނެއްކާ މޮޑެލުމަށްފަހު ހުނިވެސް އަޅާފައި ހުރިހާ އެއްޗެއްގައި އެއްވަރަކަށް ރަހަހިފާވަރަށް މޮޑެލާށެވެ.

ދެން ފުށްގުޅަ ނަގާފައި އަތުން ވަށްކޮށްފައި އެތެރެއަށް މަސްތައް އަޅާފައި ގުޅަ ބަންދު ކުރުމަށްފަހު އަތުން މަޑުމަޑުން މަސްރޮށި އޮންނަ ޝޭޕަށް ވަށްކޮށްލާށެވެ. ފުށް ގުޅަ ހުސްވަންދެން މިހެން ހެދުމަށްފަހު ތަވާ އުނދުން މައްޗަށް އުދާފައި ފުށްގަނޑު ރޯފިލަންދެން ދެފުށަށް ޖަހަމުން ފިހެލާށެވެ.