English Edition
Dhivehi Edition

އާއިލާއަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ދަނޑިވަޅު މަންމައާއި އެކު ނެތުމުން ހިތްހަލާކުވެފައިވާ ކަމަށް މަޝްހޫރު ބަތަލާ ހީނާ ހާން ބުނެފިއެވެ.

‘ޔޭ ރިޝްތާ ކިޔާ ކެހެލާ ތާހޭ’ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދުމަށްފަހު މިހާރު ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްފައިވާ ހީނާ ހާން ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިވެފައިވަނީ އޭނާގެ ބައްޕަ އަސްލަމް ޚާން މަރުވިތާ ހަފުތާއެއް ވެސް ނުވަނީހެވެ.

ހީނާގެ ބައްޕަ ކުއްލިގޮތަކަށް ހާޓްއެޓޭކެއް ޖެހިގެން މަރުވި އިރު އޭނާ ހުރީ ކަޝްމީރުގައި މިއުޒިކް ވީޑިއޯއެއްގެ ޝޫޓިންއަށް ގޮހެވެ. ބައްޕަ މަރުވި ކަމުގެ ޚަބަރާއެކު ވަގުތުން މުމްބާއީ އަށް ހީނާ ގޮސްފައިވާއިރު، ހަފްތާއެއް ނުވަނީސް އޭނާ ބައްޔަށް ޕޮޒިޓިވްވެ އާއިލާ އާއި އެކަހެރިވެފައިވާ އިރު މި ވަގުތަކީ އޭނާއަށް ވަރަށް އުދަގޫ ދުވަސްތަކެއްކަމަށް ހީނާ ވަނީ ބުނެފައެވެ.

ބައްޕަގެ ކުއްލި ވަކިވުމާއެކު މަންމަ ކައިރީ ހުންނަން ބޭނުންވި ނަމަވެސް އެކަން ކުރެވެން ނެތުމުން ވަރަށް ބޮޑަށް ހިތާމަކުރާކަމަށް ހީނާ ވަނީ ބުނެފައެވެ. ” މަންމަ އަހަންނަށް އެންމެ ބޭނުންވި ވަގުތު، އެ މަންމަގެ ހިތްހަމަޖައްސައިދިނުމަށް އަހަންނަށް ގާތުގައި ހުރެވޭކަށް ނެތް. އަހަރެންގެ ބައްޕައަށް ހެޔޮ ދުޢާކޮށްދީ” ހިނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ހީނާވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވި ކަން އެގުމާއެކު އޭނާއާއި ބައްދަލުވެފައިވާ ހުރިހާ ފަރާތްތަކުންވެސް ކޮވިޑް ޓެސްޓު ހެދުމަށް ގޮވާލާފައެވެ.