English Edition
Dhivehi Edition

ހަވާ އަރުވަން ފެށީއެވެ. ކުލަކުލައިގެ އަލި ރޮނގުތައް އުދަރެހަށް އަރައިގެން ގޮސް އެކި ދިމަދިމާއަށް ފެތުރެމުން ދެއެވެ. އެކި ކުލައިގެ މަންޒަރުތައް ކުރެހެމުން ދެއެވެ. ފޮޅެމުން ފަރިވަމުންދާ އަލީގެ މާތަކެއް ފަދައިންނެވެ. ދުރުން ފިޔަޖަހާ ތަރިތަކުގެ އަލި ފަނޑު ކޮށްލާފައިވާ މި ހިތްގައިމު މަންޒަރު އެންމެންގެ ސަމާލުކަން އަތުލަމުން ދެއެވެ.

މިއީ އެވަގުތު ސާޖިދުގެ ހިތަށް އެކަން ސިފަވެގެން ދިޔަ ގޮތެވެ. އޭނާގެ ޚިޔާލީ ލޮލަށެވެ. އެއީ އެ އަންހެން ކުއްޖާ ފުރަތަމަ ފެނުނު ވަގުތުއެވެ. އޭނާގެ ބީޓްރޫޓް ކުލައިގެ ފަށުވި އިސްތަށިގަނޑުގެ ދެމެދުން އެ ރީތި މޫނު ފާޅުވެގެންދިޔަ ވަގުތުގައެވެ. އޭނާ އަށް މަދު ސިކުންތު ކޮޅަކަށް ފެނުނު އެ ދެ ލޮލުގެ ވިދުވަރު ސިފަވެގެން ދިޔައީ ފިޔަޖަހަމުން ދިޔަ އަލިގަދަ ތަރި ތަކެއް ފަދައިންނެވެ. ދެބައިކުޅައެއްބަޔަށް ހުޅުވިފައިވާ ފިނިފެންމަލެއްގެ ދެ ފިޔަ ހެން އޭނާގެ ތުންފަތް ހުޅުވިފައި ހުއްޓެވެ. އެ ކުޑަ ވަގުތު ކޮޅު އޭނާގެ މުތީ ތަކެއް ފަދައިން އެތުރިފައިވާ ރީތި ދަތްޕިލަ ވިދާލި ވިދުވަރެއް ހެން ދިޔައެވެ. ސާދަ ވިލޭރޭގެ ހަނދު ބޯވިލާގަނޑެއްގެ ތެރެއަށް ވަދެ ނިވާވިހެން އޭނާގެ އިސްތަށިގަނޑުން އެ ޖާދުވީ މޫނު ފޮރުވިގެން ދިޔައެވެ.

މެދުމިނަށް ވުރެން އިސްކޮޅުން ދިގުކަމަށް ދައްކާ އެކުއްޖާގެ ހަށިގަނޑު ހިމަ ތޮޅި ވެފައި ތުންޏެވެ. އެކަމަކު އޭނާ ލާފައި ހުރި ގަޔަށް ހެޔޮވަރު އުދަރެސް ނޫކުލައިގެ ޓޮޕާއި ގަޔަށް ބާރު ޖީންސުން އޭނާގެ ހަށިގަނޑުގެ ފުރިހަމަ ބައްޓަން ފާޅު ކޮށްދީފައި ވެއެވެ.

ސާޖިދަށް އެ ކުއްޖާ ފެނުމުން އޭނާގެ ހިތުގެތެރޭން ހަވާ އަރަން ފެށީތީ ހައިރާން ވިއެވެ. ޖަޕާނާއި ކޮރެއާގައި ދާދި ފަހުން އޭނާ ހޭދަ ކުރި 3 އަހަރު ބޭރު ގައުމުތަކުގެ ވަރަށް ގިނަ އަންހެން ކުދިންނާ ބައްދަލުވެ އެކުގައި އުޅުމުގެ ފުރުސަތު ލިބިފައިވެއެވެ. މާލެ އައި ފަހުން މިވީ 3 މަސް ދުވަހުގެ ތެރޭގައިވެސް އެތަކެއް ދިވެހި ޒުވާން ކުދީންނާ ދިމާވެފައިވެއެވެ. މީގެ ތެރޭގައި ރީއްޗޭ މި ކިޔާ ހުރިހާ ސިފައެއް ހުންނަ ކުދިން ފެނިފައި ވެއެވެ. އެހެންނަމަވެސް އޭނާގެ ހިތުގެ ތެރޭން މިގޮތަށް ހަވާ އަރުވާ ވަރުގެ ކުއްޖަކާ މީގެ ކުރިން ދިމާވެފައެއް ނުވެއެވެ. މިއީ ކޮންކުއްޖެއްބާއެވެ.

ލިފްޓް ލެއްޕުނު އިރުވެސް ސާޖިދަށް ހުރެވުނީ ބަލަހަށްޓައިގެންނެވެ. އަނެއް ލިފްޓު 0 އަކަށް ހުއްޓުނު ގޮތަށް ހުރީ އެވެ. ނަމްބަރު 2 އަކަށް ހުއްޓިފައި އެތައް އިރަކު ހުރުމަށް ފަހު އަނެއްކާވެސް ތިރިއަށް ދިޔައީ އެވެ. 0ގައި ހުރި ލިފްޓް 1 އަށް އަރާފައި ހުއްޓިއްޖެއެވެ. އެއަންހެން ކުއްޖާ އެރި ލިފްޓް 0 އަށް ހުއްޓިފައި ހުރިގޮތަށް ހުރީ އެވެ. އެންމެ ފަހުން ސާޖިދަށް ތިރިއަށް ފޭބުނު އިރު އެކުއްޖާ ދިޔަ ދިމާ އަކަށް ގޮސް އޮބާލައިފިއެވެ. ޖައްވުގައި ހަރުލާފައި ހުރީ ޗެނަލް 19ގެ ފިރިހެނުންގެ ހިތާ ކުޅެލުމުގައި ބަދަލެއް ނާންނަ ޖާދުވީ މީރުވަހެވެ.

ރީމާ ދިރާގުގެ މައި ހޯލްތެރެއަށް ވަދެގެން ދިޔަ އިރު ހުރިހާ ޒުވާން ޓެކްނިޝަނުންގެ މޫނު އެދިމާއަށް އެބުރިގެން ދިޔައެވެ. މިއީ ރީމާ އައިފަހުން އެތަނުގެ ހުރިހާ ޒުވާން ފިރިހެން ކުދިންނަށްވެސް ވާގޮތެކެވެ. އެކަކު އަނެކެއްގެ މޫނަށް ބަލާލުމުގެ އިތުރަށް އެއްޗެއް ބުނާ ކަށް އެކަކަށް ވެސް ނުކެރެއެވެ. އޭނާ އަކީ އެއެންމެންގެ ވެސް މިއަދުގެ ބޮސް ކަމަށް ވާތީ އެވެ.

އިލެކްޓްރޯނިކް އިންޖިނިއަރިންގ ކޯހެއް ހެދުމަށް ލަންޑަންގެ މަޝްހޫރު ކްއީންމޭރީ ޔުނިވަރސިޓީގައި 4 އަހަރު ހޭދަކޮށްފައި ރީމާ އައި އިރު އޭނާގެ އުމުރުން އަދި މިވީ އެންމެ 21 އަހަރެވެ. މިއީ އޭނާގެ ޓީޗަރުންނާއި ޕްރޮފެސަރުން ވެސް ހައިރާން ކުރުވި ކަމެކެވެ. އަމީނިއްޔާގެ ގްރޭޑް 10 އަކަށް ދިޔައީ ދެފަހަރެއްގެ މަތީން 2 ގްރޭޑް ކުރިއަރައިގެންނެވެ. ލަންޑަނުގައި 5 އަހަރުގެ ކޯހެއް ނިންމާލީ އެއް އަހަރު ކުރިންނެވެ. މުޅި އިންސްޓިއުޓްގައި ވެސް އެ ރޮނގުން ތައުލީމު ހާސިލް ކުރަން ހުރި ހަމަ އެކަނި އަންހެން ކުއްޖަކީވެސް ރީމާ އެވެ. އަދި އުމުރުން އެންމެ ހަގު ދަރިވަރަކީ ވެސް ހަމަ ރީމާ އެވެ. އޭނާ ހޯދި ފާސްތަކަށް ބަލާއިރު އެތަނުގެ ގިނަ ޓީޗަރުންނަށް ވުރެން ފެންވަރު މައްޗެވެ. އެހެންކަމުން އޭނާ އާއި އެ ތަނުގެ ޑީން ބައްދަލު ކުރައްވާ އެ އިންސްޓިޓުއުޓުގެ ޓީޗަރަކަށް ހުރުމުގެ ފުރުސަތު ދެއްވިއެވެ.

އަދި ޔޫކޭގެ ކޭބަލް އެންޑް ވަޔަރލެސްގެ އިންޖިނިއަރ އެއްގެ ވަޒީފާވެސް އޭނާއަށް ދޭން ހަމަޖެހުނެވެ. އެހެންނަމަވެސް ރީމާ މިއިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފިއެވެ. އޭނާ އަންނަން ބޭނުންވީ އަމިއްލަ ގައުމަށެވެ. ރާއްޖެއަށެވެ. އަމިއްލަ ގައުމަށް ޚިދުމަތް ކުރުމަށެވެ.

ރީމާގެ ތައުލީމުގެ އެންމެ ފަހު އަހަރު ކޭބަލް އެންޑް ވަޔަލެސް އަށް އަލަށް އުފައްދި ޑިޖިޓަލް ހައިޓެކް އެކްސްޗޭންޖް ޕްރޮޖެކްޓް ޓީމުގައި އެންމެރަނގަޅު ޚިޔާލު ހުށަހަޅާފައިވަނީ އޭނައެވެ. ވަކިން ޚާއްސަކޮށް ދިވެހިރާއްޖެ އަށް ބޭނުންވާނެ ކަހަލަ އެކްސްޗޭންޖެއް ޑިޒައިން ކުރުމަށް އިސްވެ ހަރަކާތް ތެރިވީ ވެސް އޭނާ އެވެ. ދުރު ދުރުގައިވާ ރަށް ތަކަށް ޚަރަދު ކުޑަ މުވާސަލާތެއް ފޯރު ކޮށްދެވޭނެ ގޮތެއްގެ އެންމެ މޮޅު ޚިޔާލު ހުށަހެޅީ ރީމާ އެވެ. ތެދުތެދަށް ބުނާނަމަ މިއެކްސްޗޭންޖް ޑިޒައިން ކޮށްފައިވަނީވެސް ރީމާގެ އަމިއްލަ ވިސްނުމާއި ޚިޔާލުގެ މައްޗައްށެވެ.

ސާޖިދުގެ އިތާ މުތް އުފައްދާ އާލާ ކުރުމުގެ ފުރަތަ ތަޖްރިބާ ބ. އަތޮޅުގެ ފަޅު ރަށެއްގައި ހިންގަން ފެށީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީގައެވެ. ބްލޫޕާރލްގެ ނަމުގައި އުފައްދާފައިވާ މި ފެކްޓްރީގައި އިތާ މުތް އާލާ ކުރުމުގެ މަސައްކަތް ކުރެވެމުން ދާއިރު، ފުޅާ ދާއިރާއެއްގައި އޭނާގެ ފެކްޓަރީ މިޒަމާނުގެ ފެންވަރަށް ކުރިއެރުވުމަކީ އޭނާގެ އެންމެ ބޮޑު އެއް އުންމީދެވެ.

ބްލޫޕާރލް އަކީ ޚިޔާލީ އެއްޗެއް ކަމަށް ދެކޭ ބަޔަކު ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމު ތަކުގައިވެސް އުޅެއެވެ. އެހެންނަމަވެސް ހަމަ އެ ގައުމުތަކުގެ ކުންފުނިތަކުން މިހާރުވެސް ވިޔަފާރީގެ އެއްބަސްވުންތައް ބުލޫޕާރލް އާ އެކު ހުށަހަޅަމުން އެބަގެންދެއެވެ. . އެއީ އެކަން ކާމިޔާބު ވެއްޖެ ނަމަ އެންމެ ފުރަތަމަ ހުށަހެޅި ފަރާތަކަށް ލިބޭނެ ފައިދާ ތަކެއް އޮންނާނެތީއެވެ. އަދި މީގެ އިތުރުން މި ހޯދުންތަކަށް ޚަރަދު ކުރުމަށް ޝަރުތެއްނެތި ޚަރަދު ކުރާ ކުންފުނިތަކަށް ބޮޑު ފައިދާއެއްވެސް ލިބޭނެތީ އެވެ.

ޖަޕާނުގެ ޕާރލް އިންޑަސްޓްރީ އިންނާއި ފްރޒިޔާންސްގެ ދުނިޔެއަށް މަޝްހޫރު ލަޕާރލޭ އިން ބުލޫޕާރލްގެ ސޯލް އެޖެންޓްކަން ހޯދުމަށް ހުށަހަޅާފައިވާ ކަމުން ސާޖިދުގެ މަސައްކަތަށް އެމީހުން ކުރާ އިތުބާރެއް ހާމަވެގެން ދެއެވެ. މި ކުންފުނި ތަކަކީވެސް މުތް އުފެއްދާ ކުންފުނި ތަކެކެވެ.

ސާޖިދު އަދިވެސް އެއްވެސް ބަޔަކާއެކު ވިޔަފާރީގެ އެއްބަސްވުމަކާ ހަމަޔަކަށް ނުދެއެވެ. އޭނާ އިސްކަންދެނީ ރާއްޖޭގެ ކުންފުންޏެއް މި ކަމުގައި ހިއްސާ ކުރުވުމަށެވެ. އެގޮތުން މިހައިތަނަށް ރާއްޖޭން ހުށަހެޅި އެކި ކުންފުނިތަކުގެ ތެރޭން ވިލާއިން ހުށަހެޅި ހުށަހެޅުމާ މެދު އޭނާ ދަނީ ވިސްނަމުންނެވެ.

ސާޖިދު މިވަގުތު ގެންދަނީ ކުންފުނީގެ މުވާސަލާތީ ނިޒާމް ދުނިޔެއާ އަވަސްގޮތަކަށް ގުޅާލަން ބޭނުން ވެފައެވެ. އޭނާގެ މި މަސައްކަތަކީ ހަމަ އެކަނި އަމިއްލަ ވިޔަފާރި އަކަށްވުރެން ގައުމީ މަސައްކަތެއްކަމަށް ދެކެވަޑައިގެން ސަރުކާރާއި އަމިއްލަ ކުންފުނި ތަކުން ޚާއްސަ އިނާޔަތެއް އޭނާއަށް ދަނީ ދެއްވަމުންނެވެ. އެހެނީ މި ކަމަކީ އިގްތިސާދީ ހަލުވި ދުވެއްޔެއްގައި ދުވަމުން އަންނަ ރާއްޖޭގައި އަޅުވާލެވޭ އިތުރު ޖެޓް އިންޖީނަކަށް ވެގެން ދާނެ ކަމަކަށް ވާނެތީ އެވެ.

ސާޖިދު އެދުނު ފަދައިން ޚާއްސަގޮތަކުން އެ ކުންފުންޏަށް ބޭނުންވާ ގުޅުންތައް ގުޅައިދިނުމަށް ދިރާގުވެސް އޮތީ ތައްޔާރަށެވެ. އެކަމަށް އެތަނުގައި އެވަގުތު ހުރި އެންމެ ކުޅަދާނަ އިންޖިނިއަރ ކަމަށްވާ ރީމާ ހަމަ ޖައްސައި ދެއްވީވެސް އެންމެ ފުރިހަމަ ގޮތުގައި ސާޖިދު އެދޭ ފަދަ ޚިދުމަތްތަކެއް ދިނުމަށް އެކުންފުނިން ވެސް އިސްކަންދޭ މިންވަރުގެ ބޮޑު ކަމުންނެވެ. ސާޖިދުއަށް ދިރާގުން ލިބުނު އެޕޮއިންޓްމަންޓަށް ގޮސް ވަން އިރަކު އޭނައަށް ކުރިމަތިވާން މިއުޅޭ ހައިރާންކަމުގެ ކުޑަވެސް ޚިޔާލެއްނެތެވެ. ފުރަތަމަ އޭނާ ހީކުރެވުނީ އޮޅުމަކުން މި ވަދެވުނީ އެހެން ކޮޓަރިއަކަށް ކަމަށެވެ. އެކަމަކު ރީމާ ހިނިތުންވެލާފައި ” ސާޖިދު، އިށީންނަވާ. އަޅުގަނޑަކީ ރީމާ. ތިޔަ ކަހަލަ ކުންފުންޏަށް ޚާއްސަކޮށް ތައްޔާރު ކުރެވިފައިވާ އެކިއުޕްމެންޓްތަކެއް ލިބެން އެބަހުރި. ގުޅާލަން ފަސޭހަވެފައި ޚަރަދުވެސް ވަރަށް ކުޑަ. އަޅުގަނޑު ގަސްތުކުރަނީ ފުރަތަމައަށްވެސް ތިޔަ ކުންފުންޏަށް މީގެ ކަނެކްޝަނެއް ދިނުމަށް.”

ރީމާގެ ހުރިހާ ހަރަކާތެއް ވަރަށް ގާތުން ނާދިރު ބަލަމުން ގެންދެއެވެ. އޭނާ އަކީ އެތަނުގައި ގިނަ ދުވަސްތަކެއްވަންދެން އުޅެ އެންމެ ސީނިއަރ މީހާ ކަމަށް ވެފައި އެންމެން ވެރިއެއްކަމަށް ދެކޭ އެންމެ ބާރު ގަދަ މީހާ އެވެ. ކަން މިހެން ހުއްޓާ އިހަށް ދުވަހު އައި ޒުވާން އަންހެން ކުއްޖަކު އޭނައަށް ވުރެން އިސް މަގާމަކަށް ހަމަޖެހުމުން އެހެން މީހުންގެ ކުރިމަތީގައި ނާދިރުގެ ގަދަރު ކުޑަވެގެން ދާތަން ދެކޭކަށް އޭނާގެ ހިތެއް ނުރުހެއެވެ. މިއީ ނާދިރަށް އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެކަމެއް ނޫނެވެ.

-ނުނިމޭ-