English Edition
Dhivehi Edition

ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުޅުމީދޫގައި އޯޕެން ޑޭއެއް ބާއްވައި، ދެދުވަހުގެ ރޯވިންގް ކޭމްޕެއް ފަށައިފިއެވެ.

މިއަދުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމު ބޭއްވުމުގެ މަގްސަދަކީ ހުޅުމީދޫގައި ރޯވިން ޕޮޓެންޝަލިޓީ އޮތް މިންވަރު ބެލުމަށް ކަމަށް ރޯވިން އެސޯސިއޭޝަންގެ ރައީސް އަހްމަދު ހަބީބް އެއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރޯވިންގް އެސޯސިއޭޝަންގެ ހަރަކާތްތައް އައްޑޫގައި މިވަގުތު މި ފޯރާފައިވާނީ ގުޅިފައިވާ ރައްތަކުގައި އެކަނި ކަމަަށެވެ. އެހެން ކަމުން މިއީ ހުޅުމީދޫގައި ތިބި ރޯވިންގް އަށް ޝައުގުވެރިވާ ކުދިންނަށާއި ޒުވާނުނަށް، ރޯވިންގް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި ބާއްވާ އިވެންޓެއް ކަމަށް ހަބީބު ވިދާޅުވިއެވެ،

ހަބީބް ވިދާޅުވި ގޮތުގައި މި އޮޕެން ޑޭއި އާއި ގުޅިގެން 2 ދުވަހުގެ ޓްރެއިނިންގް ކޭމްޕް ބާއްވަނީ ހުޅުމީދޫގައި ކުދިން ތަމްރީން ކުރުމަށެވެ.

“މިއީ ހުޅުމީދޫގައި ރޯވިންގް ބޭސް އެއް ހެދުމުގެ ފުރަތަމަ މަރުހަލާ . މިއަށްފަހު ދެން ކުރިއަށް ދާނީ ހުޅުމީދޫގައި ރޯވިންގް ބޭސް އެއް ހެދުމުގެ މަސައްކަތް ” ކަމަށް ހަބީބް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އާއި ގުޅިގެން މިފަދަ ކަމެއް ކުރިއަށް ގެންދަނީ ރައްޔިތުންނާ ފުލުހުންނާ އޮންނަ ގުޅުން އިތުރަށް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށް ސައުތު ޑިވިޝަން ކޮމާންޑާ އަލީ ޝަރީފް ވިދާޅުވިައެވެ.

އޭއޯނިއުސް އަށް މައުލޫމާތު ދެއްވަމުން އަލީ ޝަރީފް ވިދާޅުވީ މި ކަމުގެ ސަބަބުން މުޖްތަމައު ތެރޭ ކުށް މަދުވެ ގިނަ ބަޔަކު މިފަދަ ކަންކަމުގައި ޝާމިލް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަލީ ޝަރީފް ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ރޯވިން އެސޯސިއޭޝަން ގުޅިގެން ފުވައްމުލަކުގައި ވެސް މިފަދަ ކޭމްޕަކާއި އަދި އޯޕަން ޑޭ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ހުޅުމީދޫގައި ރޯވިންގް އެސޯސިއޭޝަންގެ ހަރަކާތެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. އިއްޔެ ގެ އޯޕެން ޑޭ ގައި ވަނީ ރޯވިންގް ތަޖުރިބާ ކޮއްލަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ހުޅުވާލާފައެވެ.