“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައިި މިއަދު ގެނެސްދެނީ އަވަން ބޭނުން ނުކޮށް ތައްޔާރުކޮށްލެވޭ މީރު ޗީޒްކޭކް ތައްޔާރު ކުރާނެގޮތުގެ ރެސިޕީއެވެ. ޗީޒްކޭކަކީ ހުރިހާ އުމުރު ފުރައެއްގެ މީހުންގެ މެދުގައިވެސް މަގްބޫލު ކޭކަކަށް ވުމާއެކު މި ކޭކަކީ އެހާމެ ފަސޭހައިން ތައްޔާރުކޮށްލެވޭ ކޭކަކަށްވީތީ މިއަދުގެ ރެސިޕީ ކަމުދާނެކަމަށް އުންމީދު ކުރަމެވެ.
ބޭނުންވާތަކެތި:
ބިސްކޯދު ކްރަސްޓަށް:-
2 ޖޯޑު ބިސްކޯދު ފުނޑުކޮށްފައި (ގްރަމް ކްރެކާ ނުވަތަ މާރީބިސްކޯދު)
1/3 ޖޯޑު ބްރައުން ޝުގާ
1/2 ޖޯޑު އަންސޯލްޓެޑް ބަޓަރ ވިރުވާފައި
ޗީޒްކޭކަށް ބޭނުންވާތަކެތި:-
1 ޖޯޑު އަދި 1/4 ހެވީ ކްރީމް ނުވަތަ ވިޕިންގ ކްރީމް
680ގ ކްރީމް ޗީޒް ބްލޮކް
1/2 ޖޯޑު ހަކުރު
1/4 ޖޯޑު ސަވަ ކްރީމް
2 ސައި ސަމްސާ ލުނބޯ ހުތް
1 ސައި ސަމްސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ ބިސްކޯދު ފުނޑު ކުރުމަށްފަހު ހަކުރު އަދި ބަޓަރ އެއްކުރުމަށްފަހު 9 އިންޗި ނުވަތަ 10 އިންޗި ޓްރޭއެއްގައި ބިސްކޯދު ލޭޔާ އަތުރާށެވެ. ސަމުސަލަކުން ރަނގަޅަށް ބާރުކޮށްފައި 10-20 މިނެޓްވަންދެން ފްރިޖްގައި ބަހައްޓާށެވެ.
ފިލިންގ ތައްޔާރުކުރުމަށް ވިޕިންގް ކްރީމް ހޭންޑް މިކްސަރަކުން ރަނގަޅަށް މިކްސް ކުރާށެވެ. ދެން ވަކިން އެހެން ތައްޓެއްގައި ކްރީމްޗީޒް އަދި ހަކުރު އެޅުމަށްފަހު ރަނގަޅަށް ހަކުރު ވިރެންދެން ގިރާލާށެވެ. އެއަށްފަހު ސަވަރ ކްރީމް، ލުނބޯހުތް އަދި ވެނީލާ އެސެންސް އަޅައިގެން އަނެއްކާ މިކްސް ކުރާށެވެ. ދެން ރަބަރު ދޭފަތަކުން އެންމެ ފުރަތަމަ ތައްޔާރު ކުރި ވިޕް ކްރީމް އަދި ފަހުން ތައްޔާރު ކުރި ކްރީމްޗީޒް މިކްޗަށް ރަނގަޅަށް އެއްކޮށްލާށެވެ. މިގޮތަށް އެއްކުރާ އިރު ގޮށްނުލާގޮތަށް ރަނގަޅަށް އެއްކުރަންވާނެއެވެ.
ދެން ފްރިޖްގައި ބެހެއްޓި ބިސްކޯދު ޓްރޭނެގުމަށްފަހު ބިސްކޯދު ލޭޔާމަތީގައި ކްރީމް މިކްޗަށް ރީތިކޮށް ފަތުރާލާށެވެ. މިހާރު މިހިރީ ޗީޒްކޭކް ތައްޔާރުކޮށްނިމިފައި ދެން ކޭކް 6-8 ގަޑި އިރުވަންދެން ފްރިޖްގައި ބެހެއްޓުމަށްފަހު ސާރވް ކުރާށެވެ.
ނޯޓް: ކޭކްގެ މަތި ގާނިޝް ކުރަން ބޭނުންނަމަ ސްޓްރޯބެރީ ނުވަތަ ބޭނުން ފުރުޓަކުން މަރި ރީތިކޮށްލެވިދާނެއެވެ.