English Edition
Dhivehi Edition

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ލެމަންގްރާސް ހުންނަ މަގުގައި ރޭގަނޑު 8:20 ހާ އިރު މަގުމަތިން ދިޔަ އަންހެނަކު ހިފަހައްޓައި ހަނި ގޯޅިއެއްގެ ތެރޭ ހުރި ކޮޓަރިއަކަށް ވައްދައި ރޭޕްކުރަން އުޅުނުކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މިކަން ހިނގާ ދިޔަ ގޮތް ފެނިގެން ދިޔަ ވީޑިއޯ އެއްވެސް ޝޯޝަލް މީޑިއާގައި ދައުރުވަމުން ދިޔައެވެ. ރަޙުމެއް ތިބި ބައެއްނަމަ ވީޑިއޯ ފެނި ލޭވެސް ކެކޭނެއެވެ. ވީޑިއޯއިން ފެނިގެން ދަނީ ފިރިހެނަކު އެ އަންހެން މީހާ އަތުގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރާ މަންޒަރެވެ. އެ ވަގުތު އެ އަންހެން މީހާ ގަދަ ދައްކަމުން ދާ މަންޒަރު ފެނެއެވެ. އެވަގުތު އަންހެން މީހާ ބިންމައްޗަށް ވެއްޓުމުން ދެމީހަކު ވެގެން ގަދަބާރުން އަންހެން މީހާ ގޯޅިގަނޑެއްގެ ތެރެއަށް ވައްދާތަން ފެނެއެވެ. އެކަކު ހިފަނީ އަންހެން މީހާގެ ފައިގައެވެ. އަނެކަކު ކޮނޑުގައެވެ. ކައިރީގައި ބަޔަކު ތިބިތަންވެސް ފެނެއެވެ. އެކަން ހުއްޓުވަން އެއްވެސް ކަމެއް ނުކޮށް ތިބިތަން ވެސް ފެނުނެވެ.

ދިވެހިންނަކީ އަބަދުވެސް އަދުލު އިންސާފަށް ވަކާލާތު ކުރާ ބައެކެވެ. 1960 ގެ އަހަރުތަކުން ވީއްލި 2021 އަށް އައިއިރު ހޭލުންތެރިކަންވެސް އިތުރެވެ. ހިޔާލު ފާޅުކޮށް އަޑުއުފުލަނީ ޖެހިލުމެއްނެތި އިންސާފަށެވެ.

ހަބަރު ސުރުޙީ ތަކާއި އެކު ވީޑިއޯ ވައިރަލް ވެގެން ދިޔުމުން ޝޯޝަލް މީޑިއާގައި އެކަން ކުށްވެރިކޮށް މީހުން ފާޑު ކިޔަމުން ދިޔައެެވެ. ޖަޒްބާތުން ފުރިގެންދިޔަ އެތައް އެފްބީ ސްޓޭޓަސް ތަކާކާއި ޓްވިީޓް ތަކެއް ފެނުނެވެ. އަންހެން މީހާގެ ދިފާޢު ގައެވެ.ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުންވެސް އެކަން ކުށްވެރިކޮށް ހިޔާލު ފާޅުކުރިއެވެ. އެމަންޒަރު ފެނުނު އިރު އެކަން ހުއްޓެން އޮތް ގޮތަކަށް ހުއްޓުވަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ މިނިސްޓަރ މަޙްލޫފްވެސް ޓްވީޓެއް ކުރެއްވިއެވެ. އެހިސާބުން ނުނިމެއެވެ. އެކަން ކުރި މީހުން ހޯދާ ހައްޔަރުވެސް ކުރިއެވެ. ފުރަތަމަ ޖެހި ބަންދުގެ މުއްދަތު ހަމަވެ ދެވަނަ މުއްދަތަކަށް ބަންދުވެސް ޖަހައިފިއެވެ.

ދެފިރިހެނުން ހައްޔަރު ކުރި ފަހުން ދެން ފެނިގެން ދިޔަ ހަބަރު ތަކަކީ އެދެ ފިރިހެނުން އުޅުނީ އެއަންހެން މީހާ ރޭޕް ކުރަން ނޫން ކަމަށެވެ. އެތަނުން އެއް ފިރިހެނަކާ އެއަންހެން މީހާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމެވެ. ފެނުނު މަންޒަރަކީ ފިރިހެން މީހާ ކުއްޔަށް ހިފާފައި ހުރި ތަނެއްގައި އަންހެންމީހާ ބަހައްޓާފައި ހުއްޓައި އަންހެން މީހާ ފިލައިން ދިޔުމުން، އޭނާ ފެނުމުން އަބުރާ ގެއަށް ވެއްދި ތަން ކަމަށެވެ. މިއަށް ބާރުލިބޭ ގޮތަށް އަނެއްކާ މިވަނީ އަންހެންމީހާގެ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި ދައުރުވެފައެވެ. މި ވީޑިޔޯގައި ރޭޕްގެ ޝިކާރައަކަށް ވުމުން އެމީހަކަށް އެންމެން ޖަޒުބާތުތައް ބަންޑުންކުރި އަންހެން މީހާގެ ވާހަކަ އޭނާ ބަޔަކާ ހިިއްސާކުރާތީ ފެނެއެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރަމުން މޭޒެއް ކައިރީގައި އިނދެ ބުނާތީ އަޑުއިވެއެވެ. “ވިޝަންޓެއަށް ގެޓްވީ ނުބައިކޮށް. ރޭޕް ކުރާކަށް ނޫން އުޅުނީ،އަހަރެން އަދިވެސް ނުދެވޭ ފުލުހުންނަށް ބަޔާނެއް” މިހެން ބުނުމާއި އެކު ބަޔާން ދޭންވާގޮތް އެހެން މީހަކު ބުނެދޭތީ އަޑުއިވެއެވެ. މައުލޫމާތު ލިބުނު ގޮތުގައި ޝޯޝަލް މީޑިޔާގައި ވައިރަލް ވެފައިވާ ވީޑިޔޯ އަކީ ހައްޔަރުކޮއްފައިވާ ދެ ފިރިހެނުން ތެރެއިން އެކަކުގެ އާއިލާ އެ އަންހެން މީހާ ދިމާ ކުރިއިރު ދެއްކި ވާހަކަތަކެއްގެ ވީޑިޔޯ އެކެވެ. ބައްދަލުކުރީ ވާހަކަ ދައްކައިން މައްްސަލަ ހައްލު ކުރަން ކަމަށް ވެއެވެ. ވީޑިޔޯގައިވެސް ރޭޕް ކުރަން ނޫޅޭކަމަށް ބުނާތީ އަޑުއިވެއެވެ. ނަމަވެސް ކަންހިނގައިދިޔަ ގޮތުގެ ތެދު މަޢުލޫމާތު ދެވޭނީ 15,000 ރުފިޔާ އަންހެންމީހާއަށް ހައްޔަރުކޮށްފައިވާ ފިރިހެންމީހާގެ އާއިލާއިން ދިނުމުން ކަމަށް ބުނެފައިވާކަމަށް އެއާއިލާއިން ބުނެއެވެ.

އަންހެންމީހާގެ ދުލުން އުޅުނީ ރޭޕް ކުރަން ނޫން ކަމަށް ބުނާތިީ އަޑުއިވިއްޖެއެވެ. ނަމަވެސް އިޙާނެތި ކޮށް ބިމަށްވައްޓާ ދަމާފަ ގެންދަން އޯކޭ ހެއްޔެވެ؟ ކޮންމެ މީހަކީވެސް އިއްޒަތަކާއި ޤަދަރަކާއި ލިބިގެން ވާނެ މީހެކެވެ. ތިމާގެ ބައިވެރިޔާ ދެކެ އިންތިހާއަށް ލޯބިވިޔަސް އަނިޔާއަށް ރުހިގެން ހުރުމަކީވެސް ގޯހެކެެވެ. އެއީ އަންހެނެއް ވިޔަސް ފިރިހެނެއްވިޔަސް އަނިޔާވެރި ވެގެން ނުވާނެއެވެ. ނަމަވެސް މައްސަލައަށް ފީނާލާއިރު ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ހުރިހާ ކަމެއްވެސް މިވަނީ އޯކޭވެފައެވެ. މިކަންކަން އޯކޭ ވާއިރު މިފަދަ ކަމެއް ހިނގާއިރު އެކަމެއްވިޔަ ނުދީ އެކަން ހުއްޓުވަން ބަޔަކަށް ވަންނަން ކެރޭނެ ހެއްޔެވެ؟