ގއ ކޫއްޑޫ ކައިރީގައި ގިނަ އަދަދެއްގެ މަސްދޯނިތަށް މަސްނުކިރި 12 ގަޑި އިރު ހޭދަކޮށްފިއެވެ
ޒަމާނާ އެއްވަރަށް މަސްވެރިކަން ކުރިއަރައި، މަސް ދޯނިފަހަރުގެ ކެޕޭސިޓީ ބޮޑުވެ، ފަހުގެ ޓެކްނޮލޮޖީ މަސްދޯނިތަކުގައި ބޭނުންކުރި ނަމަވެސް ކޫއްޑޫއަށް ވޭތުވެދިޔަ 20 ވަރަކަށް އަހަރުތެރޭ މާ ބޮޑު ބަދަލެއް އައިސްފައިނުވާއިރު، 12 ގަޑިއިރަށް ވުރެ ގިނަ އިރު މަސްނުކިރި މި ރޯދަމަހު ތިބެން ޖެހޭކަމަށް ދިވެހި މަސްވެރިން ބުނެފިއެވެ.
އޭއޯނިއުސް އަށް މަޢުލޫމާތު ދިން މަސްވެރިއަކު ބުނީ މިރޯދަމަހު ރަނގަޅަށް މަސްބޭނި ދުވަހެއްވަހެއް ވިއްޔާ އެދުވަހެއްގެ މެންދުރު ކޫއްޑޫއަށް ދިއަޔަސް މަސްވެރިން ތިބެންޖެހޭނީ ރޯދަވީއްލަން ވެސް ރަށަށް ނުދެވި ކިއުގައިކަމަށެވެ. އެހާ ގިނަ އިރުވަންދެން ކިއުގައި ތިބެން މިޖެހެނީ މިދުވަސްކޮޅު މަސްވެރިކަން ރަނގަޅުވުމުން ކަމަށް އެމީހާ ބުނެއެވެ. މަސްވެރިކަން ރަނގަޅުވުމުން ގިނަ އަދަދެއްގެ މަސްދޯނި މި ރޯދަމަހު މަސްކިރަން ކޫއްޑޫއަށް ކައިރިގައި ކިއުހަދާފައި އޮތްކަން ފާހަގަކުރަމުން އެމީހާ ބުނެފައިވަނީ އެހެންވަނީ، މިހާރު ކުރިން އޮންނަ ގޮތަށް މަސްކިރާ ބޯޓުތަކަށް މަސްނުކިރޭތީ ކަމަށެވެ.
މަސް ފިނިކުރާ ދެ ކޮޓަރި ކޫއްޑޫގައި ހުރިނަމަވެސް މަސްދޯނިތަކަށް ބޭނުންވާވަރަށް އައިސް ނުލިބުމުގެ މައްސަލައަކީ އަދިވެސް ހައްލުނުވެ އޮތް ކަމެއްކަމަށް މަސްވެރިން ދަނީ އަބަދުވެސް ބުނަމުންނެވެ. ނިމިދިޔަ އަހަރު ތެރޭ ފައިސާ ނުލިބި އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު މިހާރު މަހުގެ އަގު ބޮޑު ތަނުން ދަށަށް ގޮސްފައިވާއިރު މަސް ޓަނަކަށް ލިބެނީ 9،000 ރުފިޔާ އާއި 16،000 ރުފިޔާ ދެމެދުގެ އަދަދެއް ކަމަށް މަސްވެރިން ފާހަގަ ކޮށްފައިވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ގިނަ އަދަދެއްގެ މަސްވެރިންތަކެއް ވަނީ ފެލިވަރު ކައިރީ މުޒާހާރާކޮށްފައެވެ. އެމުޒާހާރާގައި މަސްވެރިން ވަނީ ފަސް ކަމަކަށް ޑިމާންޑްކޮށްފައެވެ. އޭގެ ތެރޭގައި މަހުގެ ހަމަ އަގު ހޯދައި ދިނުމާ، އައިސް ލިބުން ފަސޭހަކޮށް އަގުހެޔޮ ކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.
ނިމިދިޔަ އަހަރު މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުހާނާ އިތުރަށް ތަރައްޤީކޮށް މަސް ރައްކާކުރެވޭ މިންވަރު 3،050 ޓަނުން 8،000 ޓަނަށް އިތުރުކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށާނެކަމަށެވެ.އޭގެއިތުރުން މަޝްރޫއުތައް ނިމުމުން މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެކަމަށް ރައީސް ވިދާޅުވި ނަމަވެސް އަދިވެސް މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ލިބިފައެއް ނުވެއެވެ.
މި ރޯދަމަހު މަސްވެރިކަން ރަގަޅުވެގެން ދިޔަނަމަވެސް ގިނަ ރޭޜޭ މެންދަމު ދޭއްޖެހުމާއި ގާތްވެފައިވާއިރުވެސް ކުއްޑޫ ފަޅުގައާއި ފަޅުން ބޭރުގައި ކިޔޫ ނަންބަރު ނަގައިގެން މަސްވެރިން މަސްނުކިރި ތިބެންޖެހުމަކީ ނުހަނު ހިތްދަތި އިހުސާސްތަކެއް ކުރުވާ ކަމެއްކަމަށްމަސްވެރިން ވަނީ ފާހަގަ ކޮށްފައެވެ.