English Edition
Dhivehi Edition

މި ދުވަސްކޮޅަކީ މަސްވެރިކަން ރަނގަޅު ދުވަސްކޮޅަކަށް ވެފައި އިއްޔެއާއި މިއަދު މަސްވެރިން ބޭނި މަސް ކިރުވަމުން ދިޔުމާގުޅިގެން ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސް އަށް މަސް ނުކިރޭނެކަމުގެ ބިރު ހީވެ މަސްވެރިން ހިތްހަމަ ނުޖެހުންތައް ފާޅުކުރަން ފަށައިފިއެވެ.

މަސްވެރިޔަކު ފޭސްބުކްގައި ހިއްސާ ކޮށްފައިވާ ވީޑިއޯއަކަށް ބަލާލުމުން ގާތްގަނޑަކަށް 16 މަސްދޯނި މިހާރުވެސް ކޫއްޑޫ ފަޅުތެރޭގައި ހުރިކަން އެނގެއެވެ.

މިއަދު 14:30 އެހާކަންހާއިރު މަސްވެރިޔަކާ ފޯނުން ގުޅާލުމުން ބުނީ އެފަރާތަށް މައުލޫމާތު ލިބިފައިވާ ގޮތުން ފަޅުތެރޭގައި މިހާރު ތިބި ދޯނިތަކުގައި އެކަނިވެސް 100 ވަރަކަށް ޓަނުގެ މަސް ހުންނާނެކަމަށާއި، އަދިވެސް ކޫއްޑޫއާ ދިމާލަށް މަސްދޯނިފަހަރު މަސްކިރުވުމަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. ހަމަ މިކަމަށް އިޝާރާތްކޮށް މަޝްހޫރު ޒުވާން މަސްވެރިޔާ ސާޖިން ވަނީ ފޭސްބުކް ޕޯސްޓަކުން އޭނާގެ ހިތްހަމަ ނުޖެހުންތައް ބަންޑުންކޮށްލާފައެވެ.

” ހަތް އަހަރު މިވަނީ އަހަރެން ހުއްޓުމެއްނެތި މިހެންގޮވާތާ، އަދިވެސް ދާއިމީ ހައްލެއްނާދޭ” ސާޖިންގެ ޕޯސްޓްގައިވެއެވެ.
މަސް ނުކިރިގެން ދިމާވާ މިމައްސަލައަކީ ވަރަށްގިނައިން ދިމާވާ، އަދި އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވިފައިވާ މައްސަލައެކެވެ. ކޫއްޑޫމަސް ފެކްޓްރީއަކީ 1990ގެ އަހަރުތަކުގައި ތަރައްގީ ކުރެވިފައިވާ އެޒަމާނަށް ފެތޭވަރުގެ ތަނެކެވެ.