English Edition
Dhivehi Edition

ބެންކް އޮފް މޯލްޑިވްސްއިން ގއ.ކޮލަމާފުށީގައި ހުންނަ އަތޮޅު މަދަރުސާގައި ސާފު ބޯފެން ލިބޭ ނިޒާމެއް ޤާއިމުކޮށްފިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ޤާއިމުކޮށްފައިވާ މި ނިޒާމަކީ ގއ.އަތޮޅު މަދަރުސާގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ބޭނުންކުރާ ފެނަކީ ރައްކާތެރި ފެން ކަމުގައި ހެދުމަށްޓަކައި ޤާއިމުކޮށްފައިވާ ނިޒާމެކެވެ. މިމަސައްކަތުގެ ތެރެއިން ބީއެމްއެލްއިން ވަނީ އެރަށު ސްކޫލްގައި އާރު.އޯ މެޝިނެއް ބަހައްޓާފައެވެ.

މި ޕްރޮޖެކްޓްގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމާއި، ބުއިމަށް ރައްކާތެރި ފެން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މިމަސައްކަތުގެ ތެރެއިން 2 އާރު.އޯ މެޝިނެއް ބަހައްޓާފައިވާނެކަމަށާއި، މިދެމެޝިނުން އުފައްދާ ފެން ރައްކާކުރެވޭނެގޮތަށާއި، ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިންފެން ބޯން ލިބޭނެހެން 3 ވޯޓަރ ޑިސްޕެންސަރެއްވެސް ބެހެއްޓިފައިވާނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ބީއެމްއެލްގެ ޕްރޮޕޯސަލް ކާމިޔާބު ކުރި ކޮލަމާ ޖަމިއްޔާގެ ފަރާތުން ވާހަކަ ދައްކަމުން ޝާމާ ތައްޚާން ބުނީ، ބީއެމްއެލްގެ މި ޕްރޮޖެކްޓާއިއެކު އެ ރަށު ސްކޫލުގައި ކިޔަވަމުންދާ 114 ދަރިވަރުންނަށާއި، ސްކޫލް މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ލިބުމަށް ފަސޭހަވާނެކަމަށެވެ.

މީގެ ކުރިން މިފަދަ ހިދުމަތެއް ގާއިމު ނުވެހުރުމުގެ ސަބަބުން ދިމާވި ދަތިތަކުގެ ވާހަކަ ދައްކަމުން ޝާމާ ބުނީ މީގެ ކުރިން އެރަށު ސްކޫލްގައި ބޭނުންކުރީ ޑީސަލިނޭޝަން ފެންކަމުން މިފެނުގެ ރައްކާތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ޔަގީން ކަމެއް ނޯންނަކަމަށެވެ.

ބީއެމްއެލްއިން ކުރިއަށްގެންދާ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ މި ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ކުޅިވަރުގެ ހަރަކާތްތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ތަޢުލީމު ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.