އިނގިރޭސިވިލާތުން މިޔަންމާ ސިފައިންނަށް ހިންގަމުން ދިޔަ ތަމްރީނު ޕްރޮގްރާމްތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ.
އިނގިރޭސިވިލާތުން ހިންގައިދެމުންގެން ދިޔަ ތަމްރީނުތައް ހުއްޓާލީ،މި ސެޕްޓެމްބަރު މަހުގެ 06 ވަނަ ދުވަހު، އެކަން ހުއްޓާލުމަށް އެދި އިނގިރޭސި ޕާލަމެންޓްގެ 150 މެމްބަރުން ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަންއަށް ސިޓީ ފޮނުއްވާފައި ވަނިކޮށެވެ.
އިނގިރޭސިވިލާތުން ބުނެފައިވަނީ މިއީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންގެންދާ އަމަލުތަކުގެ ސަބަބުން އެޅި ފިޔަވަޅެއް ކަމަށެވެ.އަދި މި ފިޔަވަޅާއެކު ދެން މިޔަންމާގެ އަސްކަރިއްޔާއާއެކު އިނގިރޭސި ސަރުކާރުގެ ދިފާއީ ވުޒާރާއިން އެއްވެސް މުއާމަލާތެއް ނުކުރާނެކަމަށާއި މިޔަންމާ ސިފައިން ތަމްރީނުކުރުމުގެ އެއްވެސްކަމެއް ދިފާއީ ވުޒާރާއިން ދެން ކުރިއަށް ގެންދާނީ މި މައްސަލައަށް ސުލްހަވެރި ހައްލެއް ގެނައުމުންކަމަށް ބޮޑުވަޒީރު ތެރީސާ މޭ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުންވަނީ ރާޚައިން އެޑްވައިޒަރީ ކޮމިޝަނުން ހުށަހަޅާފައިވާ ކަންތައްތައް ތަންފީޒު ކުރުމަށް މަދަނީ ސަރުކާރަށް މަގުފަހި ކޮށްދިނުމަށްވެސް އަސްކަރިއްޔާއަށް ގޮވާލާފައެވެ.
ރާޚައިން އެޑްވައިޒަރީ ކޮމިޝަނަކީ ރޮހިންޖާ މުސްލިމުންގެ މައްސަލަ ހައްލުކުރާނެ ގޮތެއް ހޯދުމަށް އަންގް ސަން ސޫކީ އެކުލަވާލި ކޮމިޝަނެކެވެ. އެކޮމިޝަންގެ ވެރިޔަކަށް ހުންނެވީ އދގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާންއެވެ.